30 Aug 2022, 10:23
ގޭތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އަންހެނަކު ފިރިހެނެއްގެ ކަރަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ އާދިއްތަ ދުވަހުގޭ ރޭ ދަންވަރު ފިރިހެނަކު ކަރަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދާފައި ކަމަށް އެ ހޮސްޕިޓަލުން އިއްޔެ ވަނީ ބުނެފައެވެ.
އަނިޔާ ލިބުނު މީހާ އެމަޖެންސީގައި ފަރުވާ ހޯދުމަށްފަހު ވޯޑަށް ބަދަލުކުރި ފަހުން އާއިލާއިން އެދިގެން އޭނާ ގެއަށް ދޫކޮށްލާފައިވާ ކަމަށް ވެސް އޭޑީކޭއިން ވަނީ ބުނެފައެވެ.
އެނގިފައިވާ ގޮތުގައި އެ ފިރިހެން މީހާއަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ ގޭތެރޭގައި ހިނގި ޒުވާބެއްގައެވެ. ނަމަވެސް ހަމަލާ ދިނީ އޭނާއާ ކޮން ގުޅުމެއް އޮތް އަންހެނެއްކަން އަދި ވަނީ ކަށަވަރު ނުވެފައެވެ.
އެކަމާ ގުޅުގެން އިއްޔެ ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށެވެ.
އޭގެ ފަހުން މިއަދު އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވޭތޯ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން"އަށް ވިދާޅުވީ އެކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި އަދިވެސް ނުވާއިރު އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލެއް ވެސް އަދި ސާފެއް ނުވެއެވެ.