05 Sep 2022, 08:39
"ތިބާގެ ހިތާމަތަކާއި އިހުސާސްތައް އަދި އުފުލަމުންދާ ވޭން އެހެން މީހުންނަށް އިހުސާސްކުރެވޭނީ އެފަދަ ހާލަތެއް ކުރިމަތިވުމުންނެވެ. "
***
"ސަބަބަކީ......ހަޒަލްއަށް އެނގޭތަ؟ ސައިކޭޓްރިސްޓަކާއި ކޮންސަލްޓްކުރީމަ އޭނަ ބައްޔަކަށް ބުނީ ސްކިޒޮފްރީނިއާ. އޭނަ ބުނާގޮތުގައި ރަވާންމެންނަކީ ފިގްމެންޓް އޮފް އިމޭޖިނޭޝަން...ބޮލުތެރޭ ގެންގުޅޭ ބަޔެއް. އެކަމަކު.....ހަގީގަތަކީ..." ކައިދަން ހަޒަލްގެ މޫނަށް ބަލައިލިއިރު ހަޒަލްގެ ކޯތާފަތްމަތިން ކަރުނަތިކިތައް ތިރިއަށް ދެމެން ފަށައިފިއެވެ. ހިތާމައާއެކު ބުނަން ނޭގޭފަދަ ޖަޒުބާތުތަކުން ހިތާއި ސިކުނޑި ފުރައިލުމުން ހަޒަލްއަށް ބަލަން ހުރެވުނީ މާ ދުރަށެވެ. ބޯ ވާރޭގެ ހަމަލާތަކުން ތެމެމުން ދިޔަ ގަސްތައް އަނދިރީގައި ފެންނަނީ ހިޔަނިތަކެއްހެންނެވެ. ހިޔަނިތައް ނަށާހެންނެވެ.
"ކީއްވެ ރޮނީ؟ އައިމް ސޮރީ......"
"ކުރިން ތިވާހަކަ ނުބުނީ ކީއްވެތަ؟ އެނގުނުނަމަ އަހަރެން.........." ހަޒަލް ތުންފަތުގައި ދައިގަތެވެ.
"ކުރިން އެނގުނުނަމަ މެރީ ނުކުރާނަންތަ؟"
"މަށަކަށް ނޭގޭ......" ހަޒަލް ފިޔަވަޅުތައް ތަންކޮޅެއް އަވަސްކޮށްލިއެވެ. ވާރޭގެ ބޯ ތިކިތައް ކޯޓުގައި ތިކިތަޅާއިރު ބޮލުގައި ފުއްޓަކި ޖަހާފަދައެވެ. ހިތާއި ސިކުނޑީގައި އުފެދިގަތް ތޫފާން ބޭރުގައިވާ ތޫފާނަކަށް ދޫނުކުރެއެވެ. ހަޒަލް ވިސްނަމުން ދިޔައީ އޭނަގެ އަމިއްލަ ނަފުސާއިމެދުގައެވެ.
***
ބިއްލޫރި ބިތްގަނޑުގެ ކައިރީގައި ހުރި ސޯފާގައި ހައިސަމްއާއި އިށީދެލައިގެން ހައިސަމްއާއި ހަޒަލް ތިބިއިރު ވާރޭވެހޭ މަންޒަރު ރީތިކޮށް ފެނެއެވެ. ރާހިލް ކޮފީއާއެކު ޗިޕްސްއާއި ބިސްކޯދުކަމުން ދިޔައެވެ.
"ކައިދަންއާއި ދިމާލަށް އެންމެން މޮޔައެކޭ ކިޔާ ސަބަބު މިއެނގުނީ. އަސްލުވެސް މައްސަލައެއް އެބަހުރި. ކައިދަން ބުނީ ސްކިޒޮފްރީނިއާއޭ...."
"ސޯ ވަޓް؟ ދުނިޔެ ނިމުނީއެއްނޫން. ނަފްސާނީ މައްސަލަތައް ހުންނަ މީހުންނަށް ބޭނުންވާނީ ސަޕޯޓް. ތިވަރުގެ ކަމަކާއި ރޯކަށް ނުވާނެ. އައި ތޯޓް ވަރަށް ދެރަކަމެއްވީއޭ...." ރާހިލް ބުމަ އަރުވައިލިއެވެ.
"ރާހިލްގެ އަންބެއް ހުރި ދުވަހަކުން އެކަހަލަ ކަމެއް ދިމާވިނަމަ އިހުސާސްކުރެވޭނީ.."
"ނޫން. އަހަރެން މެރީކޮށްފާނަން އެކަހަލަ ކުއްޖަކާ. އިންސާނުން ޕާފެކްޓެއްނުވާނެ. ނަފްސާނީ ނޫނީ ޖިސްމާނީ އުނިކަމެއް ނުހުންނަ މީހުން ވަރަށް މަދު. އެހެންވީމަ އެކްސެޕްޓްކޮށްގެން ކުރިއަށް ދާނީ...."
'ތެދެއް ދޮންބެ؟" ހަޒަލް ޓިޝޫއަކުން ލޯ ފޮހެލިއެވެ.
"ބޭސް ބޭނުންކުރޭތަ؟"ހައިސަމް އެހިއެވެ.
"ނާހަން..."
"އަހަންނަށްވެސް ހީވި އެހެން...ކައިދަން އުޅޭގޮތުން މެޑިކަލް ނޮލެޖް ނެތް މީހަކަށްވެސް ދެނެގަނެވޭނެ. އެކަނި ހުރެ ވާހަކަދެއްކުމާއި ފާރަށް ބަލަހައްޓައިގެން ހުރުން ނޯމަލްއެއްނޫން............" ހައިސަމްގެ ޖަވާބުން އިތުރަށް ހަޒަލްއަށް އަސަރުކުރިއެވެ.
"އަދި ރަވާންއެއްގެ ވާހަކަވެސް ދެއްކި. ކައިދަންގެ އިމޭޖިނަރީ ފްރެންޑުންނާއެކު އުޅެނީ....ރަވާން ކިޔާ ގާލްއެއް..އައިމް ސޯ ޖެލަސް.."ހަޒަލްގެ ރުއިމުގެ އަޑު ވަކިން ގަދަވިއެވެ.
"ހަހަ....." ރާހިލްއަށް ވީ މަޖާކަމަކަށެވެ.
"އިޓްސް ނޮޓް ފަނީ އޭ ރާހިލް.........." ހައިސަމް ސީރިޔަސް ނަޒަރަކުން ބަލައިލުމުން ރާހިލް ތުންފިތައިލިއެވެ.
"ސޮރީ......ހަޒަލް އެކަމާއި މާ ބޮޑަށް ހާސްވެ އަދި ޖެލަސްވެސް ވީމަ މަޖާވީ. އިމޭޖިނަރީ ގާލްއެއް ހުއްޓަސް ޖެލަސްވާންވީ ސަބަބަކީ ކޮބާ.......ކިހިނެއްބާ އިމޭޖިނަރީ ފްރެންޑްސް އެގެންގުޅެނީ؟ އިންސާނާގެ ސިކުނޑިއަކީ ކައުނުގައި ވާ އެންމެ ކޮމްޕްލެކްސް އޮބްޖެކްޓް. އަދި އެހާ ކޮމްޕްލިކޭޓެޑްވަނީ އޭގައި ހުންނަ ގްރޭ މެޓާގެ ސަބަބުން. އެވްރެޖް އިންސާނެއްގެ ސިކުނޑީގައި ބޭނުންކުރާ އަށްޑިހަ ހަ ބިލިއަން ނިއުރޯންސް ހުރޭ. ކައިދަންފަދަ އައި ކިއު ހައި އިންޓެލިޖެންޓް މީހެއްގެ ސްކިޒޮފްރީނިއާ ހުރެގެން ހެލުސިނޭޓް ވާކަމަށް ބުނީމަ ގަބޫލުކުރަން ދަތި ގޭގައި އެހެން ނުބަޔެއް އުޅޭ. އެހެން މީހުންނަށް ގެއިން ކަންތައްތައް ފެނި އަޑުތައް އިވެން ވީ ކީއްވެތަ؟ ކޮންމެހެން ކައިދަންގެ މައްސަލައެއް ނެތީއެއްނޫން. އެކަމަކު އެހެން ބޮޑު އިޝޫއެއް އެބައުޅޭ. ޓްރަސްޓް މީ. އައި ކެން ފީލް އިޓް. ކޮންމެ ރެއަކުހެން ބިރުވެރި ހުވަފެންތައް ފެނޭ. ހޭލެވޭއިރު މުޅި މީހާ ދާހިއްލާފޯވެފައި. ސްލީޕް ޕެރެލިސިސް އެބަވޭ. އަނެއްކާ ކައިދަންއަކީ އިންސާނެއްތަ؟..............." ރާހިލް ކިޔާދިނީ ލައިލާގެ ކޮޓަރިން އޭނައަށް ފެނުނު ކަންތައްތަކެވެ. އިވުނު އަޑުތަކެވެ.
"ވަރަށް ބިރުއެބަގަނޭ..."ހަޒަލްއަށް ބުނެވުނެވެ.
"އާނ. ސޫފީ ގެންގުޅުނު މީދަލުގެ ބިހޭވިއާވެސް ހުރިގޮތެއް ދޯ...އަދި ސޫފީ ފުރާޅަށް އެރުނު ގޮތެއްވެސް ވިސްނުމަކަށް ނާދޭ......"
"ސަމްތިންގް އިޒް ޑެފިނިޓްލީ ރޯންގް..."ހައިސަމްވެސް އެއްބަސްވިއެވެ.
ހަޒަލްގެ ހާސްކަމާއި ކަންބޮޑުވުން ގުޅުނީ ކައިދަންއާއެވެ. ކައިދަންއަކީ ފިރިމީހާކަމުގައި ވިޔަސް ކައިދަންއާއި ބެހޭ މާގިނަ މައުލޫމާތެއް ނޭގެއެވެ. އެހާވެސް ސިއްރުވެރިއެވެ. އޭނަގެ އާއިލާއާއި މާޒީއާއި ބެހޭގޮތުން ވާހަކަދައްކަން ކައިދަން ދެކޮޅުހަދާތީ އެވާހަކަ ނުދައްކަން ހަޒަލް ނިންމީ ކޮންމެވެސް ކަހަލަ އަނދިރި މާޒީއަކަށް ވެދާނެތީއެވެ. އެފަދަ މާޒީއެއް ނިއުޅުވާލައިގެން ކައިދަން ހިތާމައިގެ ތެރެއަށް ވައްޓަން ބޭނުންނުވާތީއެވެ.ސްކިޒޮފްރީނިއާގެ ވާހަކަ މިއެނގުނީ އަދި ކިރިޔާއެވެ. ކައިދަން ގުޅުން އޮންނަ އެ ނުފެންނަ ފަރާތްތަކަކީ އޭނަގެ އާއިލާހެއްޔެވެ؟ ކައިދަންއަކީ ކާކުހެއްޔެވެ؟ ސޫފީއަށް އެހާ ބާރުތަކެއް ލިބުނުގޮތާއިމެދުވެސް ހައިރާންވާވަރުވެއެވެ. އެންމެ ދެއަހަރު ކުއްޖަކަށް އޭނަގެ މަންމަ ބިންމަތިން ހިއްލިދާނެހެއްޔެވެ؟ އަދި އެހާ ކުޑަކޮށް ހިކިކޮށް ހުންނައިރުއެވެ.
ކައިދަންއާއިމެދު ހިތުގައި ހިނގައިގަތް ޝައްކާއި ވަހުމްތަކުން ހަޒަލްގެ ހިތް މުޅިން ފިނިކޮށް ބިރުގަންނަވާލައިފިއެވެ. މިއުޅެވެނީ ނައިޓްމެއާއެއްގެ ތެރޭގައެވެ.
***
ރޯޒަލީއާއި ޚާތޫނުއަށް ހަމަޖެހުނު ކޮޓަރީގެ އެނދުމަތީގައި ދެމީހުން އޮލަ ވާހަކައެއްގައި ތިބިއިރު އުފާވެފައި ތިބިކަން އެނގެނީ މޫނު އަލިކަމުންނެވެ. ރޯޒަލީވެސް ދޭތެރެއަކުން ބާރު ހިނިގަނޑެއް ޖަހައިލައެވެ. މިދަތުރުގައި ޚާތޫނު ބައިވެރިކުރީ އޭނަގެ މާމަ ދަރި ކައިދަންއެވެ. ކައިދަން ދަތުރުގައި ބައިވެރިވާން ކުރި ޝަރުތަކީ މާމަ ގެންދިޔުމެވެ. ހަޒަލް އޭނަގެ މަންމަ ގާތުގައި ހުއްދައަށް އެދުމުން ފުރަތަމަ ދެކޮޅު ހަދާފައިވެސް އެއްބަސްވިއެވެ. މަންމަގެ އުމުރުގެ މުސްކުޅިމީހަކާއިމެދު ހިތުގައި ހަމްދަރުދީ އުފެދުމުގެ އިތުރުން އެކުވެރިކަމުގެ ހައްގުގައި ހަތިޔާރު ބަހައްޓަން އެއްބަސްވީއެވެ. ކައިދަންއާއި ހަޒަލްގެ ކައިވެނީގެ ސަބަބުން ދެމީހުންގެ އެކުވެރިކަން ކެނޑޭ ހިސާބުގައި އޮތްވާ މި ރޭވި ދަތުރުގެ އެއްފައިދާއަކަށް ވީ ދެމީހުންގެ ދޭތެރޭ އޮތް ގަނޑުފެންގަނޑު ވިރުމެވެ.
***
ޚަލީސީއާއި އެމާ ގެ ގާތުގައި ސޫފީ ފުން ނިންޖެއްގައި އޮތެވެ. މިހާވިއްސާރަ ރެއެއްގައި ބިރުވެރި ފިލްމު ބެލުމުގެ ޚިޔާލު ދިނީ ޚަލީސީއެވެ. ދެމީހުން ބަލަން ތިބީ ބިރުވެރި ފިލްމެކެވެ. ވަރުބަލިވެފައި ހުރި އެމާގެ އެސްފިޔަތައް ބަރުވެ ރަޖާގެ ދަށުގައި ހަމަޖެހުމުން ޚަލީސީ ހައިސަމްއަށް ގުޅިއެވެ.
"އެފަހުން ހުމެއް ނާދޭތަ؟"ހައިސަމްގެ އަޑުގައި އޯގާތެރިކަން ވިއެވެ. އެ ބަދަލު އައި ސަބަބު ޚަލީސީއަށް އެނގުނެވެ. ދަރިފުޅަށްޓަކައެވެ.
"އައިމް ގުޑް..."
"ނުނިދާ ތިއުޅެނީ؟ ބާރަ އެޖެހީ.."
"ތި ކޮޓަރިއަށް ދަންތަ؟"
"އެންމެ ރަގަޅު..."ހައިސަމް ހުއްދަ ދިނެވެ.
ޚަލީސީ ޕިޖާމާގެ މަތިން ޖެކެޓެއް ލާންވެގެން ދަބަސް ހުޅުވައިލިތަނާ ފުރާޅުމަތިން އެއްޗެއް ލޫދިގެން ދެމޭފަދަ އަޑެއް އިވުނެވެ. ބޮޑަށް ހީވަނީ ވަކިތައް އަޅުވައިލާ ދަމައިގަންނަހެންނެވެ. ފިޔަގަނޑެއްގައި ވައި އަޅުވައިލިފަދަ އަޑެއްވެސް އިވުނެވެ. ދެވަނަ ސިކުންތުކޮޅުގައި ބިއްލޫރިގަނޑަށް އެޅުނު ބޮޑު ހިޔަނި ކުޑަވަމުންގޮސް ކޮޓަރީގެ ކަނުން ފެންނަންފެށިއެވެ. ޚަލީސީގެ ހަށިގަނޑު ބުދެއްފަދައިން ގަނޑުވިއިރު އަނގަ ހުޅުވައިލީ ހަޅޭއްލަވައިގަތުމަށެވެ. އަޑު ކަރުތެރޭ ތާށިވިއެވެ. މީހަކު އަނގައިގާ ހިފެހެއްޓިފަދައެވެ. ރަބަރުގަނޑަކަށްވެފައިވާ ފައި ދަމަމުން އެތަނުން ނިކުންނަން ޚަލީސީ މަސައްކަތްކުރިއެވެ. ސިކުނޑި ހަޅޭއްލަވަނީ ހައިސަމްގެ ނަމުންނެވެ. އެކަމަކު ދުލެކޭ ނެތް އެއްޗެއް ފަދައެވެ.
ހޭލެވުނީ މީހަކު މޫނުގައި ފެން ހާކާލާފައި ނަމުން ގޮވަން ފެށުމުންނެވެ. ލޯ ހުޅުވުނުއިރު މޫނާއި ދިމާލަށް ގުދުވެގެން އޮތީ ހައިސަމްއެވެ.
"އޭތި....ކޮބާ.." ޚަލީސީ ވަށައިގެން ލޯ ހިންގައިލިއެވެ.
އޭނަ މިއޮތީ ހައިސަމްގެ ކޮޓަރީގައެވެ. އެއްވެސް ބިރުވެރިކަމެއް ފެންނާކަށެ ނެތެވެ.
"ކޯންޗެއް؟ކީއްވެ ތިހާ ބިރުން؟ ފޯނަށް ގުޅާފައި ޚަބަރެއް ނުވީމަ ތި ރޫމް ބަލައިލަން ދިޔައިރު ބިންމަތީގައި....ފެއިންޓްވެފައި. ކިހިނެއްވީ؟ޓެލް މީ.........އަނެއްކާ ހުން އައީތަ؟" ހައިސަމް އެތައް ސުވާލެއްކުރިއިރު ކަންބޮޑުވުމުގެ އަސަރު ލޮލުން ފައުޅުވިއެވެ. ޚަލީސީ އޭނައަށް ފެނުނު ކަންތައް ކިޔައިދިނެވެ. ހައިސަމްގެ ސިކުނޑިވެސް ސުވާލުން ފުރުނެވެ.
***
ޚާތޫން ފަތިސް ނަމާދު ކޮށްފައި ބޭރަށް ނިކުމެލީ ރަށުގައިވެސް އެގޮތަށް ހިނގުމަށް އާދަވެފައިވާތީއެވެ. ފެނުނީ ދެކެން ބޭނުންނުވާ މަންޒަރެކެވެ. ހައިސަމްގެ ކޮޓަރިން ޚަލީސީ އާއި ހައިސަމް އެކީ ނިކުތްތަނެވެ. ޚަލީސީ ލައިގެން ހުރީ ޕިޖާމާއެކެވެ. ޚާތޫން އަވަހަށް ފަހަތަށް ޖެހިލިއެވެ. ރޯޒަލީ ގާތު އެވާހަކަ ބުނާ ހިތުން ކެތް ނުކުރެވިގެން ވަގުތުން ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ކޮޓަރިއަށް ވަންއިރު ރޯޒަލީ އިނީ ޒިކުރުކުރުމުގައި އަވަދިނެތިއެވެ.
"ރަޒިއްޔާ........"
"ހޫމް..."ވަގުތުން ރޯޒަލީގެ އަޑު ބާރުވިއެވެ. ޚާތޫނުގެ ސިކުނޑީގައި އޭނަގެ ސޫރަ ހުރިތަނުގައި "ރަޒިއްޔާ" އެނަން ޖަހާ ރައްކާކޮށްގެން އުޅޭ ސަބަބެއްވެސް ނޭގެއެވެ. އެނަން ކިޔަން ފަސޭހައީހެއްޔެވެ؟ އޭނަގެ ނަން ނުބައިކޮށް ކިޔުމަށްވުރެ ރޯޒަލީ ރުޅިއަންނަ ކަމެއް ނެތެވެ.
"ދެންމެ ފެނިއްޖެ ފެންނަން ނުޖެހޭ މަންޒަރެއް. އެކޮއިގެ ގޭގައި އުޅެނީނު ވިލާތު މަންޖެއެއް............"
ރޯޒަލީގެ ކަންފަތް ވަގުތުން ކޮޅަށްޖެހުނެވެ.
"އޭނައަށް ކިހިނެއްވީ؟"
"ރަޒިއްޔާގެ ދޮށީ ދަރި...ސާޖަންޓަކަށް އެހުންނަ ޑަކުތަރު..އޭނައާއި އެ މަންޖެ އެކީގައި މިބުނީ އަތުލަފިކޮށްގެން އެކޮޓަރިން ނުކުތީ...މަގޭ މާމަ ދަރިހެން އެދެމީހުން ސިއްރުން ކައިވެންޏެއް ކުރީތަ؟" ޚާތޫނު އަސާގަނޑަށް ބުރަވެގެން ހުރިއިރު ކުޑަ ކުޑަ ދެލޯ ވިދައެވެ.
"ސާޖަންޓެއް ނޫން. ސާޖަން.. ސާޖަންޓުން މަސައްކަތްކުރަނީ ފުލުހުންގެ މަރުކަޒުގައި..ހަސްފަތާލުގައި މަސައްކަތްކުރަނީ ސާޖަނުން. އެނގިއްޖެތަ..............." ރޯޒަލީ ރަގަޅުކޮށްލަދިނެވެ. އޭނަވެސް ކުރިން އެހެން ކިޔަނިކޮށް އެކުށް ރަގަޅުކޮށްދިނީ ދަރިންނެވެ.
"ޚާތޫނު ތިހުރީ ނިދާފައި. އަދި މިކޮޓަރިން ނުނިކުމެ ހުރެ ހުވަފެނެއް ތި ފެނުނީ......." ރޯޒަލީގެ އަޑު ބަރުވިއެވެ. އޭނަވެސް އެކަމާއިމެދު ޝައްކުވެގެން ފާރަލަނިކޮށް ޚާތޫނުއަށް އެފެނުނު މަންޒަރަކުން ޔަގީންވެއްޖެއެވެ. ނަމަވެސް ހިތް އެވާހަކަ ގަބޫލުކުރަން ދެކޮޅުހަދަނީއެވެ. ޚަލީސީ ތިމާ ބަލިވެއިން ވާހަކަ ބުނެފައި ފުރަތަމަ ބުނީ ހައިސަމްގެ ނަމެވެ. ފަހުން ހައިސަމްގެ އެކުވެރިއެކޭ ބުނިގޮތުންވެސް ރޯޒަލީގެ ހިތުގައި ޝައްކުގެ އޮށް އިންދުނެވެ.
"ހުވަފެނެއް ތީ. ޚާތޫނު އެހެން މީހެއްގެ ގާތު ނުކިޔާ...."
"އާނ...ހުވަފެނެއް ދޯ.." ޚާތޫނުގެ ތުންފަތަށް ލާނެތް ހިންޏެއް ވެރިވިއެވެ."މި ހުވަފެނުގައި އެ މަންޖެ ދެން ދަރިއެއް ނުވިހައިފިއްޔާ ރަގަޅު..."
ރޯޒަލީ ޚާތޫނުގެ ދަތްޕިލާ ނަގާފައި މުގުރައިލަން ހިތަށް އަރާފައިވެސް ހިނިގަނޑެއް ޖަހައިލިއެވެ.
***
ހަޒަލް ކޮޓަރިއަށް ވަންއިރު ކައިދަން ފާޚާނާއިން ނުކުތީއެވެ. ރަތްކުލައިގެ ޓީޝާޓަކާއި ސޯޓެއްލައިގެން ހުރިއިރު އިސްތަށިގަނޑު އޮތީ ތެމިފައެވެ. ދެލޮލުން ފެންނާން ހުރި ޝުއޫރެއް ހަޒަލްއަކަށް ނޭގުނެވެ. ހަޒަލްގެ ހިތުގެ ވިންދު އަވަސްވީ މިފަހަރު ބިރުވެރިކަމެއް އިހުސާސްވެފައެވެ. ކައިދަންއަކީ އިންސާނެއް ނޫންކަމަށް ހިތް ބުނަން ފެށީއެވެ.
"ކީއްވެ ސޫފީ އެމާމެންގެ ކައިރިއަށް ފޮނުވީ؟ އަހަންނަށް އިތުބާރެއްނުކުރަންތަ؟"
"ވަށައިގެން މިއޮތީ މޫދު....."
"ސޫފީއަށް އެއްވެސް ގެއްލުމެއްނުވާނެ..."
"ހާދަ ޔަގީންކަމެއް ތިއޮތީ.."ކުރިއަށްވުރެ ބޮޑަށް ހަޒަލްގެ ހިތް ތެޅިގަތެވެ.
"ސޫފީއަށް ފަތަން ދަސްކޮށްދީފިން....."
"ކީކޭ؟ކޮން އިރަކު؟ މަށެއް ނުދެނެހުރިން. ފަތަން އެނގުނަސް އެންމެ ދެއަހަރޭ ވީ.ކުޅަދާނަ ފެތުންތެރިންވެސް ގެނބޭ. ސޫފީއަށް ފަތަން އެނގެޔޭ ކިޔާފައި އެހާ ހަލަނި ކުއްޖެއް އެކަނިމާއެކަނި ދޫކޮށްލަންވީ. އަޖައިބެއް. ކައިދަން. ވަޓް އާ ޔޫ؟"
ނުނިމޭ