މަޝްހޫރު ފިލްމީ ތަރި ފައުޒިއްޔާ ހަސަން ނިޔާވެއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އުމުރުން 79 އަހަރުގެ ފައުޒިއްޔާ ނިޔާވެފައި ވަނީ މެޔަށް ތަދެއް އަރައިގެން ސްރީ ލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނެވެ.

ފިލްމީ ދާއިރާއަށް 1980 ހިސާބުގައި ތައާރަފުވި ފައުޒިއްޔާ އެންމެ ފުރަތަމަ ފެނިގެންދިޔައީ "ފިދާ" ކިޔާ ފިލްމަކުންނެވެ. އެއަށްފަހު ފައުޒިއްޔާގެ އެކްޓިން ޕްރޮޑިއުސަރުންނަށް ކަމުދިޔުމުން ފިލްމު ކުޅެން އިތުރު ފުރުސަތުތައް އޭނާއަށް ލިބުނީއެވެ.

ފައުޒިއްޔާ: އޭނާ އެންމެ ފަހުން މަސައްކަތް ކޮށްފައި ވަނީ ޓެޑްރީ އުފައްދާ ފިލްމު 'ލަސްވިޔަސް'ގައި --- ފޮޓޯ/ މުހައްމަދު ނިޔާޒު (ޓެޑްރީ)

ފައުޒިއްޔާ ވަނީ ރާއްޖޭގައި މަޝްހޫރުވި ގިނަ ފިލްމުތަކެއްގައި މުހިންމު ރޯލުތަކެއް ކުޅެފައެވެ. އޭގެ ތެރޭފައި "ހައްދު"، "ޔޫސުފް"، "އިރުއޮއްސުމުން" އަދި "ދޮން ކަމަނަ" ފަދަ ފިލްމުތައް ހިމެނެއެވެ. އެންމެ ފަހުން އޭނާ މަސައްކަތް ކޮށްފައި ވަނީ މުހައްމަދު ނިޔާޒު (ޓެޑްރީ) އުފައްދާ ފިލްމު 'ލަސްވިޔަސް'ގައެވެ.

ފިލްމުތަކުން މަގުބޫލުކަން ހޯދަމުން ދަނިކޮށް 1994 ވަނަ އަހަރު ފައުޒިއްޔާއަށް އިންޑިއާގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނުހައްގުން އޭނާ ޖަލަށް ލާފައި ހުރި ދުވަސްވަރު ޖިސްމާނީ ގޮތުން ގިނަ އަނިޔާތަކެއް ކޮށްފައިވާ ކަމަށް ފައުޒިއްޔާ ވަނީ މީގެ ކުރިން އިންޑިއާގެ "ދަ ހިންދޫ"އަށް ދިން އިންޓަވިއުއެއްގައި ހާމަކޮށްފައެވެ.

ފައުޒިއްޔާ އާއި ރާއްޖެއަށް އުފަން މަރިޔަމް ރަޝީދާ 1994 ވަނަ އަހަރު އިންޑިއާއިން ހައްޔަރު ކުރީ ޖާސޫސްކުރުމުގެ ތުހުމަތުގައެވެ. އެމީހުންގެ އިތުރުން އިންޑިއާގެ ޖައްވީ އިދާރާ (އައިއެސްއާރުއޯ)ގެ އިސް ދެ ސައެންސްވެރިން ކަމަށްވާ ނަމްބީ ނާރަޔަންއާއި ޑީ ސަސިކުމާރުގެ އިތުރުން ރަޝިއާގެ ޖައްވީ އިދާރާގެ ފަރާތުން އިންޑިއާގައި ހުންނަ މަންދޫބެއް ކަމަށްވާ ޗަންދުރަޝޭކަރު ހިމެނޭ ގޮތަށް ހަތަރު މީހަކު އޭރު ހައްޔަރުކުރިއެވެ.

ފައުޒިއްޔާ ހައްޔަރު ކުރި އިރު އޭނާގެ އަތުގައި އެއް އަހަރުގެ ވިސާ އޮތްކަމަށް ފައުޒިއްޔާ ވަނީ ދަ ހިންދޫއަށް ބުނެފައެވެ. އޭނާ ދޫކޮށްލީ ނުހައްގުން މީހަކު ބަންދުގައި ބެހެއްޓުން މަނާކުރާ ގާނޫނުގެ ދަށުން ކަމަށް ވެސް ފައުޒިއްޔާ ބުނެފައިވެއެވެ.