ވެށިފަހި މާލޭ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލެއިންނާއި މާލެއިން ދޫކުރުމަށް ހަމަޖައްސާފައިވާ ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އޭ ކެޓަގަރީ އަދި ބީ ކެޓަގަރީގެ އިންޓަވިއުއަށް ހާޒިރުވެފައި ނުވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.

ވެށިފަހި އޮފީހުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ ބޯހިޔާވަކިކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތައް ރަށުގައި ނެތުމުގެ ސަބުބުންނާއި ފޯނުން ނުގުޅުން ފަދަ ސަބަބުތައް މެދުވެރިވެގެން މިހާތަނަށް އިންޓަވިއުތަކަށް ހާޒިރުވެވިފައިނުވާ ކަމަށެވެ. އޭ އަދި ބީ ކެޓަގަރީއަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން މިހާތަނަށް އިންޓަވިއުތަކަށް ހާޒިރުވެފައިނުވާ މީހުން އެފްރީލް 12 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ވެށިފަހި އޮފީހަށް ހާޒިރުވެ، އިންޓަވިއު ދިނުމަށް އެދޭ ކަމަށާއި އެތާރީހުގައި އޭ އަދި ބީ ކެޓަގަރީގެ އިންޓަވިއު ކުރުމުގެ މަރުހަލާ ނިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެއިތުރުން އޭ އަދި ބީ ކެޓަގަރީގެ އިންޓަވިއުތަކަށް ހާޒިރުވެފައިވާ މީހުންގެ ތެރެއިން މިހާތަނަށް ވެށިފަހި އޮފީހަށް ހުށަހަޅަން ޖެހޭ ލިއުންތައް ހުށަހަޅާފައިނުވާ ފަރާތްތަކުން ވެސް އެޕްރީލް 12 ވަނަ ދުވަހުގެ ކުރިން ލިޔުންތައް އެ އޮފީހާ ހަވާލުކުރުމަށް ވެސް އެ އޮފީހުން ވަނީ އެދިފަ އެވެ.

ވެށިފަހި މާލެ ޕްރޮގްރާމް ދަށުން ބޯހިޔާވަހި ކަމަށް އެދި 21،000 މީހުން ކުރިމަތިލާފައިވާ އިރު އެ ހުރިހާ ފަރާތްތަކަށް ވެސް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ކުރީގެ ސަރުކާރުން ވަނީ ބުނެފަ އެވެ.