ގޭތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އަންހެނަކު ފިރިހެނެއްގެ ކަރަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް ތަހުގީގު ކުރިއަށް ދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިދިޔަ އާދިއްތަ ދުވަހުގޭ ރޭ ދަންވަރު ފިރިހެނަކު ކަރަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދާފައި ކަމަށް އެ ހޮސްޕިޓަލުން ހޯމަ ދުވަހު ވަނީ ބުނެފައެވެ.

އަނިޔާ ލިބުނު މީހާ އެމަޖެންސީގައި ފަރުވާ ހޯދުމަށްފަހު ވޯޑަށް ބަދަލުކުރި ފަހުން އާއިލާއިން އެދިގެން އޭނާ ގެއަށް ދޫކޮށްލާފައިވާ ކަމަށް ވެސް އޭޑީކޭއިން ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި އެ ފިރިހެން މީހާއަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ ގޭތެރޭގައި ހިނގި ޒުވާބެއްގައެވެ. ނަމަވެސް ހަމަލާ ދިނީ އޭނާއާ ކޮން ގުޅުމެއް އޮތް އަންހެނެއްކަން އަދި ވަނީ ކަށަވަރު ނުވެފައެވެ.

އެކަމާ ގުޅިގެން އިއްޔެ ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެއާ ހަމައަށް ވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ އިއްޔެ ބުނެފައެވެ.

އެކަމާ ގުޅިގެން މިހާރު މީހަކު ހައްޔަރުކޮށްފައިވޭތޯ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ އެކަމާ ގުޅިގެން އަދިވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ ތަހުގީގު ދަނީ ކުރިއަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގައި އަދިވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު އެކަން ހިނގައިދިޔަ ގޮތުގެ އެއްވެސް މައުލޫމާތެއް ވެސް ފުލުހުން އަދިވެސް ހާމައެއް ނުކުރެއެވެ.

ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިނުމަކީ ސީރިއަސް މައްސަލައެކެވެ. އެފަދަ މައްސަލަތަކުގައި މީގެ ކުރިން ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރެއެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ވެސް ހިއްސާ ކުރެއެވެ.

ނަމަވެސް މި މައްސަލާގައި ފުލުހުން ކަން ހިނގި ގޮތެއް ވެސް ހާމައެއް ނުކުރެއެވެ.