ރ. އުނގޫފާރުގައި ފީނަން ގޮސް އުޅުނު ޒުވާނަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު ކަމަށެވެ.

އުނގުލު ކިޔާ ފަޅު ރަށަކާއި އުނގޫފާރާ ދޭތެރޭގައި އޮންނަ ތިލަގަނޑަކަށް ފީނަން ގޮސް އުޅެނިކޮށް މިއަދު މަރުވީ، އުނގޫފާރު އާބިން، އަލީ މިމްރާހު، 25،އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އުނގޫފާރު ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލާންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު، "ސަން"އަށް ވިދާޅުވީ މިއަދު މަރުވި އަލީ މިމްރާހަކީ ދޭތެރެދޭތެރެއިން މޫދަށް ގޮސް މަސްހިފާ އުޅޭ މީހެއް ކަމަށެވެ.

"އޭނާ އަކީ ދޭތެރެ ދޭތެރެއިން މޫދަށް ގޮސް މަސް ހިފާ, ބޯވާ ނަގާ މީހެއް. އެއީ އޭނާ އުފަލަކަށް ކުރާ ކަމެއް،" އަބްދުﷲ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ މިއަދު މަރުވި މިމްރާހަކީ ރަށުގެ ކުޅިވަރު ކުޅޭ ޒުވާނުންގެ ތެރެއިން ވެސް ފާހަގަ ކޮށްލެވޭ ފަދަ މޮޅު ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށެވެ.