30 Aug 2022, 09:50
އިސްލާމްއާބާދު (30 އޮގަސްޓް 2022): ޕާކިސްތާނަށް ކުރި އާދަޔާ ޚިލާފު ގަދަ ވިއްސާރައިގެ ސަބަބުން ގައުމުގެ ބޮޑު ބައެއް ފެނުގެ އަޑިއަށްގޮސް ހާހަކަށް ވުރެ ގިނަ މީހުން މަރުވެ, 33 މިލިއަނަށް ވުރެ ގިނަ މީހުންނަށް ގެއްލުންތައް ލިބި، ގައުމުގެ އިންފްރާސްޓްރަކްޗާގެ ބޮޑުބައެއްވެސް ހަލާކުވުމާ ގުޅިގެން ދުނިޔޭގެ ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ އަވަސް އެހީއަށް ޕާކިސްތާން ސަރުކާރުން އެދިއްޖެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ-ޒަރުދާރީ ވިދާޅުވީ ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން ޕާކިސްތާނަށް މިފަހަރު ލިބުނު ވަރުގެ ގެއްލުންތަކެއް ފަހުގެ ތާރީޚެއްގައި އެގައުމަށް ލިބިފައިނުވާ ކަމަށެވެ.
ބިލާވަލު ވިދާޅުވީ ޕާކިސްތާނުގެ ރައްޔިތުންނަށާއި އިގްތިސާދަށް ފެންބޮޑުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ވާހަކަތައް ކިޔައިދޭން ވެސް ދަތި ކަމަށާއި އެ ވިއްސާރައިގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް ވަނީ އެހާ ވޭންދެނެވި ގެއްލުންތައް ލިބިފައި ކަމަށެވެ.
ބިލާވަލު ވިދާޅުވިގޮތުގައި 33 މިލިއަން މީހުން ހާލުގައި ޖެހިފައިވާއިރު މަރުވި މީހުންގެ އަދަދުވެސް ވަނީ ހާހަކަށްވުރެ އިތުރުވެފައެވެ. އެހީއަށް އެދި ދުނިޔޭގެ ބައެއް ގައުމުތަކަށާއި ޖަމްއިއްޔާ ޖަމާއަތްތަކަށް ޕާކިސްތާނުންވަނީ ރަސްމީކޮށް ހުށަހަޅާފައެވެ.

ޕާކިސްތާނުގައި ފެންބޮޑުވެފައި
ވިއްސާރައިގައި ޕާކިސްތާނަށް އެ ގެއްލުންތައް ލިބުނީ ކޮވިޑް-19 އަށްފަހު އިގްތިސާދުވެސް ވަރަށްބޮޑަށް އަޑިއަޅާލާފައިވާ ވަގުތެއްގައެވެ. ކޮވިޑް-19އަށްފަހު ޕާކިސްތާނަށް ވަނީ ތަކެތީގެ އަގުބޮޑުވުމާއި ތެލާއި ގޭހުގެ ދަތިކަމާއި ބޭރުފައިސާގެ ރިޒާވް ދަށްވުން ފަދަ އިގްތިސާދީ އެތައް މައްސަލަތަކެއް ކުރިމަތިވެފައެވެ.
މި ދަނޑިވަޅުގައި ޕާކިސްތާނަށް ކުރި އާދަޔާ ޚިލާފު ގަދަ ވިއްސާރައިގެ ސަބަބުން 33 މިލިއަނެއްހާ މީހުން ހާލުގައިޖެހި ގައުމުގެ ބޮޑުބައެއް ފެނުގެ އަޑީގައިވާއިރު ހާލުގައި ޖެހިފައިވާ ގިނަ ބަޔަކަށް އިންސާނީ އެހީ ފޯރުކޮށްދޭނެ މާލީ ގާބިލްކަން ޕާކިސްތާނުގައި ނެތްކަން ބިލާލު ފާހަގަ ކުރެއްވިއެވެ.
ޕާކިސްތާނަށް ކުރިމަތިވެފައިވާ ބަޖެޓް ދެކޮޅު ނުޖެހުމުގެ މައްސަލަ އިންތިހާއަށް ގޯސްވެ މާލީ ގޮތުން ޕާކިސްތާން އިފްލާސްވެދާނެކަމުގެ ބިރު އޮތީ ހީވެފައެވެ. އެހެންކަމުން ބެއިލްއައުޓް ނުވަތަ އިގްތިސާދު ބަނގުރޫޓް ވުމުން ސަލާމަތް ކުރުމުގެ ޕްރޮގުރާމެއްގެ ދަށުން އެ ގައުމަށް އަވަސް ގޮތަކަށް 1.2 ބިލިޔަން ޑޮލަރުގެ ލޯނެއް ދިނުމަށް ޕާކިސްތާން ސަރުކާރުން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގައި އެދިފައެވެ. އެ ހުށަހެޅުމާ ބެހޭ ގޮތުން އެ ފަންޑުން މި ހަފުތާގައި ގޮތެއް ނިންމާނެއެވެ.
މީގެ އިތުރުން އިގްތިސާދު ސަލާމަތް ކުރުމަށްޓަކައި ޕާކިސްތާނަށް ތިން ބިލިއަން ޑޮލަރުގެ އެހީއެއްވާނެކަން ގަތަރުންވަނީ ހާމަކޮށްފައެވެ. ސައޫދީ އަރަބިއާއިންވެސް ވަނީ ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް ރަނގަޅު ކުރުމަށްޓަކައި ހަތަރު ބިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައެވެ.
ޕާކިސްތާނަށް ކުރި ވިއްސާރައިގާ އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އެގައުމުގެ ދެކުނުގެ ސިންދު ޕްރޮވިންސަށެވެ. ވިއްސާރަ އަދިވެސް ނިމުމަކަށް ނާދެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޕާކިސްތާނުގެ އިތުރު ސަރަޙައްދުތަކަށް ވިއްސާރުކުރާނެކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ.
ސިންދު ޕްރޮވިންސުގެ ބައެއް ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ދަނީ ބިންގަނޑު ތިރި ރަށްތަކާއި އަވަށްތަކަށް ފެތުރެމުންނެވެ. ސިންދުގައި ބޮޑުވި ފެންގަޑުގެ ބޮޑުބައެއް މަޑުމަޑުންވަނީ ޚައިބަރް ޕަޚްތުންޚްވާ ޕްރޮވިންސަށް ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން ޚައިބަރް ޕަޚްތުންޚްވާ ގައިވެސްވަނީ ފެންބޮޑުވެފައެވެ.
ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ނިންމެވި ނިންމެވުމުގެ ދަށުންވަނީ އާންމުންނަށް އެހީވުމަށް ޚާއްސަކޮށްގެން 45 މިލިޔަން ޑޮލަރުގެ ބަޖެޓެއް އިއުލާނުކޮށްފައެވެ. ހާލުގައި ޖެހިފައިވާ ކޮންމެ އާއިލާއަކަށް މި ބަޖެޓްގެ ދަށުން 112 ޑޮލަރު އެހީގެ ގޮތުގައި ދިނުމަށްވަނީ ނިންމާފައެވެ.
ފެންބޮޑުވުމާ ގުޅިގެން ޕާކިސްތާނަށް ލިބިފައިވާ ގެއްލުމުގެ މިންވަރު ހަތަރު ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެގައުމުން ބުނެއެވެ. ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތެރޭގައި ހަ ލައްކަ ގެ އާއި 130 ފިހާރަ ހަލާކުވުމާއި 146 ބްރިޖު ވެއްޓުމާއި 3084 ކިލޯމީޓަރުގެ މަގާއި ހައިވޭ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ހަލާކުވުން ހިމެނެއެވެ.