31 Aug 2022, 09:40
ސޯވިއެޓް ޔޫނިއަންގެ އެންމެ ފަހު ލީޑަރު މިކައިލް ގޯބަޗޯވް، 91، އަވާހަރަވެއްޖެއެވެ.
ރަޝިއާގެ ވެރިރަށް މޮސްކޯގައި ހުންނަ ސެންޓްރަލް ކްލިނިކަލް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައިވާ ގޮތުން ގޯބަޗޯވް އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އެ ހޮސްޕިޓަލުން ނުދެއެވެ.
ރަޝިއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި ގޯބަޗޯވް ފަސްދާނުލާނީ އޭނާގެ އަނބިކަނބަލުން ފަސްދާނުލާފައިވާ، މޮސްކޯގެ ގަބުރުސްތާނެއްގައެވެ.
ގޯބަޗޯވް ސޯވިއެޓް ޔޫނިއަންގެ ވެރިއަކަށް ހުންނެވީ 1985އިން 1991އަށެވެ. އެ ކުރު މުއްދަތުގައި އޭނާ ސޯވިއެޓް ޔޫނިއަންއަށް ގިނަ ބަދަލުތަކެއް ގެންނެވިއެވެ.
ނަމަވެސް އެގައުމުތައް އިއްތިހާދެއްގެ ގޮތުގައި ދެމެހެއްޓުމުގައި ގޯބަޗޯވް ނާކާމިޔާބުވެ، އޭނާގެ އިސްތިއުފާއާއެކު ސޯވިއެޓް ޔޫނިއަން އުވިގެންދިޔައެވެ. އެއާއެކު ފިނި ހަނގުރާމަ ނިމި، އިރުމަތީ ޔޫރަޕްގެ ގައުމުތައް ސޯވިއެޓް ވެރިކަމުން މިނިވަންވެ، ރަޝިއާ ވަކި ދައުލަތެއްގެ ގޮތުގައި އުފެދުނެވެ.
ފިނި ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާ ކުރައްވާފައި ވާތީ 1990 ވަނަ އަހަރު ގޯބަޗޯވްއަށް ވަނީ ނޮބެލް ސުލްހައިގެ އިނާމު ދީފައެވެ. އޭނާއަކީ ރަޝިއާއިން ބޭރުގައި މަގުބޫލު ބޭފުޅެއް ނަމަވެސް ރަޝިއާގެ ގިނަ ބަޔަކު ދެކެނީ ސޯވިއެޓް ޔޫނިއަން އުވިގެން ގޮސް، ދުނިޔޭގައި ރަޝިއާގެ ބާރު ކުޑަވެގެން ދިޔައީ ގޯބަޗޯވްގެ ސަބަބުން ކަމަށެވެ. އަދި 1990ގެ އަހަރުތަކުގައި ރަޝިއާއަށް ކުރިމަތިވި އިޖުތިމާއީ އަދި އިގުތިސާދީ ކާރިސާތަކުގެ ޒިންމާ ނަގަން ޖެހޭނީ ގޯބަޗޯވް ކަމަށް ވެސް އެ މީހުން ދެކެއެވެ.
ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ގޯބަޗޯވްގެ އާއިލާއަށް ތައުޒިޔާގެ މެސެޖެއްގެ ފޮނުއްވާފައި ކަމަށް ރައީސްގެ ތަރުޖަމާނު ވިދާޅުވިއެވެ.
ފާއިތުވި އަހަރުތަކުގައި ޕޫޓިން ވެސް ވަނީ ސޯވިއެޓް ޔޫނިއަން އުވިގެން ދިޔުމަކީ ރަޝިއާއަށް ވަރަށް ލަދުވެތި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.