30 Aug 2022, 11:37
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގާއިމުކުރި ސިނަމާލެ ބްރިޖަށް ހަތަރު އަހަރު މިއަދު ފުރިނުއިރު، މިހާތަނަށް ބްރިޖުގައި 100މިލިއަން ދަތުރު ކޮށްފައިވާ ކަމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެންބަސީން ބުނެފިއެވެ.
ސިނަމާލޭ ބްރިޖުގެ މަސައްކަތް ނިންމާ ރަސްމީކޮށް ބްރިޖު ހުޅުވީ 2018 ވަނަ އަހަރު އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.
އެ ބްރިޖަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއެވެ.
ތިން އަހަރާއި 11 މަސް ތެރޭ ބުރިޖުގެ މަސައްކަތް ނިންމާލާ ބުރިޖު ހުޅުވިއިރު ސިނަމާލެ ބްރިޖު ހުޅުވުން ވެގެންދިޔައީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒަކަށެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ރާއްޖޭގެ ސަރުކާރުގެ ބަޖެޓުން އަދި ޗައިނާގެ ލޯނު އެހީގައި އެޅި ބްރިޖު މަޝްރޫއަށް 200 މިލިއަން ޑޮލަރު ވަނީ ޚަރަދުވެފައެވެ.
ދިވެހިންގެ އުއްމީދުތަކާ ގުޅިފައިވާ ރާއްޖޭގައި ހިންގި އެންމެ ބޮޑު އުމުރާނީ ތަރައްގީގެ މަޝްރޫއަށް މިއަދު ހަތަރު އަހަރުވެފައިވާއިރު ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޝިން ވިދާޅުވީ އެ ބްރިޖަކީ ރާއްޖެއާއި ޗައިނާގެ އެކުވެރިކަމުގެ ރަމްޒީ ނިޝާނެއް ކަމަށެވެ.
ސިނަމާލޭ ބްރިޖަށް ހަތަރު އަހަރު ފުރުން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ ސިނަމާލެ ބްރިޖަކީ އިގްތިޞާދީ ގޮތުންނާއި އުމުރާނީ ގޮތުން ބޮޑު އިންގިލާބެއް ގެނުވި މަޝްރޫއެއް ކަމަށެވެ.

ސިނަމާލެ ބްރިޖު -- ފޮޓޯ/ ޓްވިޓާ (މިނިސްޓަރު މުހައްމަދު ސައީދު)
އާއްމުންނަށް ބްރިޖު ހުޅުވާލި ފަހުން މިއަދާ ހިސާބަށް 100މިލިއަން ދަތުރުކޮށްފައިވާ ކަމަށާއި ބުރިޖަކީ ރާއްޖޭގެ ރައްޔިތުންގެ ދަތުރުތަކަށް ވެސް ގެނުވި ފަސޭހަކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ފޮރިން މިނިސްޓަރު ޝާހިދު ވެސް ވިދާޅުވީ ބުރިޖަކީ ޗައިނާއާއި ރާއްޖޭގެ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކޮށްދިން އަދި ރާއްޖެއަށް ވެސް އިތުރު ތަރައްގީ ގެނުވި މަޝްރޫއެއް ކަމަަށް. ސިނަމާލޭ ބްރިޖަކީ ބޮޑު އިންގިލާބެއް،" އޭނާ ވިދާޅުވިއެވެ.

ސިނަމާލޭ ބުރިޖު ސަރަޚައްދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ސަފީރު އިތުރަށް ވިދާޅުވީ އަންނަ އޮކްޓޯބަރު މަހު ރާއްޖެއާއި ޗައިނާގެ ޚާރިޖީ ގުޅުމަށް 50 އަހަރު ފުރޭއިރު އުއްމީދު ކުރަނީ އެކުގައި ގުޅިގެން ދެ ގައުމަށް ވެސް ފައިދާ ކުރާނެ އަދި ތަރައްގީ ގެނުވާނެ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ކަމަށެވެ.
ކުރިއަށް އޮތް ތާގައިވެސް ދެ ގައުމުގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުން ދަމަހައްޓައި އިތުރަށް ގުޅުން ހަރުދަނާވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސިނަމާލޭ ބްރިޖަށް ހަތަރު އަހަރު މިއަދު ވާއިރު، އެ ބްރިޖަކީ އެތައް ދުވަހަކަށް ރާއްޖޭގެ ރައްޔިތުން ދެކުނު ހުވަފެނެއްގައި ކުލެ ޖެހުނު އަދި ތަރައްގީގެ އިތުރު ހަރުފަތަކަށް ރާއްޖެ ދިއުމަށް މަގުފަހިކޮށްދިން ރާއްޖެއަށް މުހިއްމު ބްރިޖެކެވެ.
ހުޅުމާލެއަށާއި ހުޅުލެއަށް ދިއުމަށް ކަނޑު ހުރަސްކޮށް ކުރަން ޖެހުނު ދަތުރުތަކަށް ނިމުމެއް ގެނައި ބްރިޖާއެކު އެތައް ފަސޭހައެއް ދިވެހިންނަށް ލިބިގެންދިޔައެވެ.