މޮސްކޯ (31 އޮގަސްޓް 2022): ކުރީގެ ސޮވިއެޓް ޔުނިޔަންގެ އެންމެ ފަހުގެ ރައީސް މިޚައިލް ގޯބަޗޯވް ރޭގެ ވަގުތެއްގައި ވަނީ އަވަހާރަވެފައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ.

ފަރުވާ ދިނުމަށްޓަކައި ގޯބަޗޯވް އެދުމަތިކޮށްފައިވާ ރަޝިއާގެ ހޮސްޕިޓަލުން ބުނިގޮތުގައި ގޯބަޗޯވް އަވަހާރަވީ ނުރައްކާތެރި ބޮޑު ބައްޔެއްގައި ދިގުމުއްދަތެއްގައި ވަރަށް ހާލުގައި އުޅުއްވުމަށްފަހުއެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ގޯބަޗޯވް އަވަހާރަވީ ވަރަށް ނުރައްކާތެރި ބައްޔެއްގެ ސަބަބުން

ރިޕޯޓްތައް ބުނާގޮތުން ގޯބަޗޯވް ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން ގެންދާތާ ދެއަހަރެއްހާ ދުވަސް ވަނީ ވެފައެވެ. ގޯބަޗޯވްއަށް ކުރިމަތިވި ސިއްހީ މައްސަލަތަކުގެ ތެރޭގައި ހިތުގެ މައްސަލައާއި ފުއްޕާމޭގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތައް ހިމެނެއެވެ. ނާދިރު ވައްތަރެއްގެ ކެންސަރެއްވެސް ވަރަށް ފަހުން ގޯބަޗޯވްގެ ހަށިގަނޑުން ފެނިފައިވާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ގޯބަޗޯވް މޮސްކޯގެ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ 2020 ވަނަ އަހަރު ރަޝިއާގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރެން ފެށުމާއެކުގައެވެ.

ތައުޒިޔާ

ގޯބަޗޯވް އަވަހާރަވުމާ ގުޅިގެން ރަޝިއާގެ ރައީސް ވްލަޑީމީރު ޕޫޓިންވަނީ ގޯބަޗޯވްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ބިސްކޯވް ވިދާޅުވިގޮތުގައި ރައީސް ޕޫޓިންވަނީ ވަރަށް އިޚްލާސްތެރި ތައުޒިޔާއެއް ގޯބަޗޯވްގެ އާއިލާއަށް ދަންނަވާފައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގްޓެރެޝް ކުރެއްވި ޓްވީޓެއްގައި ގޯބަޗޯވް ސިފަކުރައްވާފައިވަނީ ދުނިޔެއަށް ހަމަޖެހުމާއި ސުލްހަ ގެނައުމަށް އާދަޔާ ޚިލާފު މަސައްކަތްތަކެއް ކުރެއްވި ޒައީމެއްގެ ގޮތުގައެވެ. ގޯބަޗޯވް ވަކިވެދިޔުމަކީ މުޅި ދުނިޔެއަށްވެސް ކުރިމަތިވި ހިތާމައެއް ކަމަށް ގްޓެރެޝް ވިދާޅުވިއެވެ.

ގޯބަޗޯވް ސޮވިއެޓް ޔުނިޔަންގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ކުރީކޮޅުގެ ފޮޓޯއެއް

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވިިގޮތުގައި ގޯބަޗޯވް އަކީ ދުނިޔޭގެ ސުލްހައަށާއި އިސްލާހަށް އާދަޔާ ޚިލާފަށް މަސައްކަތްކުރެއްވި ލާމަސީލު ބޭފުޅެކެވެ. ޗައިނާގެ ރައީސް ޝީޖިންޕިން އާއި ދުނިޔޭގެ އެތައް ގައުމެއްގެ ރައީސުންވަނީ ގޯބަޗޯވް އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވެފައެވެ.

ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުން

ރަޝިއާގެ އަސްލު ދަރިކޮޅު ކަމަށްވާ ސްލާވް ދަރިކޮޅުގެ ބޭފުޅެއްކަމަށްވާ މިޚައިލް ގޯބަޗޯވް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ރަޝިއާގެ ދެކުނު އަވަށެއްގައި 1931 ވަނަ އަހަރުއެވެ. ރޭގެ ވަގުތެއްގައި ގޯބަޗޯވް އަވަހާރަވިއިރު އޭނާގެ އުމުރުފުޅަކީ 91 އަހަރެވެ. ގޯބަޗޯވް މަދްރަސީ ތައުލީމާއި ޔުނިވާސިޓީ ތައުލީމު ހާސިލް ކުރެއްވީވެސް ރަޝިއާގައެވެ. މަތީ ތައުލީމު ހާސިލް ކުރެއްވީ މޮސްކޯ ޔުނިވާސިޓީން ގާނޫނީ ދާއިރާއިންނެވެ.

ކުރީގެ ރޫސީވިލާތް ނުވަތަ ޔޫއެސްއެސްއާރުގެ ވެރިކަމަށް ވަޑައިގެންނެވުން

ގޯބަޗޯވް ސިޔާސީ ދާއިރާގައި ކުރިޔަށް ވަޑައިގެންނެވީ ރޫސީވިލާތުގެ ކޮމިއުނިސްޓް ޕާޓީގެ ތެރެއިންނެވެ. ކޮމިއުނިސްޓް ޕާޓީގައި ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރައްވައި އުމުރުން 54 އަހަރުގައި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަން ލިބިވަޑައިގެންނެވެ. ސެކްރެޓަރީ ޖެނެރަލްއަކީ ސޮވިއެޓް ޔުނިޔަންގައި ވެރިކަންކުރި ކޮމިއުނިސްޓް ޕާޓީގެ ޒައާމަތުގެ ހައިރާކީގެ އެންމެ އިސް މަގާމެވެ.

އެމަގާމުގައި ހުންނަވާ ބޭފުޅަކީ ސޮވިއެޓް ޔުނިޔަންގެ ޒައީމު ނުވަތަ ރައީސް އެވެ. ގޯބަޗޯވް އަކީ އެމަގާމަށް އެހާ ހަނގު އުމުރެއްގައި ވަޑައިގެންނެވި ފުރަތަމަ ޝަޚްސިއްޔަތެވެ. ސޮވިއެޓް ޔުނިޔަންގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަމަށް ގޯބަޗޯވްގެ ކުރިން މުޅިންވެސް ވަޑައިގެންފައިވަނީ 65 އަަހަރުން މަތީ އުމުރުގެ ބޭފުޅުންނެވެ.

އިސްލާހީ ބަދަލުތައް

ގޯބަޗޯވް ރަޝިއާގެ ވެރިކަމަށް ވަޑައިގެން ސޮވިއެޓް ޔުނިޔަންއަށް އިސްލާހީ ބަދަލުތައް ގެނައުމަށާއި އެގައުމުގެ އިގްތިސާދު ދުނިޔެއަށް ހުޅުވާލުމަށްޓަކައި "ބިރިސްތްރޮއިކާ އާއި ގޮލޮސްނެސް"ގެ ނަމުގައި އިސްލާހީ ވަރުގަދަ ޕްރޮގްރާމެއް ފެއްޓެވިއެވެ.

މި ޕްރޮގްރާމުގެ ދަށުން ރޫސީވިލާތުގެ ވެރިކަމުގެ ހައިރާކީއަށްވެސް ބަދަލުތަކެއް ގެންނެވިއެވެ. މީގެތެރޭގައި ރަޝިއާގެ ރައީސްކަމުގެ މަގާމާއި ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ދެ ބޭފުޅަކު އަދާކުރައްވާ ދެ މަގާމަކަށް ހެއްދެވިއެވެ.

މިގޮތުން ވެރިކަމުގެ ހުރިހާ ބާރުތަކެއް ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ އަތްޕުޅުގައި އޮންނަ އޮތުން އެގޮތުގައި ބޭއްވިނަމަވެސް ރޫސީވިލާތުގެ ރައީސަކީ އެހެންބޭފުޅަކު އަދާކުރައްވާ ބާރެއްނެތް ޝަރަފުވެރި ރަމްޒީ މަގާމަކަށް ގޯބަޗޯވް ހެއްދެވިއެވެ. ކުރިން އޮންނަ ގޮތުން ރޫސީވިލާތުގެ ރައީސަކީވެސް ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އެވެ.

ރޫސީވިލާތުގެ އިއްތިހާދުގެ ރައީސްކަމުގެ މަގާމަށް ގޯބަޗޯވްގެ ވެރިކަމުގައި އައްޔަން ކުރެއްވީ އެގައުމުގެ ޚާރިޖީ ވަޒީރުކަން 40 އަހަރެއްހާ ދުވަހު ކުރެއްވި އެންޑްރޭ ގްރޮމިކޯ އެވެ.

ފިނި ހަނގުރާމަ ނިމުމަކަށް ގެނައުން

ކުރީގެ ރޫސީވިލާތާއި އެމެރިކާއާ ދެމެދު އޮތް ފިނި ހަނގުރާމަ ނިމުމަކަށް ގެންނެވީ ގޯބަޗޯވް އެވެ. ދެ ޖަރުމަނުގެ ދެމެދުގައިވާ މަޝްހޫރު ބާލިން ފާރު ތަޅާލައި ހުޅަނގު ޖަރުމަނާއި އިރުމަތީ ޖަރުމަނު އެއްކޮށްލުމަށް ފުރުސަތު ލިބިގެން ދިޔައީވެސް ގޯބަޗޯވް ފެއްޓެވި އިސްލާހީ ޕްރޮގްރާމުގެ ސަބަބުންނެވެ.

ރަޝިއާގެ ޒައާތުގައި އިރުމަތީ ޔޫރަޕްގެ ގައުމުތައް ހިމަނައިގެން އުފައްދާފައިވާ އަސްކަރީ ޖަމާއަތް ކަމަށްވާ "ވޯސޯ ޕެކްޓް" އުވާލީވެސް ފިނި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގޯބަޗޯވް ކުރެއްވި މަސައްކަތްތަކުގެ ދަށުންނެވެ. ނަމަވެސް ސުލްހައަށްޓަކައި ނޭޓޯ އުވާލަން އެމެރިކާ އެއްބަހެއް ނުވިއެވެ. ނޭޓޯއަކީ ރޫސީވިލާތާ ކުރިމަތިލާން އެމެރިކާގެ ޒައާމަތުގައި ހުޅަނގު ޔޫރަޕްގެ ގައުމުތަކާއި ކެނެޑާ ހިމެނޭގޮތަށް އުފައްދާފައިވާ ހުޅަނގުގެ އަސްކަރީ ޖަމްއިއްޔާއެވެ.

ފިނި ހަނގުރާމަ ނިމުމަކަށް ގެނައުމުގައާއި ވޯސޯޕެކްޓް އުވާލުމާއި ދެ ޖަރުމަނު އެއްކޮށްލުމާއި ބާލިން ފާރު ތަޅާލުން ފަދަ ސުލްހައިގެ ކަންކަމަށް ގޯބަޗޯވް މަގުފަހި ކުރެއްވުމުގެ ސަބަބުން 1990 ވަނަ އަހަރު ގޯބަޗޯވްއަށް ވަނީ ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައެވެ.

ގޯބަޗޯވް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ރޭގަން އާއެކު

ނަމަވެސް 1991 ވަނަ އަހަރު ރޫސީވިލާތުގެ ބިޔަ އިއްތިޙާދު ޔޫއެސްއެސްއާރު ނުވަތަ ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިއުމުގެ އަސްލަކީ ގޯބަޗޯވްގެ އިސްލާހީ ޕްރޮގްރާމު ކަމަށްވާ "ބިރިސްތްރޮއިކާ އާއި ގޮލޮސްނެސް" އާއި ގޯބަޗޯވް އެމެރިކާއަށާއި ހުޅަނގަށް ދެއްވި އާދަޔާ ޚިލާފު ދޫތައްކަމަށް ރަޝިއާގެ ގިނަ ބަޔަކު ދެކެއެވެ.

އެެހެންކަމުން ގޯބަޗޯވް އަކީ ރަޝިއާގައި މަގުބޫލު ބޭފުޅެއް ނޫނެވެ. ރަޝިއާގެ ގިނަ ބަޔަކު ދެކޭގޮތުގައި ސޯވިއެޓް ޔޫނިއަން ރޫޅި ދުނިޔެ ހަމައެކަނި އެެމެރިކާގެ ބާރުގެ ދަށަށްދިޔައީ ގޯބަޗޯވްގެ ސަބަބުންނެވެ. އަދި 1990ގެ އަހަރުތަކުގައި ރަޝިއާއަށް ކުރިމަތިވި އިގުތިސާދީ ތަދުމަޑުކަމުގެ އަސްލަކީވެސް ގޯބަޗޯވްގެ "ބިރިސްތްރޮއިކާ އާއި ގޮލޮސްނެސް" ކަމަށް އެމީހުން ދެކެއެވެ. މިއާ ޚިލާފަށް އެމެރިކާއާއި ހުޅަނގު ޔޫރަޕްގެ ގައުމުތަކުގައި ގޯބަޗޯވް އަކީ ވަރަށް މަގްބޫލު ބޭފުޅެކެވެ.

ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުން

ކުރީގެ ރޫސީވިލާތުގެ އިއްތިޙާދު ނުވަތަ ސޮވިއެޓް ޔުނިޔަންގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ސޮވިއެޓް ޔުނިޔަންގެ ޒައީމުކަން ގޯބަޗޯވް ކުރެއްވީ 1985 ވަނަ އަހަރުގެ މާޗްމަހުގެ 11 ވަނަ ދުވަހުން ފެށިގެން 1991 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހާ ހަމައަށެވެ. 1991 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހަކީ ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔަކަން ރަސްމީގޮތުން އިއުލާނުކުރި ދުވަހެވެ.

ނަވާރަސަތޭކަ ނުވަދިހައެއް ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ސޮވިއެޓް ޔުނިޔަން ދިޔައީ ރޫޅެމުންނެވެ. އެއީ ރޫސީވިލާތުގެ އިއްތިޙާދުގައި ހިމެނޭ ގައުމުތައް ގައުމަކަށްފަހު ގައުމެއް އަމިއްލައަށް މިނިވަންކަން އިއުލާނު ކުރަމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މިހާރުގެ ރަޝިއާއަކީ ސޮވިއެޓް ޔުނިއަންގެ އިއްތިޙާދުގައި ހިމެނުނު 15 ޖުމްރޫހިއްޔާގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ ކުރިއަރާފައިވާ އަދި އެންމެ ރިސޯސްފުލް އެންމެ މުއްސަނދި އަދި އެންމެ އާބާދީ ބޮޑު ގައުމެވެ.