ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ސަގާފީ ފޮޓޯ ނެގުމުގެ ތެރެއިން އެ ޓީމަށް ކުޅެމުންއަންނަ މުުސްލިމް ދެ ކުޅުންތެރިންކަމަށްވާ ސާޑިއޯ މާނޭއާއި ނުސޭރް މަޒްރައޮއީއަށް ސަމާލުކަން ހުއްޓިއްޖެއެވެ.

ބަޔާންއިން އާންމުކުރި އެ ފޮޓޯ ތަކުން "ލެޑާހޯސެން" ނަމަކަށް ކިޔާ ޖަރުމަނުގެ ސަގާފީ ހެދުމެއްގައި ބަޔާންގެ ހުރިހާ ކުޅުންތރިން ވެސް ތަރުތީބުން އިށީނދެ އަދި ބައެއް ކުޅުންތެރިން ކޮޅަށް ވެސް ތިބިތަން ފެނެއެވެ.

އެ ފޮޓޯއިން ފެންނަ ބަޔާންގެ 31 ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން ފިޔަވާ ހުރިހާ ކުޅުންތެރިން ވެސް ތިބީ ބިޔަރު އަޅާފައިހުރި އުސް ތައްޓެއް ހިފަހައްޓައިގެންނެވެ.

ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ އެ ދެ ކުޅުންތެެރިންނަށެވެ. އެ ދެ ކުޅުންތެރިންނަކީ މުސްލްމު ދެ ކުޅުންތެރިންކަމަށްވާ ސެނެގާލްއަށް އުފަން ސާޑިއޯ މާނޭއާއި ނެދަލެންޑްސްއަށް އުފަން ނުސޭރް މަޒްރައޮއީއެވެ.

ބަޔާންގެ ކުޅުންތެރިން ނެގި ފޮޓޯ ---

ފޮޓޯގައި ހުރިހާ ކުޅުންތެރިން ވެސް ބިޔަރު ތަށި ހިފައިގެން ތިބިއިރު އެ ކުޅުންތެރިން ތިބީ ހުސްއަތާއެވެ. މުސްލިމުންގެ ހައިސިއްޔަތުން ބިޔަރުގައި އަތްނުލުމަށް އެ ދެ ކުޅުންތެެރިން ނިންމުމުން ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

ޕައުލަނާ އަކީ 1634 ވަނަ އަހަރު މިޔުނިކްގައި އުފެއްދި ޖަރުމަނުގެ ބިޔަރެކެވެ. އެ ބްރޭންޑުން ބަޔާންއާއެކު ގާތް ގުޅުމެއް އުފައްދާފައިވާއިރު ކޮންމެ އަހަރަކު ވެސް އެ ބްރޭންޑުގެ ބިޔަރު ހިފައިގެން ބަޔާން ކުޅުންތެެރިން ފޮޓޯ ނަގައެވެ.