30 Aug 2022, 20:37
އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހު 9-0ގެ ނަތީޖާއަކުން ލިވަޕޫލްއަތުން ބޯންމައުންތު ބަލިވިތާ ތިން ދުވަސް ފަހުން އެ ޓީމުގެ ކޯޗު ސްކޮޓް ޕާކާ މަގާމުން ވަކިކޮށްފިއެވެ.
ޕްރިމިއާ ލީގުގެ މި ސީޒަންގައި ބޯންމައުތު ހަތަރު މެޗު މިހާތަނަށް ކުޅެފައިވާއިރު އެ ޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި އެންމެ ފަހުން ކުޅުނު ތިން މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.
އެހެންކަމުން އެ ޓީމު ލީގު ތާވަލުގައި އޮތީ ތާވަލުގެ 17 ވަނައިގައެވެ. ރެލިގޭޝަން ޒޯނުން އެ ޓީމު ސަލާމަތްވަނީ އެންމެ 18 ވަނައިގައި އޮތް އެވަޓަން އަދި 19 ވަނައިގައި އޮތް ވޯލްވްސް އަށް ވުރެ އެންމެ ޕޮއިންޓެއް އިތުރަށް ލިބިގެންނެވެ.
ޕާކާ މަގާމުން ވަކިކުރުމަށްފަހު ބޯންމައުތުގެ ވެރިޔާ މެކްސަމިން ޑެމިން ވަނީ ޕާކާ ޓީމާއެކު ހޭދަކުރި ވަގުތާއި ޓީމު ބިނާކުރުމަށް ކުރި ބުރަ މަސައްކަތަށް އޭނާއަށް ޝުކުރު އަދާކޮށްފައެވެ.
ޑެމިން ވިދާޅުވީ ބޯންމައުތު ޓީމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް މެނޭޖުމެންޓުން ބައެއްކަހަލަ ސްޓްރެޓެޖީތައް ގެންގުޅޭކަމަށާއި، ވަކި ޝަރުތެއްނެތި ބައެއްކަހަލަ ނިންމުންތައް ވެސް ޓީމަށްޓަކައި ނިންމަންޖެހޭކަމަށެވެ.
ބޯންމައުތު އިން ބުނީ އެ ޓީމަށް ކޯޗު ކޮށްދިނުމަށް އާ ކޯޗެއް ހޯދުމުގެ މަސައްކަތް ވަގުތުން ފަށާނެކަމަށާއި، ވަގުތީ ގޮތުން ކޯޗުކަމާ ހަވާލުވާނީ ގެރީ އޯނީލް ކަމަށް ވެސް އެ ޓީމުން ވަނީ ބުނެފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތު ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމު ކޮޅަށް ނުވަ ގޯލު ޖެހުމުން ގިނަ ބަޔަކު ވަނީ ހައިރާންވެފައެވެ.
އެ މެޗަށް ފަހު މީޑިއާއާ ވާހަކަ ދައްކަމުން ޕާކާ ބުނެފައިވަނީ އެ ނަތީޖާގެ ސަބަބުން އޭނާ ހައިރާން ނުވާކަމަށެވެ. ލީގުގައި ވާދަކުރުމަށް ކުޅުންތެރިން އެ ޓީމަށް ބޭނުންވާނެކަމަށް އޭނާ ވަނީ ބުނެފައެވެ.