30 Aug 2022, 15:29
ވިއެނާ (30 އޮގަސްޓް 2022): އީރާނުގެ އެންމެ ބޮޑު ނިއުކްލިޔާ އެއް ރިއެކްޓަރު ކަމަށްވާ ނަތަންޒް ނިއުކްލިޔާ ރިއެކްޓަރުގެ ބިމުއަޑީގެ ތަނެއްގައި މަތީފެންވަރަށް ޔޫރޭނިޔަމް ފައްކާ ކުރަމުން ގެންދާކަމަށް އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަގްވާމީ އެޖެންސީ (އައިއޭއީއޭ)އިން ބުނެފިއެވެ.
"އައިއޭއީއޭ"އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ނަތަންޒް ނިއުކްލިޔާ ރިއެކްޓަރުގެ ބިމުއަޑީގައިވާ ބައިގައި (ފަރުބަދަތަކުގެ އަޑީގައިވާ ތަނުގައި) އީރާނުން ޔޫރޭނިޔަމް ފައްކާކުރަނީ "އައި.އާރް-6" މަރުކާގެ ޒަމާނީ ސެންޓްރިފިއުޖް މެޝިންތައް ބޭނުންކޮށްގެން ކަމަށް އައިއޭއީގެ ރިޕޯޓް ބުނެއެވެ. މިބާވަތުގެ ސެންޓްރިފިއުޖް މެޝިންތަކަކީ އަމިއްލަ ޓެކްނޮލޮޖީގައި އީރާނުން އުފައްދާ މެޝިންތަކެވެ.
އީރާނުން މަތީ ފެންވަރަށް ޔޫރޭނިޔަމް ފައްކާކުރާކަމަށް ބުނެ "އައިއޭއީއޭ"އިން ރިޕޯޓެއް ނެރެފައި މިވަނީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި 2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ސޮއިކުރި އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވުމުގެ މަޝްވަރާތައް ވަރަށް ބޮޑަށް ކާމިޔާބުވެ އެމައްސަލަ ހައްލުކުރުމާ ވަރަށް ގާތަށް އެދެގައުމަށް ދެވިފައިވާ ދަނޑިވަޅެއްގައެވެ.
އީރާން ތުހުމަތުކުރާ ގޮތުގައި "އައިއޭއީއޭ"އަކީ އީރާނުގެ ނިއުކްލިޔާ މައްސަލަ ސިޔާސީ ކުރަން ބޭނުންވާ އިސްރާއީލާއި އެމެރިކާގެ ބާރާއި ނުފޫޒު ހިނގާ އެޖެންސީއެކެވެ.
"އައިއޭއީއޭ"އަކީ ނިއުކްލިޔާ ނޮންޕްރޮލިފަރޭޝަން ޓްރިޓީ ނުވަތަ ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާގައި ސޮއިކޮށްފައިވާ ހުރިހާ ގައުމުތަކެއްގެ ނިއުކްލިޔާ ރިއެކްޓަރުތަކާއި ނިއުކްލިޔާ ރީސާޗްތައް ބަލައި ޗެކްކޮށް މޮނިޓާ ކުރުމުގެ މޭންޑޭޓް އޮންނަ އެޖެންސީއަކަށްވި ނަމަވެސް އެއެޖެންސީގެ މަސައްކަތުގެ 95 އިންސައްތަ އަމާޒުކޮށްފައިވަނީ ހަމައެކަނި އީރާނުގެ ނިއުކްލިޔާ ރިއެކްޓަރުތަކާއި އީރާނުގެ ނިއުކްލިޔާ ހަރަކާތްތަކަށެވެ.
އިސްރާއީލުން ސިއްރިޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފައްދާއިރު އަދި ނިއުކްލިޔާ ނޮންޕްރޮލިފަރޭޝަން ޓްރިޓީގައި ބައިވެރިވުމަށް ދެކޮޅުހަދާއިރުވެސް އެކަމާ އަޅާނުލައި "އައިއޭއީއޭ" މުޅި މަސައްކަތް އަމާޒުކޮށްފައިވަނީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަށް ކަމަށް އީރާނުން ބުނެއެވެ.
"އައިއޭއީއޭ"އަކީ ހަމައެކަނި ނިއުކްލިޔާ ފަންނީ ކަންކަން ބަލައި މޮނިޓާކުރާ އެޖެންސީއަކަށްވި ނަމަވެސް އެމެރިކާއާއި އިސްރާއީލުގެ ބާރާއި ނުފޫޒު އެއެޖެންސީއަށް ހިނގާ ކަމަށާއި އެ އެޖެންސީން އީރާނުގެ ނިއުކްލިޔާ މައްސަލަ ސިޔާސީ ކުރާކަމަށްވެސް އީރާން ތުހުމަތު ކުރެއެވެ.
އެމެރިކާއާއި އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް ނިއުކްލިޔާ ހަތިޔާރު އުފައްދަމުން ގެންދާއިރު އެހަތިޔާރު އުފެއްދުން އީރާނަށް މަނާކުރުމަށްޓަކައި ކުރެވެންއޮތް ހުރިހާ ކަމެއް އެދެގައުމުން ގެންދަނީ ކުރަމުންނެވެ. މީގެތެރޭގައި އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ބޮންއަޅައި އެތަންތަން ހަލާކުކޮށްލާނެކަމުގެ ބިރު ދެއްކުމާއި އިންޒާރުތައް ދިނުން ފަދަ ކަންކަން ހިމެނެއެވެ.
ރައްދުގައި އީރާނުންވަނީ އެގައުމުގެ ނިއުކްލިޔާ މަރުކަޒަކަށް އިސްރާއީލުން ހަމަލާ ދީފިނަމަ އިސްރާއީލުގެ ނިއުކްލިޔާ ރިއެކްޓަރުތަކަށް ދުރުރާސްތާގެ މިސައިލުން ހަމަލާދީ އެތަންތަން ބިމާހަމަކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ.
ދެހާސް ފަނަރަ ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ސޮއިކުރި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން 2018 ވަނަ އަހަރު އެމެރިކާ ވަކިވީ އިސްރާއީލުގެ ބާރާއި ނުފޫޒުގެ ސަބަބުންކަމަށް މުހައްލިލުން ދެކެއެވެ. އިސްރާއީލު ގެންދަނީ 2015 ވަނަ އަހަރުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވުމަށްޓަކައި އީރާނާއި އެމެރިކާއާ ދެމެދު ވިއެނާގައި ކުރިޔަށްދާ މަޝްވަރާތަކަށް ވެސް ހުރަސްއެޅުމަށް މަސައްކަތް ކުރަމުންނެވެ.
އިސްރާއީލު މިކަންކުރަނީ އެމެރިކާގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތައް ބޭނުން ކޮށްގެންނެވެ. އިސްރާއީލު ވަނީ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫއަނުވުމަށް ތަކުރާރުކޮށް އެމެރިކާގެ ކިބައިން އެދިފައެވެ. އަދި މިކަމަށް ހުރަސްއެޅުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނެކަންވެސް އިސްރާއީލުން ވަނީ ހާމަކޮށްފައެވެ.
އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވުމުގެ މަޝްވަރާތައް ކުރިޔަށްދަނީ އެކަން ކާމިޔާބުވެއްޖެނަމަ އެމެރިކާ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާގޮތަށެވެ.