31 Aug 2022, 09:43
ނިއުޔޯކްގެ ފްލަޝިން މެޑޯސްގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް މެޗްގައި އިއްޔެ ސެރީނާ ވިލިއަމްސް އާއި ޑަންކާ ކޮވިނިކް ބައްދަލުކުރި މެޗް ސެރީނާ ކާމިޔާބުކޮށްފިއެވެ.
ނިއުޔޯކްގެ ފްލަޝިން މެޑޯސްގައި ހުންނަ އަރްތޫރް އޭޝް ސްޓޭޑިއަމްގައި ކުޅުނު މިމެޗް ސެރީނާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗްގެ ދެ ސެޓް ވެސް ސެރީނާ ގެންގޮސްފައި ވަނީ 3-6ގެ ނަތީޖާއަކުންނެވެ.
މިމެޗް ބެލުމަށް ދަނޑަށް ވަން މީހުން ގިނަ ކަމުން މުޅި ދަނޑުއޮތީ ފުރިފައެވެ. އަރްތޫރް އޭޝް ސްޓޭޑިއަމަށް އެއްފަހަރާ 25،000 މީހުންނަށް ކުޅިބަލަން ވަދެވެއެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި ސެރީނާ ވާދަކުރަން ޖެހޭނީ، ދެވަނައަށް ސީޑްކޮށްފައިވާ އެސްޓޯނިއާގެ އެނެޓް ކޮންޓަވިއެޓާއާ ދެކޮޅަށެވެ.
މިހާރު އުމުރުން 40 އަހަރުގެ ސެރީނާ ވިލިއަމްސް ކެރިއަރުގައި އޭނާ ވަނީ، ގްރޭންޑް ސްލޭމްގެ ޗެމްޕިއަންކަން 23 ފަހަރު ހޯދާފައެވެ. މިފަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތަކީ ސެރީނާ ވިލިއަމްސްގެ ވަދާއީ މުބާރާތެވެ. މުބާރާތަށްފަހު ސެރީނާ ޓެނިސް ކުޅުން ހުއްޓާލުމަށް ނިންމާފައިވަނީ، އާއިލާއަށް ވަގުތު ހުސްކޮށް ދިރިއުޅުމުގެ ކަންކަމަށް އެއްކޮށް ވަގުތު ދޭންކަމަށް ސެރީނާ ވަނީ ބުނެފައެވެ.
ޓެނިހުގެ ތާރީޚަށް ބަލާއިރު، ސެރީނާ ވިލިއަމްސް އަދި އޭނާގެ ކޮއްކޮ ވީނަސް ވިލިއަމްސް ވަނީ ޓެނިހުގެ ދުނިޔެއަށް ބޮޑު އިންގިލާބެއް ގެނެސްދީފައެވެ. ޓެނިހުގެ ދުނިޔޭގައި އެންމެ ކާމިޔާބު އަންހެން ދެ ކުޅުންތެރިންގެ ތެރޭގައި ސެރީނާ އާއި ވީނަސް ހިމެނެއެވެ.