އެތްލެޓިކޯ މެޑްރިޑްގެ ޑިފެންޑަރު ރެނެން ލޯޑީ އިނގިރޭސި ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓުވި ނޮޓިންހަމް ފޮރެސްޓްއަށް މި ސީޒަންގެ ނިޔަލަށް ބަދަލުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 24 އަހަރުގެ ލޯޑީ އަށް ނޮޓިންހަމް ފޮރެސްޓުން ފަސް މިލިއަން ޔޫރޯގެ ފީއެއް ދައްކަން ޖެހޭނެއެވެ. އަދި މި ސީޒަން ނިމުމުން 30 މިލިއަން ޔޫރޯގެ ފީއެއް ދައްކައިގެން އޭނާ އެ ޓީމުގައި ދާއިމީކުރުމުގެ އިޚްތިޔާރު ވެސް ނޮޓިންހަމް ފޮރެސްޓަށް ލިބޭނެއެވެ.

ނަމަވެސް ލޯޑީ ވަނީ 2026 ގެ ނިޔަަލަށް އެތްލެޓިކޯގައި މަޑުކުރުމަށް އެއްބަސްވެ އެ ޓީމުގެ ކޮންޓްރެކްޓު އާ ކުރުމަށް ނިންމައިފައެވެ.

އެތުލެޓިކޯ ޕަރާނޭސޭ އިން 2019 ވަނަ އަހަރު 25 މިލިއަން ޔޫރޯ އަށް އެތްލެޓިކޯއަށް ބަދަލުވެ ލޯޑީ ވަނީ އެ ޓީމަށް 118 މެޗު ކުޅެ ހަ ގޯލުޖަހައި 10 ގޯލު ޖެހުމަށް އެހީތެރިވެފައެވެ. އަދި ބްރެޒިލްގެ ގައުމީ ޓީމަށް އޭނާ ވަނީ 15 މެޗު ކުޅެދީފައެވެ.

ނަމަވެސް އެތްލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނޭގެ ޕްލޭއިން އޭނާ ވަނީ މިދިޔަ ސީޒަންގެ ވަކި ހިސާބަކުން ބާކީވެފައެވެ. ސިމިއޯނޭ ސީޒަންގެ މެދެއްހާ ހިސާބުން ވަނީ ފުލްބެކުން ބޭނުންނުކޮށް ތިން ސެންޓްރަލް ޑިފެންޑަރުންނާއެކު ކުޅެންފަށައިފައެވެ.

އެހެންކަމުން ލޯޑީ ގިނަ މެޗުތަކުގައި އިންނަންޖެހެނީ ބެންޗުގައެވެ. ބެރެޒިލް ގައުމީ ޓީމުން ޖާގަ ހޯދަމުންއަންނަ ލޯޑީ އަންނަ ވޯލްޑްކަޕު ކުޅުމަށް ބްރެޒިލް ޓީމަށް އައުމަށް ގިނަ މެޗު ކުޅެން ބޭނުންވެއެވެ.