02 Sep 2022, 11:43
"ދުނިޔޭގެ ހަޔާތަކީ މަދު ވަގުތުކޮޅެކެވެ. އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާށެވެ."
***
ހަޒަލް ނޫޑުލްސް ސޫޕް ތަށި ގެންގޮސް ކައިދަން އަތަށް ދީފައި ސޯފާގައި އިށީނެވެ. ބޯކޮށް ވެހޭ ވާރޭގެ އަޑު މިއުޒިކެއްފަދައިން ހަރުލާފައިވިއެވެ. ހަޒަލް ދެކަކޫ މޭގައި ޖައްސާލައިގެން ކައިދަންގެ ގަޔަށް ލެނގިލައިގެން އިންއިރު މޫނުމަތިން ނުތަނަވަސްކަން ފެނެއެވެ.
"ޚަލީސީ ހުންގަދަކަމުން ހެލުސިނޭޓްވީކަމަށް ދޮންބެ ބުނީ. އެޑްމިޓްކޮށްފަ މިހާރު އޮތީ.................................."
"ހްމްމް...ވަރަށް މީރު މި ސޫޕް..."ކައިދަން މަޑުމަޑުން ބުނެލިއެވެ.
"އެމާ ހޮސްޕިޓަލަށް ގޮސްފައި ގުޅާފައި ޚަލީސީއަށް ފެނުނު ކަންތައް ކިޔާދިނީ. ކޭޑް. ޖިންނި އެއްޗެހި ގަބޫލުކުރަންތަ؟ މިގެއިން އެކަހަލަ ކަމެއް ފެނިއްޖެތަ؟ މާމަގެ ގެއިންވެސް؟" ހަޒަލް އެހިއެވެ.
"ހަޒަލް. އެވާހަކަ ނުދައްކަފާނަންތަ؟" ކައިދަންގެ ބެލުމުގައި ހުރި ގޮތުން އޭނައަށް އެވާހަކަދައްކަން ފަސޭހަ ނޫންކަން ހަޒަލްއަށް ނަގައިގަނެވުނެވެ.
"ކީއްވެ؟"
"ނޭގޭ. ހަމަ އަންއީޒީ ވަނީ..."
"ބައެއްފަހަރު ހިތަށް އަރަނީ އަހަރެންގެ ހަޒްބެންޑްވެސް އަހަންނަށް ނޭގެޔޭ..."
"ތިހެން ބުނީ ކީއްވެ؟"ކައިދަންގެ ކަތި ނަޒަރު ހަޒަލްގެ މޫނަށް ހުއްޓުނެވެ.
"މިސްޓީރިއަސްކަމުން. މީހުންނާއި ދުރުން އުޅެން ބޭނުންވާތީ. ވަރަށް ސްޓްރޭންޖް......................."
"މިސްޓީރިއަސް އޭޒް އެ ގޯސްޓް؟"
"ތިބުނީ ގަބޫލުކުރަމޭދޯ....."
"އެހެނެއް ނުބުނަމެއްނު. ހަޒަލް މާ ވަރަކަށް ޖިންނިންނާއި އަޅައިގެން އުޅޭތީ ބުނެލި އެއްޗެއް. އެކަމަކު ބުނެފާނަން. އަހަރެން ގަބޫލުކުރަން. އަހަންނަށް ޖިންނިން ފެނޭ..........."ކައިދަން ގެ ސީރިޔަސްކަން ކުއްލިއަކަށް ކެނޑި ހޭންފެށިއެވެ." އަދި އަހަންނަކީވެސް އިންސިއެއް ނޫން. ސަބަބަކީ........"
ހަޒަލް ކައިދަންގެ ގައިގާ ބޮނޑިއެއް އެޅިއެވެ.
***
ރޯޒަލީ ސަޖިދައިގާ އޮވެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރަމުން ދިޔައިރު މުސައްލާވެސް ތެމެމުން ދިޔައެވެ. ރާހިލް ދޮރުމަތީގައި އިރުގަނޑެއްވާންދެން އެ މަންޒަރު ބަލަން ހުއްޓެވެ. މަންމަ އެހާވަރަށް އަޅުވެރިވެ ބިރުން އުޅެނީ ކޮންކަމަކާއިހެއްޔެވެ؟ މަންމަފަދަ އަޅުވެރިން މަރުދެކެ އެހާ ޖެހިލުންވާކަމެއް އޭނަ ނުދަނެއެވެ. ނަމަވެސް މަސައްކަތުގައި ދުވާލު ބުރަކޮށް އުޅުމަށްފަހު އޮއްސޭ އިރާއެކު މަންމަ ނަމާދުގެއަށް ވަދެ އިޝާ ނަމާދުކޮށް ނިމެންދެން އަޅުކަމުގައި ވަރުބަލިކަމެއްނެތި އިނދެއެވެ. ރާހިލް ބައެއްފަހަރު ގެވެހި އަންހެންކުއްޖަކާއި ކައިވެނިކޮށްގެން ގެއަށް ގެންނަން ބޭނުންވަނީ މަންމަ މާ ބުރަކޮށް މަސައްކަތްކުރާތީއެވެ. އަންހެންކުދިން ތިއްބަސް އެކުދިންނަށް މީރު އެއްޗެއް ކައްކައިލުން ފިޔަވާ އެހާ ބޮޑަށް އެހީތެރިވެ އުޅޭތަނެއް ނުފެނެއެވެ. އެމާވެސް އަބަދުހެން ސީރީޒް ބަލާތީ މަންމަ ކަމަކު ބުނެފިއްޔާ ތުން ދަމައިގެން ހުރެ ނޫނީ މިފަހަށް އައިސް ބަދިގެއަށް ވަދެލަނީއެއް ނޫނެވެ.
"މަންމާ.." ރާހިލް ގޮވައިލިއެވެ.
މާގިނައިރު ރޯޒަލީ ސަޖިދައިގާ އޮތުމުން ރާހިލްގެ ހިތުގައި ކުޑަކޮށް ބިރުވެރިކަން ހިނގައިލިއެވެ. ސިހުނު ރޯޒަލީ ކުއްލިއަކަށް މޫނު ފޮހެލާފައި އަވަހަށް ތެދުވުނެވެ. ނަމާދުގެ ތަޅުންމަތި ހަދާފައި ހުންނަނީ ތަންކޮޅެއް އުސްކޮށެވެ. އޮމާންކަމާއެކު ވިދާފަދަ އޮފްއަރާ ތަޅުންގަނޑެކެވެ. އެތާ ތިރީގައި ރޯޒަލީގެ ފައިވާން ބަހައްޓާފައި ހުއްޓެވެ.
"މަންމަ ނުނިމޭތަ؟ ވަރަށް މީރުކޮށް ޕާސްތާ ހަދާލާފައި މިއައީ..."
"ދެން މިނިމުނީ..."ރޯޒަލީ މުސައްލާ ފަށް ޖަހާފައި ބޮލުގައި ފޮތިގަނޑު އޮޅާލައިގެން އައުމުން ރާހިލް ފަރުވާތެރިކަމާއެކު މަންމައަށް ބަލަހައްޓައިގެން ހުރިތަން ފެނި ރޯޒަލީ ކުޑަކޮށް ހީލައިފިއެވެ.
"ކިހިނެއްވީ ރާހިލް މަންމައަށް ބަލަނީ؟"
"އަޅުގަނޑު އެންމެ ކުޑައިރުގެ ހަނދާނަކީ މަންމަ އަޅުގަނޑު މިތާ ބައިންދައިގެން ނަމާދުކޮށް ގުރުއާން ކިޔަވާ އުޅުނު ދުވަސްތައް.އަދި އެ ވަސް ނޭފަތުގައި ހިފާފައި ހުންނަނީ. މުސައްލާ އަދި ނަމާދު ދޮޅީގައި ސްޕެޝަލް ތަފާތު ވަހެއް ހުންނަކަން އެނގޭ....މަންމައަށް ވަރަށް ގިނަ އަޅުކަން ކުރެވި ނަމާދުތައް ކުރެވިފައި ހުރިއިރުވެސް އެހާ ވަރަށް ރޮނީ ކީއްވެ؟ ތައުބާވީމަ ފާފަފުއްސަވާނެ...." ރާހިލް ގުދުވެ މަންމަގެ ފައިވާން ލައްވާ ދިނެވެ. ރޯޒަލީގެ ލޯ ކަރުނުން ފުރުނެވެ. ޚިދުމަތްތެރި ދަރިއެކެވެ. އެހެން ކުދިންނަށްވުރެވެސް އޭނަގެ މިދަރީގެ ހިތުގައި އޭނައަށްޓަކާ ކުލުނުވަނީ ހެއްޔެވެ؟
"ދަރިފުޅާ، މަރުވާނެ އިރެއް އެނގެނީއެއްނޫން. މިއަދު ކުރެވުނު އަޅުކަމެއްގެ ފައިދާ މާދަން ކަށްވަޅުގައި ލިބޭނެ..."
"އެނގޭ.. އަހަރެންވެސް ބޭނުން މަންމަ ފަދައިން ނަމާދު ގާއިމުކުރަން.....ޝައިތާނާގެ ވަސްވާހުގައި ޖެހެވެނީ.." ނަމާދުގެއިން ނިކުމެ ރޯޒަލީ ދޮރުގެ ތަންޑު އެޅުވިއެވެ. އެއްފަރާތުގައި ހުރީ ލައިލާ ނިދަން އޮންނަ ކުޑަކޮޓަރި އެވެ. ކޮންމެވެސް ވަރަކަށް ދޮރު ހުޅުވިފައި ހުރިއިރު އެތެރެ ފެންނަނީ އަނދިރިކޮށެވެ. ރާހިލް ހައިރާންވީ ދޮރު މަޑުމަޑުން ލެއްޕުނުތަން ފެނިފައެވެ. ވައިރޯޅިއެއްގެ ހިލަމެއް މިހާ އެތެރެއަށް ކުރަންވީ ސަބަބެއް ނޭގިފައި އޭނައަށް ބަލައިލެވުނީ ރޯޒަލީގެ މޫނަށެވެ.
"މަންމަ ދެކުނިންތަ؟ ލައިލާ އުޅެނީތަ؟"
"ކީކޭ ތިކިޔަނީ؟ މަންމައަކަށް އެއްވެސް އެއްޗެއް ނުފެނޭ..."
"އަމިއްލައަށް ދޮރު ލެއްޕުނީ....ލައިލާ ކީއްވެ ނާންނަނީ؟ މަންމައަށް ފަސޭހަވާނެއްނު އޭނަ އައީމަ....."
"އެއީ ގޭގައި ގެންގުޅޭ ކުއްޖެއްނޫނޭ. މަންމަމެން އޭރު އެކަނި އުޅޭތީ މިގެއަށް ނިދަން އައީ. މިހާރު އެންމެން ތިބީމަ ލައިލާ ކޮންމެހެން އައުމުގެ މާނައެއް ނެތެއްނު..އެއީ އެހެން ހުއްޓަސް މާލޭގެ ރަގަޅު ބަޔެއްގެ އަންހެންކުއްޖަކު ބޭރު ގައުމެއްގައި ތައުލީމް ހާސިލުކުރަން ހުރިއިރު އެތަނުން މީހަކާއި އިނދެގެން ލިބިފައި ހުރި ދަރިއެއް. އެކުއްޖާއަށް ބަނޑުބޮޑުއިރު އެ ފިރިހެންމީހާ ވަކިވެގެން ދިޔައީ. އެހެންވެ އެކުއްޖާގެ މަންމަ އެކުއްޖާ މެއިޑަކާއި ހަވާލުކޮށްފައި ފުރައިގެން ދިޔައީ. އޭނަ ކިޔަވާ ނިމިގެން ސްޕެޝަލައިޒްވެގެން އައުމަށްފަހުވެސް މިބުނާ މީހާ ލައިލާ ގެންގުޅެ ބޮޑުކުރީ. އެހެންވެ އެފަހުންވެސް ލައިލާ އޭނަގެ މަންމަގެ ގާތަށް ދާން ބޭނުމެއްނުވީ. ލައިލާ ވަރަށް ފަހުން އޭލެވެލް ހަދައިފި. ރަގަޅު ނަތީޖާއެއް ހޯދާނެހެން މަންމައަށް ހީވޭ........" ރޯޒަލީ ވާހަކަދައްކަމުން ދުރަށް ދިޔުމުން ރާހިލް ފަނޑު އައްޔަކުން އަލިވެފައިވާ ކޮރިޑޯގައި ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން ލައިލާގެ ކޮޓަރިއާއި ދިމާލަށް ބަލަން ހުރީ ދެ ފިކުރެއްގައެވެ.
"ލައިލާ އަކީ ގެންގުޅޭ ކުއްޖަކަށްވިޔަސް މޮޅު މީހެއްގެ ދަރިއަކަށްވިޔަސް ތަފާތެއް ނުވާނެ. ސަބަބަކީ ކުރިންވެސް ދަށް ނަޒަރަކުން ދެކެފައިނުވާތީ. އެންމެނަކީ އިންސާނުން. ކީއްވެ ބޮޑާވާންވީ؟" ރާހިލް މަޑުމަޑުން ދޮރުގެ ތަޅުގައި ހިފާ އަނބުރައިލިއެވެ. އެތެރެއިން ފިޔަވަޅުތަކެއްގެ އަޑު އިވުނެވެ.
ބަރު ފިޔަވަޅުތަކެވެ. ނިކަން ދުރުގައި ފިޔަވަޅުތައް އަޅަމުންގޮސް ކުޑަދޮރުގައި ޖެހިގަތްހެން ހީވިއެވެ.
"ކާކު؟" ރާހިލްގެ އަޑު އެތާ ގުގުމައިލިއެވެ.
"ހާއޭ............." އަންހެންވެރިން އަޑުކޮޅަށް ހަޅޭއްލަވައިގަތުމުން ރާހިލް އުދުހިފައި ކަހަލަ ގޮތަކަށް ދިޔައީ އެ އަޑުގައިވި ބިރުވެރިކަމާއި ހާސްކަމުން ކޮންމެވެސް މީހަކަށް ހާދިސާއެއް ކުރިމަތިވީކަމުގައި ހީކުރެވިއެވެ. އަޑުއައީ ސިޓިން ރޫމާއި ދިމާލުން ކަމުން ރާހިލް ދެވަނަ މިނިޓްގައި ހުރީ އެތާގައެވެ. އެންމެން ލޯ ބޮޑުކޮށްގެން ތިބިއިރު ސޫފީ ނިކަން ހެވިލާފައި އެއްޗެއް ހިފައިގެން ދޮރުމަތީގައެވެ. އެންމެ ކުރިން ބުޅަލެއްކަމަށް ހީކުރެވުނަސް ކައިރިވެލުމުން މަސްޖެހި ފަލަ މީދަލެއްކަން އެނގުމުން ރާހިލްއަށްވެސް އެއް ފިޔަވަޅު ފަހަތަށް އެޅުނެވެ. ސޫފީ މަޖާވެލާފައި އެންމެން ފަހަތުން ދުވަން ފެށުމުން އެމީހަކަށް އެރުނުތަނަކަށް އަރަމުން ހަޅޭއްލަވާއިރު ރާހިލްވެސް އަތުނުވާންވެގެން ދުވީއެވެ. ހަޒަލް އެކަމާއި ހިތްހަމަނުޖެހިގެން އަޑުލިއެވެ. ފިރިހެނަކަށްވެ ހުރެ ރާހިލް ފިނޑިކަމަށް ބުނެ ސޫފީ އަތުން އެ އަތުލާފައި މަރަން އެންގިއެވެ. ރާހިލް އެކަމަކު އޮތީ މަންމަގެ ފަހަތަށް ވަދެ ފިލާފައެވެ.
ކައިދަންއަށް ވަދެވުނީ އެ ހަލަބޮލިކަމުގެ ތެރެއަށެވެ.
"ޕާޕާ......"ސޫފީ ކައިދަން ބިރުގަންނަވަން ފަހަތުން ދުއްވައިގަތީ ލާނެތް ހިންޏެއް އައިސްފައެވެ. ކައިދަން ފަހަތަށް ޖެހެމުންގޮސް މެދުގޯތްޗަށް ނުކުތުމުން ހަޒަލްއަށް ކުޑަ ހިތްވަރެއް ލިބި ސޯފާގެ އަތްގަނޑުމަތިން ތިރިއަށް އެރުނެވެ. އަދި ދޮރުމައްޗަށް އެރިއެވެ.
"ކޭޑް. ތީތި އަތުލަބަލަ. ސޫފީގެ އަތުގައި ދަތް އަޅައިގެން ވިހަވެދާނެ. ބިރެއްވެސް ގަންނަ ކުއްޖެއްނޫނޭ...ސުބުހާނަﷲ....."
ދެބަފައިން އެ ސަކަރާތެއްގައި ހެމުން ގޮސް ވަލުތެރެއަށް ވަދެގެން ދާން ފެށުމުން ހަޒަލްގެ ހިތަށް ބިރުވެރިކަން ވަނެވެ. ހަޒަލްގެ ފަހަތުގައި ރާހިލް އެމާ ޚަލީސީވެސް ބޮނޑިވެލިއެވެ.
"މަށަށް ހީވަނީ މީދަލެއްގެ ސިފަޖެހިގެން އޮތް ޖިންނިއެއްހެން..." ރާހިލްގެ ޖުމްލައިން ހަޒަލްއަށް މޭގައި އަތް އަޅައިލެވުނެވެ. އެމާވެސް ކަޅި ހިންގައިލިއެވެ.
"ސީރިޔަސްކޮށް، އޭގެ އަމަލުތައް ހުރީ މީދަލެއްގެ ފާޑަކަށް ނޫން. ދަތްނާޅާ ބަސްއަހައިގެން ކިހާ އޮޅުވެގެން އެހެން މީހުން ބިރުގަންނަވަން ދަތް ދިލުވާލައިގެން ބަލަން އޮތީ. އަދި އެއްފަހަރު ހީވި ލޯ ދިއްލުނުހެން ނޫންތަ؟" ރާހިލްގެ ވާހަކަތަކުން ބިރުގެންފައިވާ އަންހެންކުދިން އިތުރަށް ބިރުގަތެވެ. "ކައިދަންއާއި ސޫފީ ވަލުތެރެއަށް ގެންގޮސްގެން ކުރާނެ ކަމަކާއިމެދު ބިރުގަނެއްޖެ. ހިނގާބަލަ ސަލާމަތްކުރަން.."
"ރާހިލް ދޭ...." ހަޒަލް އެންގިއެވެ.
"ހަޒާ...ސާބަހޭ. ލޯބިވެވޭނީ ތިވަރަށް. ހަޒްބެންޑާއި ދަރިފުޅު ޖިންނިއަށް ދީގެން ތިހިރީ. އެހެން މީހެއްނަމަ ހަގުރާމަކުރަން ދާނެ..."
"އަހަރެން އިތުބާރުކުރަން ކައިދަންއަށް. އޭނަ ސޫފީއަށްޓަކާ ޖިންނިއާއި ހަގުރާމަކުރާނެ.."
"އާނ ތިބުނީ ތެދެއް. ކައިދަން އެ މީދާ ގަނޑު ކަށްޓާއެއްކޮށް ހަފައިގެން ކާލާ އަޑު އެއިވެނީ......." ރާހިލް އެންމެނަށް ހިމޭންވާން އިޝާރާތްކުރިއެވެ.
"ޔޫވް......." އެމާ ހޮޑު ދުއްވައިލީ ރާހިލްގެ ގަޔަށެވެ. ރާހިލް ވަގުތުން ޓީޝާޓް ބާލާފައި އެމާގެ އަތަށް ލެއްވިއެވެ."އަވަހަށް ހޮޑު ސާފުކޮށްފައި މެޝިނަށް ލާ. މިއީ ބާތުޑޭ ދުވަހު ލިބުނު ހަދިޔާއެއް. އެމާ ހޮޑު ދުއްވައިލަން ބަހައްޓާފައި ހުރި ލޯގަނޑެއްނޫން......ޗީ...."
އެމާ ތުން އޫކޮށްލައިގެން ހުރެ އެތެރެއަށް ދާން ހިގައިގެންފާ ޚަލީސީއަށް ބަލައިލީ އެހީއަށް އެދޭފަދަ ނަޒަރަކުންނެވެ.
"މިރެއަށް ވާވަރަށް ސަކަރާތްޖެހިއްޖެ. ދަރިފުޅުމެން ކާން އާދޭ....ޚަލީސީ. ކަމް އެންޑް އީޓް މީީ ވިތް ޑިނަރ......"
"މަންމަ އެހެން ބުންޏަސް މަންމަ ކާލާނެ ކަމެއްނެތް އިނގޭ ޚަލީސީ...." ރާހިލްގެ ޖުމްލައިން ޚަލީސީ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އޭރުވެސް ހަޒަލް ފޯނުން އަލިކޮށްގެން ކައިދަންއާއި ސޫފީއަށް ގޮވަމުން ދިޔައިއިރު މޫނުމަތިން ފެންނަނީ ހާސްކަމެވެ. ކައިދަންމެންގެ ހިލަމެއްނުވުމުން ހަޒަލް ވަލުތެރެއަށް ވަދެގެން ދާންފެށިއެވެ. ގޭގެ އެއް ފަރާތުގައި ހުންނަ ބިޔަ ގަހުގެ ގޮފިތައް ފުރާޅުމަތީގައި ކޭއްތިލާ އަޑު ބިރުވެރިގޮތަކަށް ކަންފަތުގައި ގުގުމައިގަތެވެ. ގަސްތަކުގެ ތެރޭ ހިނގަން ހަދާފައި އޮތް ހަނި މަގުން ކުރިއަށް ދަމުން ފަހަތަށް ބަލައިލިއިރު ގަސްކައިރީގައި ހުއްޓިލައިގެން ހުރި މީހަކު ނޫނީ ހިޔަންޏެއް އޭނައާއި ދިމާލަށް ކަޅިވެސްޖަހާނުލާ ބަލަހައްޓައިގެންނެވެ. އިސްތަށިގަނޑު ވިހުރުވާލައިގެންހުރިއިރު އިސްކޮޅުން ދިގު މީހެކެވެ. ހަޒަލްގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ދެވަނަފަހަރަށް ބަލައިލިއިރު އެމީހާގެ ހިލަމެއްނުވިއެވެ.
"ކޭޑް......ކޮންތާކު..."
"ހަޒަލް. ބިރެއްނެތި ވަލުތެރެއަށް ވަދެގެން ދަނީ ކީއްވެ؟ ކައިދަންއާއި ސޫފީ ވަލު ދޮރާށިން ގެއަށް ވަދެއްޖެ..." ރާހިލްގެ އަޑު އިވުމުން ހަޒަލް އަވަހަށް އެނބުރުނެވެ. ދެލޯ މަރަން ބޭނުންވީ ދެވަނަފަހަރަށް އެ ސޫރަ ފެނިދާނެކަމުގެ ބިރު ހިތުތެރޭ ހިނގައިގަތުމުންނެވެ. އެއީ އިންސާނެއް ނޫންކަން އޭނައަށް ޔަގީނާއި ގާތަށް އެނގެއެވެ.
ހަޒަލް ކޮޓަރިއަށް ވަންއިރު ކައިދަން ސޫފީ ފެންވަރުވާލުމަށްފަހު ޕިޖާމާ ލައްވާފައި ފުނާ އަޅާދެނީއެވެ. ތާޒާ މަލެއްފަދައެވެ.
"ނަސީބެއްނު ފެންވަރުވައިލިކަން. އެމީދާ ކޮބައިތަ؟"
"އައި އީޓް...."
"ވަޓް؟" ހަޒަލް އިނީ ޝޮކެއް ޖެހިފައެވެ.
"ސޫފީ ލާނެތްކަމުން ބުނެލި އެއްޗެއް. މިއީ ލާނެތްކުއްޖެއް މަންމަ މިނި ހާޓްއެޓޭކެއް ޖައްސައިފި.."ކައިދަން ސޫފީ އުނގުގައި ބައިންދާފައި މޫނުގައި އެތައްފަހަރު ބޮސްދިނެވެ." ހަޒަލް އަދި ދަރިފުޅު ސަމާސާއަކަށް ބުނާ އެއްޗެއް ގަބޫލުކުރާނެ... މީދާ އަތުން ދޫވެގެން ފިލައިފި........"
"ކައިގެން އަންނާނަން އިނގޭ....."
"ވާރޭވެހެން އެއުޅެނީ. ހެދުން ނެގިންތަ؟" ކައިދަން ސުވާލުކުރިއެވެ.
"އާނ..." ހަޒަލް ބޭރަށް ނިކުންނަން ވެގެން ދޮރު ލައްޕައިލިއިރު ކައިދަން ކުޑަދޮރު ހުޅުވައިލަމުން ބޭރަށް ބަލައިލަމުން މީހަކާއި މަޑުމަޑުން ވާހަކަދައްކަނީއެވެ. ނޫނީ އަމިއްލަ ނަފުސާހެއްޔެވެ؟ ކައިދަންގެ ފަރާތުން ފެންނަ ތަފާތު އަމަލުތަކުން ހިތުގައި އެތައް ސުވާލެއް އުފެދިފައިވާއިރުވެސް ހިމޭނުން ހުންނަނީއެވެ.
***
"އޯ މައިގޯޑް....އައިމް ޕްރެގްނެންޓް..."ޚަލީސީ ކޮޓަރިން ނުކުމެގެން ދުވެފައި އައީ ޕްރެގްނެންސީ ކިޓް ހިފައިގެންނެވެ. އެންމެންހެން ސައިބޯން މޭޒުދޮށުގައި ތިއްބާ ޚަލީސީ ދިން ޚަބަރަކުން ހައިސަމްއަށްވެސް ސިހުމެއް ލިބުނެވެ. ރޯޒަލީ ސައިތަށި ގިރަން ހުރެފައި ސަމުސާ އެއްފަރާތުގައި ބޭއްވިއެވެ.
" ހޫ ދަ ފާދަރ؟" ރޯޒަލީ ޚަލީސީއާއި ވާހަކަދައްކަމުންގޮސް އިނގިރޭސިއަށް އަހުލުވެރިވެއްޖެއެވެ. ޔަގީނުންވެސް ރޯޒަލީ ފޮނިވާ ވަރަށް އެބަސް ދަސްވެއްޖެއެވެ. ހަޒަލް މެން ބުނާނީ މަންމަ އިތުރަށް ބަހުގެ ހަމަތައް ދަސްކުރަން ޖެހޭކަމުގައެވެ.
"ސޭމް........" ޚަލީސީ ހައިސަމްއަށް ބަލާފައި ހިނިތުންވެލުމާއެކު ރޯޒަލީގެ ހުދުވި މޫނު ފެނި ކަންބޮޑުވިއެވެ.
"މިބުނީ ސޭމްގެ ފްރެންޑެކޭ......"
"ސްޓުޕިޑް.." ހައިސަމް ކޮފީތަށިން ކޯވަރެއް ދަމައިލުމުން ދޫ ފިހުނެވެ.
***
ކައިދަން އެކަނިމާއެކަނި ހުރެގެން ވާހަކަދެއްކިތަން ފެނި ރޯޒަލީ ހަޒަލްއާއި ސުވާލުކުރިއެވެ. އެކިފަހަރު މަތިން ކައިދަންގެ އެފަދަ މޮޔަ އަމަލުތައް ފެންނަނީ ކީއްވެހެއްޔޭ އަހައިލުމުން ހަޒަލް ނުތަނަވަސްވިއެވެ. މަންމަ އެކަންޏެއްނޫނެވެ. އެހިސާބު މީހުން ކައިދަންގެ ބޯ ހަމަނުޖެހޭ ވާހަކަ ސިއްރުން ދައްކަންފެށިއެވެ. ކައިދަންއާއި ހަޒަލް އެކީ ދާއިރު މީހުންތައް ބަލަން ތިބެނީ ތަފާތު ނަޒަރަކުންނެވެ. އެމީހުންގެ ނަޒަރުގައި ކައިދަންއަކީ މޮޔައެކެވެ. ހަމަނުޖެހޭ މީހެކެވެ. މަގުމަތިން އެކަނިދާއިރުވެސް ހެނީއެވެ. ނޫނީ ކޮންމެވެސް އެއްޗެއް ބުނެލާނެއެވެ. އަމިއްލަ ބަހުރުވައަކުންނެވެ.
ފަސްމިނިޓުން ލޯންޗުގައި ދެވޭ ރިޒޯޓަކަށް އާއިލާގެ އެންމެން ގޮވައިގެން ހައިސަމް ދިޔައީ ހަގީގަތުގައި ދަރިއަކު ލިބޭތީ އެކަމުގެ އުފަލުގައި ކެއުމަކަށާއި ދެރޭޭ އެ ތަނުގައި މަޑުކޮށްލުމަށެވެ. އެދަތުރުގައި ކައިދަން ބައިވެރިވީީ ހަޒަލް އާދޭސްކޮށް ރޮއިގެންނެވެ. އެކަމަކު މީހުންނާއެކު ދަތުރުކުރަން ފަސޭހައެއްނޫނޭ ކިޔާފައި އޭނަ ދިޔައީ ވަކިންނެވެ.
ލޯންޗު ރިޒޯޓަށް ފޯރިއިރު އިރުއޮއްސި އަނދިރިކަމުގެ ތެރެއަށް ރަށް ގެނބިއްޖެއެވެ. ނުވީތާކަށް ކުއްލިއަކަށް ނެގި ބޯ ވިލާގަނޑުން ވާރޭ ވެހިގަތްގޮތުން ހިޔާވެލާނެ ފުރުސަތެއްވެސް ނުލިބުނެވެ.ޓޫރިސްޓުން މަދު ދުވަސްކޮޅެއްކަމުން ރަށް އޮތީ ހިތަކަށް ލިބިފައެވެ.
"ކައިދަން މޮޔަވީކަން ނޭގޭ. ހަޒަލް ބަލައިލަބަލަ..." ހަޒަލް ސޫފީ ނިންދަވަން އެނދުގައި ބާއްވައިގެން އޮތްވާ އެމާ ދޮރުން ބޯދިއްކޮށްލިއެވެ.
"މޮޔަވެގެން ކީއްކުރަނީ؟"
"ހެދުންތައް ބާލާފައި ނިކުމެ އުޅެނީ..."
"ވަޓް؟" ހަޒަލް ލޯ ފުންމައިނުލީ ކިރިޔާއެވެ.
"ބޮކްސާކޮޅާއެކު އެބަހުރި ސަކަރާތްޖަހަން. އެކަނި ބޯޅައަކާއިގެން ދުވެފައި ހީފައި ވާހަކަދައްކާއިރު އެހެން ބަޔަކު ތިބިހެންވެސް ހީވޭ...ވިއްސާރަ އެބަވެހޭ..."އެމާ އިތުރަށް ބުނެދިނެވެ.
"ވިއްސާރައަކީ ވެހޭ އެއްޗެއް ނޫން ލަވް. ވާރޭ ވެހޭނީ............" ހަޒަލްގެ ލޮލަށް ކަރުނައައީ ހިތާމައާއި ލަދުންނެވެ. އޭނަގެ ފިރިމީހާއަކީ މޮޔައެއްކަމަށް އެންމެން ކިޔަންޏާ އޭނަވެސް ދެރަވާނެއެވެ.އޭނައަކީ އެތައް ބަޔެއްގެ އިހުތިރާމް ލިބިފައިވާ ގަދަރުވެރި ޑޮކްޓަރެކެވެ.
ސޫފީ ނިދުމުން އެމާއާއި ހަވާލުކޮށްފައި ހަޒަލް ކޮޓަރިން ނުކުތްއިރުވެސް ކައިދަން މޫދަކުން ނާރައެވެ. ހަޒަލް ވާރޭ ކޯޓުލައިގެން ނުކުތީ ފިނިގަދަކަމުން ވާރެއާއި ތެމުމުގެ ޝައުގެއްނެތީމައެވެ. ކައިދަންގެ އަމަލުތަކަށް ބަލަހައްޓަން ހުރިއިރު "ސްކިޒޮފްރީނިއާ"އާއިމެދު ޝައްކުވިއެވެ. ކައިދަން ވާހަކަދައްކަނީ ކާކާތޯ ސުވާލުކުރުމުން ބުނީ އޭނައާއެކު ތިން މީހުން އެބަތިބިކަމުގައެވެ. ދެން ވާހަކަދައްކަން ފެށީ އެހެން ބަހުރުވައަކުންނެވެ.
"ކޭޑް ތިހިރީ ފިނިވެފައި.ހިނގާ ތެތް އެއްޗެހި ބަދަލުކުރަން.."ހަޒަލް ކައިދަންގެ އަތުގައި ހިފާ ދަމައިގަތެވެ.
"އޯކޭ....."
ކައިދަންއަށް ހަމަހޭވެރިކަން ލިބުނުފަދައެވެ. ކުއްލިއަކަށް އޭނަގެ މޫނުމަތިން ސީރިޔަސްކަން ފައުޅުވިއެވެ. ގަހުގައި އަޅުވާފައިހުރި އޭނަގެ އަންނައުނުތައް ލާންފެށިއެވެ. ބޮކްސާގެ މަތިން ސޯޓަކާއިއެކު ޖިންސްވެސް ލައިގެން ޓީޝާޓު ބޮލުން ވައްޓައިލުމަށްފަހު މާފަށް އެދުނެވެ.
"ކޮން ބަޔަކާއި ވާހަކަދެއްކީ؟" ހަޒަލް ސުވާލުކުރިއެވެ.
"ފްރެންޑްސް......ރަވާން އާއި...................."
"އެއީ ކޮންބަޔެއް؟ ކީއްވެ އަހަންނަށް ތިބުނާ ބަޔެއް ނުފެންނަނީ؟"
"ސަބަބަކީ......ހަޒަލްއަށް އެނގޭތަ؟ ސައިކޭޓްރިސްޓަކާއި ކޮންސަލްޓްކުރީމަ އޭނަ ބައްޔަކަށް ބުނީ ސްކިޒޮފްރީނިއާ. އޭނަ ބުނާގޮތުގައި ރަވާންމެންނަކީ ފިގްމެންޓް އޮފް އިމޭޖިނޭޝަން...ބޮލުތެރޭ ގެންގުޅޭ ބަޔެއް. އެކަމަކު.....ހަގީގަތަކީ..." ކައިދަން ހަޒަލްގެ މޫނަށް ބަލައިލިއިރު ހަޒަލްގެ ކޯތާފަތްމަތިން ކަރުނަތިކިތައް ތިރިއަށް ދެމެން ފަށައިފިއެވެ.
ނުނިމޭ