29 Aug 2022, 21:15
ކުރިއަށް އޮތް ތިން ދުވަހަކީ މޫސުން ގޯސް ތިން ދުވަސް ކަމަށާއި ކުރިއަށް އޮތް ތިން ދުވަހު ކަނޑު ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ކަނޑު ދަތުރުކުރާ އިރު އެ އޮފީހުން ނެރޭ އެލާޓުތަކަށް ސަމާލުވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.
"މިހާރު އިނދޭ ވަރަށް މުހިންމު ކަމެއް. އެއީ ޔެލޯ އެލާޓް ނެރެފައި އޮއްވާ 9.1 މީޓަރަށް ވުރެ ކުދި އުޅަނދު ފަހަރުގަ މީހުން އުފުލުން ގާނޫނީ ގޮތުން މަނާ ވާނެ. އެހެންވީމަ އެކަމަށް ވެސް ސަމާލުވުން ވަރަށް މުހިންމު،" އޭނާ ވިދާޅުވިއެވެ.
އަދި ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އޭނާ އިލްތިމާސްކުރިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެން ވާކަމަށް އެ އޮފީހުން ބުންޏެވެ.
ކަނޑުތައް ގަދަވިޔަސް އުދައިގެ އަސަރު ރަށްރަށް ކުރާނެ ކަމަށް ލަފާ ނުކުރެވޭކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އެ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކުން 15 މޭލާ 25 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ސަރަހައްދުތަކަށް ވިލާގަނޑުގައި ގަދަ ވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ކުރިއަށް އޮތް ތިން ދުވަހަށް ފަހު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާ ނުކުރެވޭކަމަށް އެ އިދާރާއިން ބުންޏެވެ. ނަމަވެސް ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރާނެކަމަށް މެޓް އޮފީހުން ބުންޏެވެ.
މޫސުން ގޯސް ވުމުގެ ސަބަބުން ކަނޑު ދަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ކަނޑު ދަތުރު ކުރާއިރު އުޅަނދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އުޅަނދުގައި ހުންނަން ޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓް ހަމައަށް ހުރިތޯއާއި އެތަކެތި ހުރީ ބޭނުން ކުރެވޭ ހާލަތެއްގަ ތޯ ޔަގީންކުރުމަށް ފުލުހުންނާއި ސިފައިން ވަނީ އިލްތިމާސް ކޮށްފައެވެ.