އިނގިރޭސި ޕްރިމިއާ ލީގްގައި ވާދަކުރަން ބޭނުންނަމަ އިތުރު ދެ ކުޅުންތެރިން ހޯދަން ބޭނުންވާކަމަށް ޓޮޓެންހަމްގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅެ މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ކޯޗް އިޓަލީގެ ކޮންޓޭ ބުނީ ވާދަވެރިންގެ މައްޗަށް ކުރިހޯދެން އޮތީ، ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން އިތުރަށް ދެ ކުޅުންތެރިން ހޯދައިގެން ކަމަށެވެ.

"ނިމިގެންދިޔަ ސީޒަނާ އަޅާބަލާއިރު، މި ސީޒަނުގައި އަހަރުމެން މާ ފުރިހަމަ. ނަމަވެސް އަހަރެމެންގެ ވާދަވެރިން އަދި އުޅެނީ އުހުގައި. އޭގެ މާނައަކީ އަހަރެމެންނަށް އަދި މިހާލަތުން ފަރުޖައްސާލައިގެން ތިބެވެންނެތްކަން،" ނޫސްވެރިންނާ ވާހަކަދައްކަމުން ކޮންޓޭ ބުންޏެވެ.

ކޮންޓޭ ވަނީ އިތުރު ކުޅުންތެރިން ބޭނުންވާކަން ކްލަބުގެ ވެރިންނާ ވެސް ހިއްސާކޮށްފައެވެ. މިކަމުގައި ކޮންމެ ގޮތަކަށް ކްލަބްގެ ބޯޑުން ނިންމި ނަމަވެސް އެ ނިންމުމަށް އިހުތިރާމް ކުރާނެކަމަށް ކޮންޓޭ ބުންޏެވެ.

ޓޮޓެންހަމްގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ނޫސްވެރިންނާ ވާހަކަ ދައްކަނީ --- ފޮޓޯ/ ގެޓީ

ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަމުން ކޮންޓޭ ބުނީ، ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނާއެކު މިހާތަނަށް ކުރެވުނު ތަޖުރިބާ ރަނގަޅުކަމަށެވެ. އެގޮތުން ކުޅުންތެރިންނާއެކު ހޭދަކުރި މަދު ދުވަސްކޮޅުގެ ތެރޭގައި ކުޅުނު މެޗްތަކުގެ ނަތީޖާ ރަނގަޅުކަން ކޮންޓޭ ފާހަގަކުރިއެވެ.

އާ ސީޒަނަށް ޓޮޓެންހަމް ވަރުގަދަކުރުމުގެ ގޮތުން ކޮންޓޭ ވަނީ މިފަހަރުގެ ހޫނު މޫސުމުގައި ހަތަރު ކުޅުންތެރިއަކު އެ ޓީމަށް ނަގާފައެވެ.

އެ ކުޅުންތެރިންނަކީ އެވަޓަންގެ ފޯވަޑް ރިޗާލިސަން، ބްރައިޓަންގެ މިޑްފީލްޑަރު ބިސޮއުމާ، އިންޓަމިލާންގެ ވިންގާ ޕެރިޝިޗް، އަދި ބާސެލޯނާގެ ސެންޓާ ބެކް ކްލެމެންޓް ލެންގްލެޓެވެ.

އިނގިރޭސި ޕްރިމިއާ ލީގްގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ޓޮޓެންހަމް އުޅެނީ 10 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައެވެ. ތާވަލުގެ ދެ ވަނައިގައި ޓޮޓެންހަމާ އެއްވަރަށް ޕޮއިންޓް ލިބިގެން މެންޗެސްޓާ ސިޓީ ދެވަނައިގައި އޮތްއިރު، 12 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ އާސެނަލްއެވެ.