ޖުމްހޫރީ ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް އެ ޕާޓީން މަރުހަބާ ކިޔާނެ ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ ޖޭޕީއަކީ އެ ޕާޓީއަށް އެހީތެރިކަން ފޯރުކޮށްދޭ ކޮންމެ ފަރާތަކަށް މަރުހަބާ ކިޔާ ޕާޓީއެއް ކަމަށެވެ.

"ކުރިން އަޅުގަނޑުމެންނާ އެއްކޮށް މަސައްކަތް ކުރައްވާފަ ދޭތެރެއަކުން އަޅުގަނޑުމެންނާ ތަންކޮޅެއް ދުރަށް ވަޑައިގެންނެވި ބޭފުޅުންނަށް ވެސް އަލުން އަނބުރާ ޕާޓީގައި މަސައްކަތް ކުރަން ބޭނުންވާ ކޮންމެ ބޭފުޅަކަށް ވެސް ޕާޓީގެ ޕްލެޓްފޯމު ވަނީ ހުޅުވިފަ. އަޅުގަނޑުމެން ބޭނުން އެގޮތަށް ތިއްބެވި ބޭފުޅުންނަށް އަދިވެސް ފުރުސަތު އޮތްކަން އަންގާލަން،" އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ވެސް އެންމެންނާ ގުޅިގެން މަސައްކަތްކުރެއްވޭނެ ވަރުގެ ގާބިލުކަން ހުރި އަދި ޕާޓީގެ ހުރިހާ މެމްބަރުންނާއެކު ކުރިއަށް ވަޑައިގެންނެވޭނެ ހަރުދަނާ ލީޑަރެއް ކަމަށެވެ.

ޖޭޕީގެ އަމާޒަކީ ގާސިމް ބޭނުންފުޅުވާ ގޮތަށް، އެންމެންނާ ގުޅިގެން ކުރިއަށް ވަޑައިގެންނެވުން ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ޕާޓީއާ ގުޅިގެން އަދި ޕާޓީގެ އެހެން މީހުންނާއެކު ބައިވެރިވެގެން މަސައްކަތްކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް ދައުވަތު އަރުވާކަމަށެވެ.

ހަމައެއާއެކު، ރާއްޖޭގެ އެކި ހިސާބުތަކުގައި ޕާޓީގެ ގޮފިތައް އުފައްދާފައިވާ ނަމަވެސް އެ ގޮފިތައް ހަރުދަނާ ކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. ހާއްސަކޮށް ދާއިރާތަކުގެ ރައީސުން ހޮވާއިރު އެކަމުގައި އެހީތެރިވުމަށް އޭނާ ގޮވާލެއްވިއެވެ.

އަމީން ވިދާޅުވީ ޕާޓީގެ މަސައްކަތްތައް ވަރުގަދަ ކުރަން ޕާޓީގެ އިސްވެރިން ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރާތް ކުރައްވާނެ ކަމަށެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ހުރިހާ ޕާޓީއަކުން ވެސް ތައްޔާރީތައް ވާން މިހާރު ފަށާފައިވާއިރު ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އަންނަ ޑިސެމްބަރު މަހު ބާއްވަން ތައްޔާރުވަމުންދާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ނަމަވެސް ކޮންގްރެސް ބާއްވާނެ ވަކި ތާރީޚެއް އަދި އެ ޕާޓީގެ ކައުންސިލުން ކަނޑައަޅާފައިނުވާކަން އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.