ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ގޮތުން މިއަދު ހަވީރު ބުރު ސްޕޯޓްސް އާއި، ކްލަބް ޓީނޭޖް ބައްދަލުކުރި މެޗްގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅޭ ކަންތައްތައް އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށް ނިންމައިފިއެވެ.

ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ގޮތުން ކުޅުނު މި މިމެޗް ހުއްޓާލާފައިވަނީ، 87 ވަނަ މިނެޓް ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

މެޗްގެ ކުޅުން ހުއްޓާލަން ދިމާވި މައިގަނޑު ސަބަބަކީ، ފަހުވަގުތުގެ ތެރޭގައި ބުރުގެ ކުޅުންތެރިން ކުރި ފައުލްތަކަށް ރެފްރީ ފައުލް ނުދިނުމެވެ.

ބުރުގެ ކުޅުންތެރިން ކުރި ފައުލްތަކަށް ކާޑު ނުދެއްކުމާ ގުޅިގެން އުފެދުނު ހިތްހަމަ ނުޖެހުންތަކަށްފަހު، ޓީނޭޖްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ދަނޑު މައްޗަށް އަރާފައެވެ. އެންމެފަހުން ހަމަނުޖެހުމަކަށްގޮސް ރެފްރީ ވަނީ ދުވެފައިގޮސް ޗޭންޖިން ރޫމަށް ވަދެފައެވެ.

ކުޅުން މެދުކެނޑިފައޮތް މެޗާ ގުޅޭގޮތުން އެންމެފަހުން މެޗް ކޮމިޝަނަރު ނިންމެވީ، ކޮމިޓީ މަރުހަލާގެ ތެރެއިން މެޗާމެދު ވަކިގޮތެއް ނިންމުމަށެވެ.

ހަމަނުޖެހުން ބޮޑުވެގެން ހުއްޓާލަންޖެހުނު މި މެޗާ ގުޅޭގޮތުން ކޮމިޓީގެ ބައްދަލުވުމުން ނިންމި ގޮތް ހާމަކުރަމުން އެފްއޭއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޗްގެ ފުރިހަމަ ވަގުތު ހަމަނުކުރެވުނީ، ކުލަބް ޓީނޭޖްގެ އިހުމާލުން ކަމަށް ކަންހިނގާފައިވާގޮތަށް ބެލުމުން އެނގެން އޮންނަކަމަށެވެ. ކޮމިޓީން ވަނީ މެޗް ހުއްޓާލީ މެޗްގެ 87 ވަނަ މިނެޓްގައި ކަމަށްވެފައި އެވަގުތު ނަތީޖާ އޮތްގޮތަކީ މެޗްގެ ފުރިހަމަ ވަގުތުކަމަށް ވެސް ކަނޑައަޅާފައެވެ.

މީގެ އިތުރުން ކޮމިޓީގެ އިއްތިފާގުން ނިންމާފައިވަނީ، މެޗްގެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ޑިސިޕްލިނަރީ ކަންކަން ބެލުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް ފޮނުވުމަށެވެ.

ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ގޮތުން ކުޅުނު މިމެޗް 87 ވަނަ މިނެޓްގައި ހުއްޓާލަން ޖެހުނުއިރު 1-3ގެ ނަތީޖާއިން ކުރީގައި އޮތީ، ބުރު ސްޕޯޓްސްއެވެ.

މެޗް ފަށައިގެން ފުރަތަމަ ފަސްމިނެޓް ތެރޭ ބުރު ސްޕޯޓްސް ކުލަބުން ވަނީ ލީޑް ނަގާފައެވެ. މި ގޯލް ކާމިޔާބުކޮށްދިނީ، މިރްޖަލޯލް ކަސީމޯވް ނަގައިދިން ހުރަހަކުން އަހުމަދު މުހައްމަދު (ގާބަލާ) އެވެ. މި ލަނޑުގެ ކުރިން ކްލަބް ޓީނޭޖްގެ ސާދިރުއްދީން އުލްގީއަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިފައެވެ. އޭރިއާ ތެރެއިން ފޮނުވާލި މި ބޯޅަ ދިޔައީ ގޯލް ދަނޑިކައިރިން ބޭރަށެވެ.

ބުރުން ލީޑް ނަގާފައިވަނިކޮށް، 20 ވަނަ މިނެޓް ތެރޭ އެޓީމުގެ ޑިފެންޑަރު އަހުމަދު ނުހާދު (ގުއްޕެ) އަތުން ބައިކޮޅަށްވަން ލަނޑާއެކު މެޗްގެ ނަތީޖާ ވަނީ އެއްވަރުވެފައެވެ.

މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތު ކުޅުމުގެ ތެރޭގައި ޓީނޭޖުން ލަނޑެއް ޖެހިނަމަވެސް ބޯޅަ ގޯލުގެ ތެރެއަށް ވަންއިރު ރެފްރީ އަހުމަދު ޝަކީލް ވަނީ ފުރަތަމަ ހާފްގެ ކުޅުން ނިންމުމަށް ކަށިގަނޑު ފުމެފައެވެ.

މެޗްގެ ދެވަނަ ހާފް ފަށައިގެން ބުރުން ވަނީ ގާތްގާތުގައި ޓީނޭޖްގެ ގޯލަށް އަމާޒްކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މީގެތެރެއިން 55 ވަނަ މިނެޓް ތެރޭގައި ތައްތި ޖެހި ހިލޭ ޖެހުމެއް ޓީނޭޖްގެ ކީޕަރު އަބްދުލް ހަމީދު ދިފާއުކުރިއިރު، އޭގެ އިރުކޮޅެއްފަހުން މިރްޖަލޯލް ޖެހި ދެ ހިލޭ ޖެހުންވެސް ކީޕަރުވަނީ ދިފާއުކޮށްފައެވެ.

މެޗްގައި ދެވަނަ ފަހަރަށް ބުރަށް ލީޑް ނަގައިދިނީ، ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ)އެވެ. އެއީ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއް ޓީނޭޖް ކުޅުންތެރިން ސާފްކޮށްލަން އުޅުމުގެ ތެރޭގައި ފޮނުވާލި ބޯޅަ އޭރިއާގެ ތެރެއިން އައްމަޑޭ ގޯލަށް ފޮނުވާލައިގެންނެވެ.

ބުރުން މި މެޗްގައި ޖެހި ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީވެސް އައްމަޑޭއެވެ. އެއީ މެޗްގެ 75 ވަނަ މިނެޓް ތެރޭގައި ނިޒާމްބެ އަރިމަތިން ދުވެފައިގޮސް އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.