މާފަންނު ގެެއެއްގައި ބިދޭސީންތަކެއްގެ މެދުގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީއެއްގައި ތިން މީހަކު ޒަހަމްވެއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މާފަންނު ގެއެއްގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން އުޅޭ އައިޖީއެމްއެޗްގެ ދެ ނަރުހަކާއި އެދެމީހުންގެ ފިރިންނާ ދެމެދުގަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާދިސާގައި ޒަހަމްވެގެން އައިޖީއެމްއެޗުން ފަރުވާދެމުން ގެންދާ ތިން މީހުންގެ ތެރޭގައި ހިމެނެނީ އައިޖީއެމްއެޗްގެ ދެ ނަރުހުންނާއި ފިރިހެނެއް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 6:30 ކަންހާއިރު ބިދޭސީންތަކެއް ތިބޭ ގެއެއްގައި ހިނގި އެމާރާމާރީއަކީ އިންޑިޔާގެ ތިން މީހެއްގެ މެދުގައި ހިނގި ދެބަސްވުންތަކަކާ ގުޅިގެން ހިނގި މާރާމާރީއެއް ކަމަށާއި އެމާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުގެ ސަބަބުން އޭގެތެރެއިން ދެ މީހަކު ވަރަށް ބޮޑަށް ޒަހަމްވެ ބޯފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި ތިން ވަނަ މީހާއަށް ވެސް މާރާމާރީގެ ސަބަބުން އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ މިމާރާމާރީ އާ ގުޅިގެން އަނިޔާވި ތިން މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު މިމާރާމާރީއާ ގުޅިގެން ފުލުހުން އިންޑިޔާގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.