30 Aug 2022, 08:59
ކުޅުދުއްފުށި ސިޓީގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ސިޓީ އޮފީސް ހުޅުވައި ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުދުއްފުށީގައި އެމްޑީއޭގެ ސިޓީ އޮފީސް ހުޅުވައިދެއްވީ އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފްއެވެ.
"ސަން"އާ ވާހަކަ ދައްކަވަމުން އެމްޑީއޭގެ ޕޮލިސީ އެންޑް ޑިވެލޮޕްމެންޓް ކައުންސިލުގެ ނައިބު ރައީސް ޝުއައިބް އަލީ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ވެސް ސިޓީ އޮފީސް ހުޅުވުމުގެ މަސައްކަތް އެ ޕާޓީން ކުރާނެކަމަށެވެ. އެގޮތުން ފުވައްމުލައް ސިޓީގައި ސިޓީ އޮފީސް ހުޅުވާފައިވާއިރު، އަންނަ މަހު އައްޑޫ ސިޓީގައި ސިޓީ އޮފީސް ހުޅުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޝުއައިބު ވިދާޅުވީ އެމްޑީއޭގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާނީ މުޅި ރާއްޖެއަށް އެމްޑީއޭގެ ފިކުރު ގެންގޮސް، ލާމަރުކަޒީ ހަމަތަކުގެ ތެރެއިން ތަންފީޒުކުރެވޭ ގޮތަކަށް ކަމަށެވެ.

ކުޅުދުއްފުށި ސިޓީގައި އެމްޑީއޭގެ އޮފީހެއް ހުޅުވާފައިވާއިރު އެ ސިޓީގެ ގިނަ ބަޔަކު އަންނަނީ އެ ޕާޓީއާ ގުޅެމުން -- ފޮޓޯ/ އެމްޑީއޭ
"ތަރުތީބު ވެގެން އިންތިޒާމުވެގެން ރާއްޖޭގަ އުންމީދީ ގޮތެއްގަ ތަޖުރިބާކާރުންނާ އެކީގަ ކުރަމުންދާ ކަމެއް އެމްޑީއޭގެ ސިޔާސީ ހަރަކާތަކީ،" އޭނާ ވިދާޅުވިއެވެ.
އެމްޑީއޭއިން މިހާރު ކުރިއަށްގެންދަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ހިންގާ ހަރަކާތްތައް ކަމަށް ޝުއައިބު ވިދާޅުވިއެވެ. އެގޮތުން އެ ޕާޓީގެ އަމާޒަކީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ފަހު މަޖިލިސް އިންތިޚާބު ކާމިޔާބުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހުރިހާ ދާއިރާއަކަށް ކައުންސިލް އިންތިޚާބުގަ ވެސް ކުރިމަތިލާނަން އިރާދަކުރެއްވިއްޔާ. ޕާޓީގެ ތެރޭގަ އިންތިޚާބުތައް ބޭއްވި ކެންޑިޑޭޓުން ހޮވިގެން އިރާދަކުރެއްވިއްޔާ ސިޔާސީ ބާރު ހޯދާނީ،" ޝުއައިބު ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީގައި އެމްޑީއޭގެ އޮފީހެއް ހުޅުވާފައިވާއިރު އެ ސިޓީގެ ގިނަ ބަޔަކު އަންނަނީ އެ ޕާޓީއާ ގުޅެމުން -- ފޮޓޯ/ އެމްޑީއޭ
އެމްޑީއޭގެ ސަރުކާރެއްގައި މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ދިމާވެފައި ހުރި މައްސަލަތަކަށް ހައްލު ހޯދަންކަން ޝުއައިބު ފާހަގަކުރެއްވިއެވެ.
"ތަރައްގީގެ ވިސްނުން އެމްޑީއޭއަކީ. އެމްޑީއޭގެ ނަމުން ވެސް އެނގޭނެ އެމްޑީއޭއިން މަސައްކަތްކުރާނީ ދިވެހިރާއްޖެ ތަރައްގީ ކުރަން ކަން،" ޝުއައިބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެ ތަރައްގީކުރަން އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ފަދަ ގާބިލު ބޭފުޅަކު މިވަގުތު ނެތްކަމަށެވެ.
"ދެހާސް ތޭވީސް ވަނަ އަހަރު ސިޔާމު ރާއްޖޭގެ ރައީސްކަމަށް ގެންނަން ބޭނުންތޯ ނޫނީ އެއީ ގާބިލު ބޭފުޅެއްތޯ އެހުމުން އަޅުގަނޑަށް ރަށްރަށުން ދިމާވި އެންމެން ވިދާޅުވަނީ އާނއެކޭ. ނޫނެކޭ ވިދާޅުވި އެއްވެސް ބޭފުޅަކު އަޅުގަނޑުމެންނަކާ ދިމައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.
އެމްޑީއޭގެ ސަރުކާރެއްގައި ވިޔަފާރީގެ ރޮނގުންނާއި ތަރައްގީގެ ރޮނގުން ގައުމު ކުރިއަރުވަން މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ދިމާވެފައިވާ މައްސަލަތައް ބަލައި އެކަމަށް ދާއިމީ ހައްލެއް އެމްޑީއޭއިން ހޯދައިދޭނެ ކަމަށް ވެސް ޝުއައިބު ވިދާޅުވިއެވެ.