30 Mar 2012, 17:04
ޕީޕީއެމްއެމްގެ ކައުންސިލް މެންބަރު މާޒު އަހުމަދު ސަލީމަށާއި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޝިހާބާއި ހޯމް މިނިސްޓަރު ހަސަން އަފީފު އަދި ޔޫތް މިނިސްޓަރު ހަސަން ލަތީފަށް ބަޔަކު ދީފައިވާ ހަމަލާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ކުށްވެރިކުރައްވައިފި އެވެ.
ލ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދާ ދަތުރުފުޅެއްގައި އުޅުއްވަމުން ރައީސް ވަހީދު ވަކިވަކިން ކުރައްވާފައިވާ ދެ ޓުއިޓެއްގައި ވަނީ ރޭގެ އެ ހަމަލާތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ.
އޭގެތެރެ އިން ރޭ މާޒް ސަލީމް މެންގެ ގެއަށް ބަޔަކު ވަދެ މާރީމާރީ ހިންގި މައްސަލައާ ގުޅިގެން ކުރައްވާފައިވާ ޓުއިޓްގައި ރައީސް ވަހީދު ވިދާޅުވެފައި ވަނީ މީސްމީހުންގެ ގެދޮރަށް ވަދެ މާރާމާރީ ހިންގުމަކީ މޮޅުކަމެއް ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށެވެ. އަދި ދެ ވަނަ ޓުއިޓްގައި ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުގެ ތިން މިނިސްޓަރަކަށް ބަޔަކު މީހުން ހަމަލާދީފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
"މިއިން އެއްވެސް ކަމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން. ވަރަށް ހަރުކަށި އިބާރާތުން އެކަންތައް ކުށްވެރިކުރަން،" ރައީސް ވަހީދު ވިދާޅުވެފައިވެ އެވެ.
މާޒް ސަލީމު ދިރިއުޅުއްވާ ގޭގައި އުޅުއްވަނިކޮށް ބަޔަކު މީހުން އެގޭތެރެއަށް ގަދަކަމުން ވަދެ ގަނެ މާރާމާރީ ހިންގައި، އެގޭގެ ބައެއް ތަކެއްޗަށް ގެއްލުންދީފައިވާ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެމްޑީޕީން ކާނިވަލުގައި ބޭއްވި އެއްވުމަކަށް ވަޑައިގެންނެވި ހަސަން ލަތީފާއި ހަސަން އަފީފު އަދި މުހައްމަދު ޝިހާބާ ދިމާކޮށް، ބަޔަކު ހަމަލާދިން މައްސަލައާ ގުޅިގެން ފުލުހުން ބުނީ ޝިހާބަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.