"ރޭގަނޑު ފަހު ބައިގާ ކުރާ ދުއާ އިޖާބަކުރައްވައެވެ. ގިނަގިނައިން ބޭނުން ކަންތަކަށް އެދި ދަންނަވާށެވެ. ދުއާއަކީ ބާރުގަދަ ހަތިޔާރެކެވެ."

***

ސުފިޔާން ކާރުގެ ދުވެލި މަޑުކޮށްލީ އަލްވާގެ ގެއާއި ތަންކޮޅެއް ދުރުންނެވެ. އޭނައަށް އާދެވުނީ ހަމަ ބަރާބަރު ވަގުތަށެވެ. ނާކިއާ ހުރީ އަލްވާގެ ގޭގެ ކުރިމަތީގައި އަނެއްފަރާތަށް އެނބުރިގެންނެވެ.އެއީ ނާކިއާކަން ޔަގީންވިއެވެ. ނާކިއާކަން ދެނެގަންނަން މޫނު ކޮންމެހެން ފެންނާކަށް ނުޖެހޭނެއެވެ.

ނާކިއާއަށް ދޭން ގަނެގެން އައި ރަތްކުލައިގެ ފިނިފެންމަލަށް އޭނަގެ ނަޒަރު ހުއްޓުނެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ދެވަނަ ފަހަރަށް ސުފިޔާން އިސްއުފުލައިލިއިރު ނާކިއާވެސް މިފަރާތަށް އެނބުރި މޫނު ހާމަވިއެވެ. ހިތުގެ ބައްޓަމަށްވާ އެ މޫނުގައި އެއްވެސް މޭކަޕެއްނެތް އިރުވެސް ވިދައެވެ. ދެއްކުންތެރިކަމުގެ ކަންފުޅެއްވެސް އެމޫނުން ނުފެނެއެވެ. ކަޅުލައިގެ ހެދުމަކާއި ބުރުގާއެއްގައި ފޮރުވިގެން ހުއްޓަސް ހަޔާތުގައި ދެކުނު އެންމެ ރީތި އަންހެންކުއްޖާކަމުގައި ސުފިޔާންގެ ހިތްވެސް ގަބޫލުކުރިއެވެ. އެއީ އެއްއިރެއްގައި އޭނަގެ އަނބިމީހާކަމުން އެހެން އެންމެނަށްވުރެ ބޮޑަށް އޭނަ ނާކިއާ ދަނެއެވެ. ރީތީ ހަމައެކަނި ބޭރުފުށެއް ނޫނެވެ. ނާކިއާގެވަނީ އެންމެ މަޑު އަދި އެންމެ އޯގާތެރި ހިތެވެ.

އެންމެފަހުން ނާކިއާގެ އަތުގެ ތެރޭގައި އޮތް ކުޑަ ދަރިފުޅަށް ނަޒަރު ހުއްޓުމާއެކު ކާރުގެ ހުންގާނަށް ބާރުކޮށްލެވުނެވެ. ފޮތިތަކުގެ ތެރޭ އޮޅާލެވިފައިއޮތްވަރުން އެކުއްޖާ ފެނުނީ ހަމަކިރިޔާއެވެ. އެއާއެކު އެ ދޮން މޫނުކޮޅު ހާމަވިއެވެ. ކަޅުކުލައިގެ ފޮތިތަކުގެ ތެރެއިން ފެނުނު ހުދު ސްނޯކޮޅެއްފަދައިންނެވެ. ކުއްޖާގެ މޫނު ހުރީ ސުފިޔާން އިން ކާރާއި ދިމާލަށެވެ. އެ ބޭބީ އަންހެންކުއްޖާގެ ނަޒަރު އަމާޒުވީ ސީދާ އޭނަގެ މޫނަށެވެ. އެ ރިހި ލޮލުން ބަލަހައްޓައިގެން އޮތީ ކަޅި ޖަހައިލުމެއްނެތިއެވެ.

އެ ރިހިކުލަ ފެނުނީ ގާތްގަނޑަކަށް ހުދުކުލަ ފަދައިންނެވެ. އެހާ ނާދިރު އަދި ރީތި ކުލައެކެވެ. އެވެސް ސުފިޔާން ދުވަހަކު ނުދެކޭފަދަ ރީތި ލޮލެކެވެ. ދެން ކުއްލިއަކަށް އޭނަ ހައިރާންކޮށްލީ ދަރިފުޅުގެ ހިނިތުންވެލުމުންނެވެ. އޭނަގެ އަންހެން ދަރިފުޅެވެ. އެކުއްޖާ އޭނައަށް ހިނިތުންވުމެއް ދިނީއެވެ. ބޭއިޚުތިޔާރުގައި މެޔާއި ދިމާލަށް އަތް ގެންދެވުނީ ކުއްލިއަކަށް މެޔަށް ބަރުވާފަދަ ގޮތެއް ވެގެންނެވެ. ކުއްލިއަކަށް ކާރު ތެރޭ އޭނަގެ ނޭވާ ހާސްވާގޮތްވިއެވެ. މައުސޫމް ލޮލަކުން އޭނައަށް ބަލަމުން ދިޔައީ އޭނަ ހިތް ވިރޭފަދަ ގޮތަކަށެވެ. އޭނަގެ މޭގައި ބޮޑަށް ރިއްސައިލީ ނާކިއާގެ އަތުތެރޭގައިވާ ދަރިފުޅަކީ އޭނަ މަރުކަޒުގެ ތަހުލީލަށްޓަކާ ހޯދި އެއްޗެއްކަން ހަނދާންވެފައެވެ. އެތަނުގެ ތަރައްގީއަށްޓަކާ ތަހުލީލުކުރުމަށް ބޭނުންކުރާނެ ކުއްޖެއްކަން އެނގިފައެވެ.

އޭނަ އެހެން ޚިޔާލުކުރީވެސް ކީއްވެހެއްޔެވެ؟ ހަޔާތުގައި ފުރަތަމަ ފަހަރަށް ސުފިޔާން އަމިއްލަ ނަފުސަށް ލައުނަތް ދިނެވެ. އޭނަގެ ދަރިފުޅުގެ ރީތިކަމުން ފުރިފައިވާ ދެލޯ ނަގާ ޓެސްޓުކުރަން ދިނުމުގެ ޚިޔާލު ހިތަށް އުދަގޫކުރުމާއެކު ކަރުތެރެއަށް ހޮޑުނައީ ކިރިޔާއެވެ. ބީރައްޓެހި ޖަޒުބާތުތަކާއި ހަގުރާމަކުރަމުން ދިޔައިރު ފޯނުރިންގު ވާކަމެއްވެސް ނޭގުނެވެ. ދުވަހަކުވެސް އޭނަ މިވަރަށް މާޔޫސްވެފައެއްނުވެއެވެ. އޭނަ ކުރީ ކީއްހެއްޔެވެ؟ ނާކިއާ އެކުޑަ ކުޑަ ފުރާނަ...އެމީހުންގެ ދަރިފުޅު އުރާލައިގެންދާތަން ފެނުމުން އޭނައަށް ވިސްނުނީ އޭނައަށް ރީތި ހަޔާތެއް ހޯދެން އޮތްކަމެވެ. އޭނައަށް ދިރިއުޅުމުގައި ހުރިހާ އެއްޗެއް ލިބުނެވެ. މުދަލާއި އިހުތިރާމް ބިންތައް އަދި އަޅާލާ އޯގާތެރި އަންބެއްވެސް މެއެވެ. އެކަމަކު އެލިބުނު އެއްޗެއްގެ އަގު ވަޒަން ނުކުރެވުނީއެވެ. އޭނަ ދިޔައީ އަތް ނުފޯރާ ފަށުގައިވި އެއްޗެހި ހޯދުމުގެ މަގުމަތީގައެވެ. ދުނިޔެ މުށުތެރެއަށް ލުމާއި އިތުރަށް ބާރުގަދަވުމާއި އިތުރަށް މުއްސަދިވުމަށެވެ. އަދި އިސްލާމްދީންގެ ރީތި މަގުންވެސް ކައްސައިލިއެވެ. އޭނަ މަގުފުރެދުނުވަރު އަމިއްލަ ނަފުސަށްވެސް ރޭކާނުލީ އޭޭނައާއި މަރުކަޒުގެ ހުރިހާ އަމަލުތައް އަދުލުވެރިކުރަން ބަހަނާތައް ދައްކަމުން ދިޔުމުގެ ސަބަބުންނެވެ.

ސުފިޔާންއަށް ނާކިއާ މިފެނުނީ ނުވަމަސް ދުވަސްކޮށްފައެވެ. ނާކިއާ ފެނުމުން ހިތް އަވަސްވާގޮތެއްނުވިއެވެ. އޭގެ ބަދަލުގައި ހިތުގެ ހިނގުން ލަސްވެ އެއްވަރަކަށް ވިންދުޖަހަން ފެށީއެވެ. ކޮނޑުގެ ވާންކަން ކެނޑި ހަށިގަނޑުވެސް ރިލެކްސްވެ ހުންގާނުގައި ހިފަހައްޓައިގެން އިން އަތް ދޫކޮށްލެވުނެވެ. މިއިން ޒަމާނެއްގައި ނުލިބޭފަދަ ހަމަޖެހުމެއް ހަށިގަނޑަށް އިހުސާސްވިއެވެ. ހީވީ އެންމެ ފަހުން އަނބުރާ ގެއަށް އާދެވުނުހެންނެވެ. އެމީހަކާއެކު ހުރުމުން އޭނަގެ އިންސާނިއްޔަތުކަން ހިފަހައްޓައިދޭން އެހީތެރިވާ ހަމައެކަނި އިންސާނާއެވެ. ގޯސްތަކުން ފުރިފައިވާ އޭނަގެ ހަޔާތުގެ ހަމައެކަނި ރަގަޅުކަމެވެ.

އޭނަ އާއްމުކޮށް އުޅޭ އެހެން އަންހެންކުއްޖެއްނަމަ ދަރިފުޅަކީ އޭނަގެ ކުއްޖެއްކަމާއިމެދު ޝައްކުވާނެއެވެ. އެކަމަކު މިއީ ނާކިއާއެވެ. ދަރިފުޅަކީ އޭނަގެ ކަން ދެނެގަންނަން ޑީއެންއޭއަކަށް ބޭނުމެއްނުވެއެވެ. އޭނައަށް ޔަގީންކަން އެބައޮތެވެ. ނާކިއާއަކީ ތެދުވެރި އަޅުވެރި އަންހެންކުއްޖެކެވެ.

ސުފިޔާންގެ ބައްޕަ އުސްމާނު އަންގާފައިވަނީ ވަރިކުރުމަށްފަހު މާނައެއްނެތް ގުޅުންތައް ފޮހެލަން ނާކިއާ ނައްތާލުމަށެވެ. ބައްޕަ އަމުރުކުރުމުންވެސް އެގޮތަށް އަމަލު ނުކުރެވުނީ ކީއްވެކަން މިއަދު ސުފިޔާންއަށް ރޭކާލިއެވެ. އެއީ ލޯބިހެއްޔެވެ؟ މިއީ މީހަކު ދެކެ ލޯބިވުމުން އިހުސާސްކުރެވޭގޮތް ހެއްޔެވެ؟ އޭނައަށް ނާކިއާ ގާތު ލޯބިވަމޭ ބުނުމުގެ ހައްގު އެބައޮތްހެއްޔެވެ؟

ސުފިޔާންގެ ލޯ ދަރިފުޅަށް ހުއްޓުނެވެ. އޭނަގެ ލޮލުގެ ނަކަލެއްފަދައެވެ. އެންމެފަހުން ސުފިޔާންގެ ލޮލުން ކަރުނަ ނިރައިލިއެވެ. އޭނަ އެންމެ ފަހުން ރުއީ ކޮންއިރަކުހެއްޔެވެ؟ އެވާނީ އޭނަގެ ހަނދާން ހުންނަން ފެށުމުގެ ކުރިން ކުޑައިރުއެވެ.

ރިއްސަމުން ދިޔަ ހިތަކާއެކު ސުފިޔާންއަށް ވިސްނުނީ އޭނައަށް ނާކިއާއާއި ދަރިފުޅާއެކު އާ ހަޔާތެއް ފަށަން މާ ލަސްވެއްޖެކަމެވެ. އެމީހުން ގާތަށް އޭނައަށް ނުދެވޭނެއެވެ. ނާކިއާ ފަހަރެއްގައިވެސް އޭނަ ގަބޫލެއްނުކުރާނެއެވެ. އޭނައަކީ ކޮންކަހަލަ މީހެއްކަން އެނގުމަށްފަހުގައި އެއީ ވުން އެކަށީގެންވާކަމެއް ނޫނެވެ. ދަރިފުޅު ބޮޑުވާއިރު އޭނަގެ ބައްޕައަކީ ގާތިލެއްކަން އަންގާދޭނީ ކިހިނެއްހެއްޔެވެ؟ އޭނަ ނާކިއާއާއި ދަރިފުޅަށް އަނިޔާއެއް ދޭން ބޭނުމެއްނޫނެވެ. އިންސާނުންނަށް ލިބިފައިވަނީ ބަލިކަށި ހިތްތަކެވެ. މާ ބޮޑަށްވެސް ނާޒުކްއެވެ. އެންމެ ކަރުނަ ތިއްކަކުންވެސް އެމީހަކު ހަމަބިމަށް ތިރިކޮށްފާނެއެވެ. އެންމެ ރަގަޅީ ނާކިއާ ދަރިފުޅާއިގެން ރީތި ހަޔާތެއް ވޭތުކުރުމެވެ. އޭނަ ނުލައެވެ.

ތިންވަނަފަހަރަށް ފޯނު ރިންގުވުމުން ސުފިޔާންގެ ސަމާލުކަމަށް އައިސް ފޯނު ނެގިއެވެ. އޭރުވެސް އޭނަގެ ނަޒަރު ނާކިއާއާއި ދަރިފުޅާއި ވަތްކެއްނުވެއެވެ.

'ސާހަބު. ކޮންމެވެސް މީހަކު މަރުކަޒު ފަޅާލާފައި ވަދެއްޖެ......." އަނެއްކޮޅުން ވާހަކަދެއްކި މީހާގެ އަޑުގައި ކަންބޮޑުވުމާއި އަވަސްކަން އެކުލެވުނެވެ.

***

ސުފިޔާންގެ އާޓް ސްޓޫޑިއޯގެ ހޮއި ވަކަރު ތަޅުންމަތި ހަލާކުކޮށްލަން ނަވޫދުގެ ސިކުނޑިއަށް އައީ ކީއްވެކަމެއް އޭނައަކަށްވެސް ނުވިސްނުނެވެ. އެކަމަކު ތަޅުންމަތީގައިވާ ބޯޑުތައް ދަމައި އިރައިލީ ކުރިމަތިވެދާނެ އެއްވެސް މުސީބާތަކަށް ފަރުވާލެއް ނެތިއެވެ. ފެންނާނީ ކޯންޗެއްކަމެއް ނަވޫދުއަކަށްވެސް ނޭގެއެވެ. ނަމަވެސް އޭނައަށް އެނގުނީ ސުފިޔާންއާއިމެދު ހިތުގައި އޮތް ޝައްކުތައް ފިލުވައިލެވޭނެ ހަމައެކަނި ފުރުސަތަކީ މިއީކަމެވެ. އޭނައަށް މިތަނުން އެއްޗެއް ނުފެނުނިއްޔާ އަލްވާގެ މަރުގެ ތުހުމަތު ސުފިޔާންގެ ބޮލުގައި އެޅުން ކުރިއަކަށް ނުގެންދާނެއެވެ.

އަލްވާގެ މަރުގެ ސަބަބުން ހިތުގައި ހިނގަމުން ދިޔައީ ހިތި އިހުސާސްތަކެވެ. ފުލުހުންވަނީ ކަނޑަށް ގެނބިގެން މަރުވީ އަލްވާކަން ޔަގީންކޮށްދީފައެވެ. ނަވޫދު މިފަހަރު ސުފިޔާންގެ ނުރައްކާތެރިކަން ހާމަކޮށްފިއްޔާ ވާނީ ވަކި ކޮން ރަގަޅުކަމެއްހެއްޔެވެ؟ ނަވޫދު ކުރާ އެއްވެސް ކަމަކުން އަލްވާ އެނބުރި އަންނާނީއެއް ނޫނެވެ. އޭނަ އަބަދަށްޓަކާ ދިޔައީއެވެ. މިނިޓެއްވާންދެން މަސައްކަތް ހުއްޓާލާފައި އޭނަ ހަލާކުކޮށްލި ތަޅުމާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ނަވޫދު އިނެވެ. ކޮންމެހެން އޭނަ ގަސްތުގައި އަލްވާއާއިމެދު ޚިޔާލު ކުރަނީއެއްނޫނެވެ. އެކަމަކު އަލްވާއާއެކު ދިމާވެފައިވާ ހަނދާންތައް މޫވީއެއްގެ މަންޒަރުތައްހެން ލޮލުގެ ކުރިމަތީގައި ފްލޭޝްވަނީއެވެ.

ނަވޫދު ގެންގުޅޭ ބުޅަލެއްކަން ނޭގި ބުޅަލުގެ ދިފާއުގައި އޭނަ އައިގޮތެވެ. އަދި ކަނޑަށް ފުންމައިލީ ފަތަންވެސް ނޭގޭ ހާލުގައެވެ. އަދި އެ ނާދިރު ތަފާތު ކުލަތައް އަރާ ލޯ އަބަދުވެސް ހުވަފެންތައް ފާޅުކުރާފަދައެވެ. ފެންނަ ކޮންމެ ފަހަރަކު އެލޯ ވިދައެވެ. އަބަދުވެސް އަލްވާ އުޅޭނީ ކޮންމެވެސް ކަމެއްގައެވެ. އަބަދުވެސް މޮޔަ ހުނުމެއް ތުންފަތުގައި ނެތް އިރެއް ނަވޫދު ވަރަށް ނުދެކެއެވެ. އަބަދުވެސް ހިތް އޮންނާނީ ހެދުމުގެ އަތުކުރީގައެވެ. އެހާ މައުސޫމް އޯގާތެރި އަޅާލާ ހިތެކެވެ. އަދި ތަންކޮޅެއް ނާދާންވުމާއެކު އެހާ ކަންތައްތަކަށް ބޯ ބާނާނެއެވެ. ހުރިހާ އެންމެންގެ ކަންތައްތަކާއި ބެހޭކުއްޖެކެވެ. އަލްވާގެ ސިފަތަކުން އުމުރަށްވުރެ ހަނގުކަމަށް ދެއްކިޔަސް ނަވޫދުއަށް އަލްވާ ފެނުނު ފަހު ދުވަހު ހިޖާބު އަޅާފައި ހުރުމުން ފުދޭވަރަކަށް ހަރުވެފައި ޒިންމާދާރު ފާޑުޖެހިއެވެ.

ލޮލުން ކަރުނަ ތިއްކެއް ދޫވެގެން ދިޔަކަން ނަވޫދުއަށް ރޭކާލީ މޫނަށް ހޫނުވުމުންނެވެ. އަމިއްލަ ނަފުސަށް މަލާމާތްކުރާ ފަދައިން އޭނައަށް ހެވުނެވެ. މިއީ ކޮންކަމެއް ހެއްޔެވެ؟ އޭނައާއި ހަގީގީ ގުޅުމެއްނެތް އަންހެންކުއްޖަކަށްޓަކާ ޖަޒުބާތީ ވެވުނީއެވެ. އަލްވާއަށްޓަކާ ރުއިމުގެ ހައްގެއް އޮތްކަމެއް ނުފެނުމުން ނަވޫދު ގަމީހުގެ އަތުކުރިން މޫނު ފޮހެލައިފިއެވެ.

އޭނަ އެތައް ފަހަރު އެސްފިޔަ ޖަހައިލީ ހައިރާންވިވަރުންނެވެ. އޭނައަށް ހީކުރެވުނީ ރަގަޅަށެވެ. ތަޅުމުގައި ދޮރެއްކަހަލަ ތަނެއް ފެންނާން ހުއްޓެވެ. އޭނަ އެތަނުގައި ހިފާ މަތިގަނޑު ނެއްޓީ އެންމެ ދަމާލުމަކުންނެވެ. ސިޑިން ތިރިއަށް ފޭބޭނީ ކޮންފަދަ ތަނެއްކަން ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.

ނަސީބަކުން ނަވޫދު ލައިގެން ހުރީ ވަޑާންކުރާއިރު ލާ ޖިންސްކަމުން އެތައް ޖީބެއް ފުރިފައިވަނީ ތަފާތު ސާމާނުތަކުންނެވެ. އޭނަ ތޫނު ކަށްޓެއް ނެގީ ކަމަކާއި ކުރިމަތިލާން ވެއްޖެއްޔާ އަމިއްލަ ނަފުސް ދިފާއުކުރުމަށެވެ. އަދި އޭނަ އެ ކަޅު ދިގު ސިޑިން ތިރިއަށް ފައިބަންފެށިއެވެ. ތިރިއަށް ދިޔަވަރަކަށް އަލިކަން ގަދަވަމުން ދިޔައެވެ. އެންމެ ފަހުން ނިކުމެވުނީ މުޅިން އެއްކޮށް ހުދުންވާ ބަޔަކަށެވެ. ހުދު ފާރުތަކާއި ހުދު ތަޅުމެވެ. ހީވަނީ ހުވަފެނެއްގައި ހިނގައިލެވޭހެންނެވެ. ހުދުކަމާއި އެކު އޮފް އަރާވަރުން އޭނަގެ ބޮލަށް އެނބުރުން އެރިއެވެ. މިތަން ބިރުގަންނަ ދަރަޖައަށް ހިމޭނެވެ. އިތުރުވަމުންދާ ހިތުގެ ވިންދުގެ އަޑުވެސް އޭނަގެ ކަންފަތަށް އިވެއެވެ.

އޭނައަށް އެތައް ހުދުކުލައިންވާ ދޮރުތަކެއް ފެނުނެވެ."މިއީ ކޮންތަނެއްބާ..."ނަވޫދު އަމިއްލަ ނަފުސާއި ސުވާލުކުރިއެވެ. އެ އަޑުވެސް އެތަނުގައި ގުގުމައިގެން ދިޔައެވެ. ފިޔަވަޅުގެ އަޑުވެސް މާގަދައެވެ. އެންމެ ކުރިން ޖެހުނު ކޮޓަރީގެ ދޮރު ހުޅުވާލާފައި އޭނަ އެތެރެއަށް ވަނެވެ. މާސްކު އަޅައިގެން ހުރި އަންހެން ޑޮކްޓަރުގެ ލޮލުން ހައިރާންކަން ފުރަތަމަ ފެނިލިއެވެ. ދެން ޝޮކާއި ބިރެވެ.

"ތިއީ ކާކުތަ މިސްޓަރ؟" ޑޮކްޓަރގެ ލޯ ބޮޑުވިއެވެ.

"ވަޓް......." ނަވޫދުގެ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކުން އޭނައަށް ވާހަކަ ދައްކަންވެސް އުދަގޫވިއެވެ. އެނދުގައި އޮތީ އަންހެންކުއްޖެކެވެ. ލެއިން ތަތްތެޅިފައިވާ ބެންޑޭޖެއް ޮލޯމަތީގައި އަޅާފައިވިއެވެ. ނަވޫދުއަށް ފަހަތަށް ފިޔަވަޅު އަޅައިލެވުނީ ބޮލަށް އެނބުރުން އަރާ ގޮތެއް ވެގެންނެވެ.

"ކަލޭމެން ކީއްތިކުރަނީ؟" ނަވޫދުގެ އަޑު އަނބުރާ އައުމުން އަތުގައި އޮތް ތޫނު ވަޑާންކުރާ އިސްކުރު ކަށީގައި ހިފަހައްޓައިލެވުނީ ބިރުވެރިކަމުން ފުރިފައިވާ ގޮތަކަށް ލޯ ބޮޑުކޮށްލަމުންނެވެ." ތިކުއްޖާއާއި ދުރަށް ދޭ.....ހަމަ މިހާރު....."

ހަގުރާމައާއި ތަޅާފޮޅުމުގެ ސުމެއްގެ ތަޖުރިބާ ހުރި އަންހެން ޑޮކްޓަރ ވަގުތުން އަމިއްލަ ދިފާއުގައި އަތް އުފުލައިލިއެވެ. އަދި ރޮއިގަތެވެ."ޕްލީޒް އަހަރެން ދިޔަދީ...."

"ނަވޫދު؟" އެނދުގައި އޮތް އަންހެންކުއްޖާ ތެދުވެ އިށީނުމާއެކު ނަވޫދުގެ ހިތް ގެނބުނެވެ.

"އަލްވާ؟"

ނަވޫދު އަލްވާއާއި ހަމަޔަށް ފޯރިއިރު އެތަނުގައި ހުރި ނަރުސް ކުއްޖާވެސް ފުރުސަތުގެ ބޭނުން ހިފާ ދުވެ ފިލައިފިއެވެ. ނަވޫދުއަށް އަލްވާ ވަކިކުރަން ނުވެސް އެނގޭހާ ބަދަލުވެފައެވެ.

"ނަވޫދު. ތިއީ ހަމަ ނަވޫދުތަ؟" އަލްވާގެ އަޑުވެސް ކެނޑިގެން ދިޔައިރު ތުންފަތްވެސް ތުރުތުރުލައެވެ."ނަވޫދް. އަހަރެންގެ ލޮލަކަށް ނުފެނޭ..."

އަލްވާގެ މޫނު އެކި ދިމާލަށް އަނބުރަމުން ދިޔައެވެ.

***

އެކޮޓަރިން ނުކުމެގެން ދުވެފައި އައި ޑޮކްޓަރާއި އެންމެ ކުރިން ދިމާވީ އުސްމާންއެވެ.

"ސާހިބާ..ކޮންމެވެސް މީހަކު ހުއްދަނެތި އެތެރެއަށް ވަދެއްޖެ...." ދެއަތްތިލަ މަޅާ ބާރުކޮށްގެން ހުރެ ކުޑަކޮށް ގުދުވެލަމުން އޭނަ ރޮމުން ދިޔައެވެ. އުސްމާނު މިއަދު އައީ އޭނަގެ ހަދާފައިވާ ފައި ވެސް ނުޖަހައެވެ. އެ ސިއްރު މަރުކަޒުގައި ޔަތީމް ކުދިންގެ ފައިގެ މަސްތައް ބޭނުންކޮށްގެން އޭނައަށް ފަޔެއް ތައްޔާރުކުރުމުގެ މަސަައްކަތްވެސް ދިޔައީ ކުރެވެމުންނެވެ. އެހެންވެ އޭނަ މިއަދު މިއައީ މަސްނޫއީ ފައި ގޭގައި ބާއްވާފައެވެ. އެއީ އޭނަގެ ބަދުނަސީބުކަމުގައި އުސްމާން ދުށްޓެވެ. ސަބަބަކީ އަވަހަށް އެހިސާބަށް ދާން އުދަގޫވުމުންނެވެ. އުސްމާނު އެކޮޓަރިއާއި ހަމަޔަށް ދެވުނުއިރު ކޮންމެވެސް ޒުވާނަކު އަލްވާ އެނދުގައި ހައްޔަރުކޮށްފައިވާ ޗޭނުތަކުގެ ތަޅުތައް ހަލާކުކޮށްލަނީއެވެ.

"އެހާ އަވަހަކަށް ނޫން ކުއްޖާ. ކަލޭ އަހަރެންގެ ޕްރޮޕަޓީގައި ކީއްކުރަނީ؟" އުސްމާނު ދޮރުމަތީގައި ހުއްޓިލައިގެން ހުރިއިރު މުޅިތަނުގައި އޭނަގެ އަޑު ހިފާލައިފިއެވެ.

ނަވޫދުއަށް އުސްމާނު ޖެކެޓްގެ ޖީބުން ނެގި ފިސްތޯލަ ފެނުމާއެކު ފުންމައިގަތްގޮތަށް ދެމީހުން ގުޅައަކަށް ތަޅުންމަތީގައި ޖެހުނެވެ. ފިސްތޯލަ ވިއްސައިގެންގޮސް މާ ދުރުގައި ޖެހުނެވެ. ޑޮކްޓަރފަދައިން އުސްމާންއަކީ ބަލިކަށި ޟައީފު މީހެއް ނޫނެވެ. އޭނައަކީ ތަޖުރިބާ ހުރި ފަހުލަވާނެކެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ތަންކޮޅެއް ބާރު ކުޑަވިޔަސް އޭނައަކީ ހިތްވަރުގަދަ ކުޅަދާނަ މީހެކެވެ.

އުސްމާނުގެ އަތުގައި އޮތް އަސާއިން އެތިފަހަރެއް ނަވޫދުގެ ބޮލަށް ހޫރުވައިލުމާއެކު ލޭ އޮހޮރިގަތީ ސައިލެއްހެންނެވެ. ވޭން އެޅިނަމަވެސް އެޑްރިނޭލިން ދޫކޮށްލިގޮތުން އެ އެތިފަހަރުން ޚަބަރު ހުސްވިޔަނުދީ ހިފެހެއްޓުނެވެ.

އަލްވާއަށް ތަނެއް ދޮރެއް ނުފެނުނަސް ނަވޫދުއަށް ނުރައްކާވެފައިވާކަން އެނގުނެވެ. މިނިޓްކޮޅެއް ކުރިން އަލްވާ ހީކުރީ އޭނަ މަރުވަނީ ކަމުގައެވެ. ނަވޫދު ބަތަލެއްފަދައިން އައިސް އެންމެ ފަހު ވަގުތު އޭނަ ސަލާމަތްކޮށްފާނެކަމަކަށް އުއްމީދެއް ނުކުރެއެވެ.

"ޒުވާނާ. މިތަނަށް އައުމަކީ ހެދި ބޮޑު ގޯހެއް....." އުސްމާން ބުނެލި އަޑު އަލްވާއަށް އިވުނެވެ. ދެން އިވުނީ ބަޑީގެ އަޑެވެ.

"ނޫން. ނޫން.."އަލްވާ އެދިމާލަށް ދުއްވައިގަތީ ކަރު ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވަމުންނެވެ.

"އަލްވާ. ކަނައަތް ފަރާތަށް ދުވޭ. މަޑުނުކުރާތި....."ނަވޫދުގެ އަޑު އައެވެ. ނަވޫދުގެ ގަޔަށް ބަޑީގެ ވަޒަން ނާރަނީތާއެވެ. ނަވޫދު އެހެން ބުންޏަސް އޭނައަށް އެގޮތަށް ނަވޫދު މިތަނަށް ދޫކޮށްލާފައެއް ނުދެވޭނެއެވެ. އޭނައަށް އިވެމުން ދިޔަީ ދެމީހުން ތަޅާފޮޅާ އަޑާއި ފައި ޖެހޭ އަޑާއި ހަޅޭކުގެ އަޑެވެ. އޭނަގެ ފައި ކައިރިއަށް އެއްޗެއް ވެއްޓުނުއަޑާއެކު އޭނަ ގުދުވެ އެ އެއްޗެއް ނަގައިފިއެވެ. އެއީ ނަވޫދުގެ އަތުގައި އޮތް ވަޑާން ކަށްޓެވެ. އެވަގުތު ނަވޫދުގެ ސަމާލުކަން އަލްވާއަށް ހުއްޓުނެވެ. އެކުއްޖާ ރަގަޅުތޯ ބަލަންވެގެން އުޅުމާއެކު އުސްމާނު ދަނޑިވަޅުގެ ބޭނުން ހިފާ ނަވޫދުގެ މައްޗަށް ގަދަވެގެން އެތިފަހަރުތައް ވީއްލަންފެށިއެވެ.

"މެނާސްތައް ދަސްކުރޭ ފިރިހެން ކުއްޖާ.." އުސްމާނު ދަތްކުނޑި ވިކައިލަމުން ދަތްތަކުގެ ދޭތެރެއިން ކިޔައިލިއެވެ. ނަވޫދުގެ މޫނަށް އެތިފަހަރުތައް ބާލަން ފެށީ ރަހުމެއްނެތިއެވެ. ވިސްނުމަކާނުލާ އެ އަޑު އައި ދިމާލަށް އަލްވާ ދުއްވައިގަތީ އޭނަ އަތުގައި އޮތް ހަތިޔާރު ހޫރަމުންނެވެ. އޭގެ ކޮޅު އެހާ ތޫނުކަމެއް އަލްވާއަކަށް ނޭގެއެވެ. ލޯ ފަން ކުއްޖަކު އެހާ އަމާޒުކޮށް ސީދާ އޭނަގެ ޖަގިލާ ލޭހޮޅިއަށް ހަމަލާދީފާނެކަމަށް އުސްމާންވެސް އުއްމީދެއް ނުކުރެއެވެ. އެ ކަށި ހެރުނީ ސީދާ އެ ލޭ ހޮޅިއަށެވެ. އުސްމާންގެ ހަރަކާތްތައް ލަސްވެ ފަހަތަށް ވެއްޓިގެން ދިޔައެވެ. ނަވޫދުގެ ނަޒަރު އުސްމާނުގެ ހަށިގަނޑުން ގޮސް ހުއްޓުނީ ބިރުގެންފައި ހުރި އަލްވާގެ މޫނަށެވެ. އޭނަ އަދިވެސް އެ ވަޑާން ކަށި ހޫރަމުން ދިޔައެވެ. އޭނަ އަތުން އުސްމާން މަރުވެގެން ވެއްޓުނުކަމެއްވެސް އަލްވާއަކަށް ރޭކާ ނުލިއެވެ. ނަވޫދު ތެދުވާން އުޅުނުއިރުވެސް ވޭނުގެ ސަބަބުން ކުކުރައިލެވުނެވެ. ހުރިހާ ކަށިކޮޅެއްގައި ވަކިން ރިއްސާއިރު މޫނުގައި ވިންދު ޖަހައެވެ. އޭނަގެ މޫނުގައި އެ ކަށިން އަޅާ ދަމައިގަތުމުގެ ކުރިން ނަވޫދުއަށް ފަހަތަށް ޖެހި މޫނު ސަލާމަތް ކުރެވުނީ ހަމަ ކިރިޔާއެވެ.

"އަލްވާ. އިޓްސް އޯލްރައިޓް...." ނަވޫދު އަޑު އެއްވަރަކަށް ހިފަހައްޓަން މަސައްކަތްކުރިއެވެ. ތުރުތުރުއަޅަމުން ދިޔަ އަލްވާ ގާތަށް އޭނަ މަޑުމަޑުންގޮސް އަތުގައި އޮތް ވަޑާންކަށި އަތުލިއެވެ.

"އޭނަ ކޮބައިތަ؟" ބިރުގެންފައިވާ އަޑަކުން އަލްވާ ސުވާލުކުރިއެވެ.

"އޭނަ...އޭނަ ދުވެ ފިލައިފި.." ނަވޫދު ހިންދިރުވާލާފައި އަލްވާ އުސްމާންގެ ހަށިގަނޑާއި ދުރުން އެކޮޓަރިން ނުކުތުމަށް އެހީތެރިވެދިނެވެ. އަލްވާ ނަވޫދުގެ ފަހަތުން އަންނަނިކޮށް ކުއްލިއަކަށް ނަވޫދު ހުއްޓުމުން އޭނައާއި މުޑިއަރާ ނުވެއްޓުނީ ހަމަކިރިޔާއެވެ.

"ކިހިނެއްވީ އަނެއްކާ؟" އަލްވާ އަނެއްކާވެސް ބިރުގެންފައި އެހިއެވެ. ނަވޫދު ހުއްޓުނީ ކީއްވެހެއްޔެވެ؟

"ސުފިޔާން. މިކަމުން ރެކިގަނެވޭނެހެން ހީވަނީތަ؟" ނަވޫދުގެ އަޑުވަނީ ރުޅިން ފޯވެފައެވެ. އެލޯ އަނދަމުން ދިޔައީ ނަފްރަތުގެ ހުޅުންނެވެ."ހެއްދެވި ފަރާތަށް ބިރެއް ނުގަނޭތަ؟ މިކަމުން ވާ ފައިދާއަކީ ކޮބާ؟"

އަލްވާގެ މޫނަށް ނަޒަރު ހުއްޓުމާއެކު ސުފިޔާންއަށް ތަދުވިފަދަ ގޮތަކަށް މޫނަށް ހަދައިލެވުނެވެ. އޭނައަށް ލަސްވީއެވެ. އަލްވާގެ ލޯ އަބަދަށްޓަކާ އެ ދިޔައީއެވެ. އަލްވާގެ ލޮލުގެ ފެނުން ގެއްލުނީ އޭނައާއިހެދިއެވެ. ނާކިއާއާއި ދަރިފުޅާއެކު އާ ހަޔާތެއް ނުފެށޭނެ އެތައް މިލިއަން ސަބަބުތަކުގެ ތެރެއަށް ލީ އަނެއް ސަބަބެވެ. އަމިއްލަ ނަފުސްދެކެ ފޫހިވެ ނަފްރަތުގެ ގެ ތެރެއަށް ގެނބުނެވެ. އިސްތަށިގަނޑުގެ ތެރެއަށް އެތައް ފަހަރު އަތް މަހައިލެވުނީ ހަދާނެގޮތް ހުސްވެ މާޔޫސްކަމާއެކުގައެވެ. އޭނައަށްވެސް ވަގުތު އަނބުރާ ނުގެނެވޭނެކަން އެނގެއެވެ. ސުފިޔާންއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އޭނަގެ މޫނަށް ނަވޫދުގެ ގޮށްމުށުގެ ހަމަލާއެއް އެރިއެވެ. އެ ބާރު އެތިފަހަރުން ސުފިޔާން ތަޅުންމައްޗަށް ވެއްޓުނެވެ.

"އެކުއްޖާއަށް އެހެން ހެދުމުގެ ހިތްވަރު ލިބުނީ ކިހިނެއްތަ؟"ނަވޫދު ހަޅޭއްލަވައިގަތެވެ. އެތައް އެތިފަހަރެއް އެމޫނަށް އަރާ ކަތުރުކަށިގަނޑަށްވެސް ތަދުވިއެވެ. އޭނަ ދިފާއުގައި އަތް އުފުލައިލަން ބޭނުމެއްނުވިއެވެ. ނަވޫދުއާއި ތެޅުމުގެ ހުނަރާއި ގާބިލުކަން ނެތީއެއްނޫނެވެ.ނަމަވެސް އަޒުމެއްނެތީއެވެ. ނަވޫދުއާއި ކުރިމަތިލާ ކާމިޔާބު ހޯދުމުގެ އެއްވެސް އެދުމެއް އެހިތަކު މިހާރު ނެތެވެ.

ނަވޫދުގެ އަތުގެ ހަރަކާތަށް މަޑުޖެހުމެއް އައީ އޭނަގެ އިނގިލިތަކުގެ ހުޅުތައް ލެއިން ކަޅިވުމުންނެވެ. އޭނަ އެވަގުތު ރުޅި މައިތިރިނުކުރިނަމަ ސުފިޔާން ދުނިޔެއިން ނެތިގެން ދިޔައީސްކަން ޔަގީނެވެ. ނަފްރަތާއި ހަމަނުޖެހުމަކީ ޖަވާބެއް ނޫނެވެ. ނަވޫދު އެކަން މާ ރަގަޅަށްވެސް ދަނެއެވެ.

" މިވަގުތު މިތަނުގައި އަހަރެން ސުފިޔާން މަރާލައިފިނަމަ ވާނީ ކޯންޗަކަށްތަ؟ އެއްކުރިހާ މުދަލާއި މުއްސަދިކަމާއި ކުރި ނުބައި ވިޔަފާރިއަށްވާނީ ކިހިނެއް؟ ކަށްވަޅުގައި އެކަނި އޮންނައިރު މިއަދާއި ހަމަޔަށް އެހާ ބުރަކޮށް ކުރިމަސައްކަތުން ލިބުނު އެއްޗެއް އެކަނިވެރިކަން ފިލުވަދޭން އަންނާނެތަ؟" ނަވޫދުގެ އެޖުމްލަތައް ސުފިޔާން މަރުވާންދެން އެހިތުގައި ލިޔެވިފައިވާނެއެވެ.

އަލްވާ އަނދިރިކަމުގެ ތެރެއަށް ނަޒަރު ދޫކޮށްލައިގެން ހުރެ ކުރިމަތީގައި ނިއުޅެމުން ދިޔަ މަންޒަރުތައް ލޮލުން ނުފެނުނަސް އަޑުއަހަން ހުއްޓެވެ.

"އައިމް ސޮރީ..." އަލްވާއަށް ސުފިޔާންގެ އަޑު އިވުނެވެ."އެހެން މީހުން އައުމުގެ ކުރިން ދޭ. މިތަނަށް ވަން ދޮރުން އަލްވާ ގޮވައިގެން ނިކުމޭ..."

"ރަގަޅަށްވެސް އެކަމާ ހިތާމަކުރާނަމަ ތިދެއަތުން ކުރަމުން އައި ކަންތައް ހުއްޓާލާ.." ނަވޫދު ކޮޅަށް ތެދުވުނެވެ.

"އާދޭ އަލްވާ..ހުރިގޮތަށް ސީދަލަށް ދޭ..އަހަރެން މިހިރީ ކައިރީގައި. ޔޫ އާ ސޭފް ނައު......"ނަވޫދުގެ އަޑު އޯގާތެރިކަމުން ފުރިފައިވިއެވެ. ސިއްރު ދޮރުން ލާފައި އެމަރުކަޒުން އަލްވާ ނިކުންނަން ނަވޫދު އެހީތެރިވެދިނެވެ. ސުފިޔާން އެމީހުން ފަހަތުން ދާކަށް ނޫޅުނެވެ. އޭނަ އެލޭގެ ރޮގު ހުރި ދިމާލުން ހިގަމުން ދަނިކޮށް ތަޅުންމަތީގައި އޮތް ބައްޕަ ފެނުނެވެ.

"ޑޭޑް...." ސުފިޔާން ބައްޕައަށް ގޮވައިލިއިރު އަޑުގައި ހިތް ކުދިކުދިވާފަދަ އަސަރުތަކެއްވިއެވެ. އެލޮލުން ކަރުނަތައް އޮހިގަތީ ހިފެހެއްޓުމެއްނެތިއެވެ. ކަކޫމައްޗަށް ތިރިވުމާއެކު ބައްޕަގެ މޭގައި ބޯ އަޅައިލެވުނީ ކުޑަކުއްޖެއްފަދައިންނެވެ. ގިސްލުމާއިއެކު އޭނަގެ މެޔަށް ބާރުވެ ހިތް ހުއްޓިދާނެހެން ހީވިއެވެ. ސުފިޔާން ރޮމުން ދިޔައީ ބައްޕަ ނިޔާވީމައެއް ނޫނެވެ. އޭނަގެ ހިތާމައަކީ ބައްޕަ މަރުވިއިރު ހުރި ހާލަތެވެ. އެހުރިހާ ފާފަތަކަށްފަހު ބައްޕަ ތައުބާވުމުގެ ފުރުސަތު ލިބުނުހެއްޔެވެ؟ އެންމެ ފަހު ނޭވާގެ ކުރިން ފާފަފުއްސެވުމަށް އެދި ﷲއަށް ދެންނެވިހެއްޔެވެ؟ ސުފިޔާންގެ ހިތް ހަލާކުވީ އަލުން ދުވަހަކުވެސް ނުބެދޭފަދަ ގޮތަކަށެވެ.

މަރުކަޒުގެ ފާރަވެރިން އެތަނަށް ވަދެގަތްއިރު ފެނުނީ ސުފިޔާން ތަޅުންމަތީގައި ރޯން އޮތްތަނެވެ. އެތައް ބަޔެއްގެ މައްޗަށް ގަދަވެ ބާރުގަދަ އެހާ މީހުންގެ ހިތްތައް އަތުލައިގަތް މީހަކު މިހާރު ފެންނަނީ ބަލިކަށި ނާޒުކްކޮށެވެ. ސުފިޔާން ކޮޅަށް ތެދުވެ އެމީހުންނަށް އަމުރުކުރީ އެތަނުގައިވާހާ ޔަތީމްކުދިންނެއް ޔަތީމްޚާނާއަށް ގެންދިޔުމަށެވެ. ބައްޕަގެ ސަބަބުން ހަލާކުކޮށްފައިވާ ސިކުނޑިތަކަށް ފަރުވާދޭން ޔަތީމްޚާނާތަކަށް އޭނަ ނަފްސާނީ އިލްމުވެރިން ފޮނުވާދޭނެއެވެ. އެކުދިންނަށް ނަފްސާނީގޮތުން ކޮށްފައިވާ އަސަރުތައް ދެނެގަނެ އެހީތެރިވެދިނުމަށެވެ.

މަރުކަޒު އެއްކޮށް ހުސްވުމުން ސުފިޔާން އެތަނުގައި ހުޅުޖެހިއެވެ. އޭނަގެ އާޓް ސްޓޫޑިއޯއާއެކުގައެވެ.

ނުނިމޭ