30 Aug 2022, 15:48
ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހައްޔަރުކުރި ދެ މީހުންގެ ދަބަހުން ގޮވާތަކެތި ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވަނީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް އެއާޕޯޓުން ބިދޭސީ ދެ މީހަކު ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށްފަހު އެ ދެ މީހުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އެ ދެމީހުންގެ ދަބަހުން ގޮވާތަކެތި ފެނިފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފައިވާތީ ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ވީއައިއޭއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ދަބަހުން ގޮވާތަކެތި ފެނިފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ މައުލޫމާތަކީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް ކަމަށެވެ.
އާދިއްތަ ދުވަހު ވީއައިއޭއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހައްޔަރު ކުރީ އުމުރުން 26 އަހަރާއި 41 އަހަރުގެ މީހާގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން 10 ދުވަސް އިތުރު ކޮށްދީފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.
އެނގިފައިވާ ގޮތުގައި އިންޑިއާގެ އެ ދެ މީހުނަށް ކުރަނީ ޖާސޫސް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ. ސްޕައި ކެމެރާ ހަރުކޮށްގެން އެއާޕޯޓު ތެރޭގައި ޖާސޫސް ކުރަން އުޅުނު ކަމަށް ވެސް ވަނީ ތުހުމަތު ކުރެވިފައެވެ.
ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.