14:30


ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބޮޑުކުރުމުގެ މައްސަލަ ލޯންޗްކޮށް، އެކަމާ ގުޅޭ ލިޔެކިޔުންތައް މިރޭ އ.ދ އަށް ހުށަހަޅާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.


ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ނުވަތަ އިގްތިސާދީ ސަރަހައްދުން ބޭރަށް ރާއްޖޭގެ ކަނޑުގެ ފަސްގަނޑު ދެމިގެންގޮސްފައިވާތީ، އެ ސަރަހައްދު ހޯދުމަށް ސަރުކާރުން ކުރާ ދައުވާއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ޑރ. ޝަހީދު ވިދާޅުވީ، މިކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް މިރޭ 12 ޖަހާއިރު އ.ދ އަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.


އެގޮތުން އިގްތިސާދީ ސަރަހައްދުން ބޭރުން އެއް ލައްކަ ފަސްދޮޅަސް އަށްހާސް އަކަމީޓަރުގެ ސަރަހައްދު ހޯދުމަށް ސަރުކާރުން ދައުވާކުރާނެ ކަމަށާއި ގައުމުގެ ސިޔާދަތު ހިންގޭނެ އިތުރު ސަރަހައްދުތައް ލިބިގެންދިއުމަކީ މުސްތަގްބަލުގައި އޭގެ ފައިދާކުރާނެ ކަމެއް ކަމަށްވެސް ޑރ.ޝަހީދު ވިދާޅުވި އެވެ.


ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ނުވަތަ ކަނޑުގެ ފަސްގަނޑު ބޮޑުކުރުމުގެ މައްސަލަ މިރޭ އ.ދ އަށް ހުށަހަޅާއިރު، އެ ލިޔެކިޔުންތަކާއެކު ރާއްޖޭގެ އީއީޒެޑްގެ ޗާޓުވެސް ހުށަހަޅާނެ ކަމަށް ޑރ.ޝަހީދު ވިދާޅުވި އެވެ. މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު މިހާރު އ.ދ ގެ ޗާޓުތަކުގައި ކުރަހާފައި އޮތީ ނުބައިކޮށް ކަމަށާއި އޭގެ ސަބަބުން ހުވަދު އަތޮޅު ދެބައިވެ، ބައެއް ރަށްތައް ރާއްޖެ ސަރަހައްދުން ބޭރުވާ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ޗާޓުގައިވާ އެ ކުށް އިސްލާހުކުރުމުގެ ލިޔެކިޔުންތައް ވެސް މިރޭ ހުށަހަޅުއްވާނެ ކަމަށް ޑރ.ޝަހީދު ވިދާޅުވި އެވެ.


ރާއްޖެއިން ދައުވާކުރަނީ ހުޅަނގުން ވިހި ހާސް އަދި އިރުން އެއް ލައްކަ ސާޅީސް ހާސް އަކަމީޓަރު ހޯދުމަށެވެ. އެހެންނަމަވެސް، ރާއްޖޭގެ ކަނޑުގެ ފަސްގަނޑު ދެމިގެންދާ ހިސާބާ ގުޅޭ ގޮތުން އިތުރު ދިރާސާކޮށް، ހެކިހޯދޭ މިންވަރަކުން، އިތުރު ސަރަހައްދު ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށް ފޮރިން މިނިސްޓަރ ވިދާޅުވި އެވެ.