30 Mar 2012, 14:00
ބަޣްދާދު (މާޗް 30): ސޫރިޔާގެ މައްސަލަ ސުލްޙަވެރިކަމާ އެކު ޙައްލުކުރުމަށާއި ބޭރުގެ ބާރުތައް ސޫރިޔާއަށް ވަނުމާދެކޮޅުކަން ހާމަކުރަމުން ޢިރާޤުގައި ބޭއްވި ޢަރަބި ޤައުމުތަކުގެ އިސްވެރިންގެ ސަމިޓް ނިންމާލައިފި އެވެ.
ބަޣްދާދުގެ ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި ސޫރިޔާ ސަރުކާރާއި އެޤައުމުގެ އިދިކޮޅު ފަރާތްތައް ވާހަކަދައްކައިގެން ލޭއޮހޮރުވުން ހުއްޓާލައި ސޫރިޔާގައި މިހާރު އުފެދިފައިވާ ދާޚިލީ މައްސަލަތައް ޙައްލުކުރުމަށް ގޮވާލާފައިވެ އެވެ. ނަމަވެސް ސޫރިޔާ ސަރުކާރުން އެޤައުމުގެ ރައްޔިތުންނާދެކޮޅަށް އިންސާނިއްޔަތާޚިލާފު އަނިޔާވެރި ޢަމަލުތައް ހިންގާފައިވާ މައްސަލަ ޢަރަބި ޤައުމުތަކުން ކުށްވެރިކުރާކަން ޢަރަބި ސަމިޓުން ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވެ އެވެ.
ޚާއްސަކޮށް ސޫރިޔާގެ ޙިމްސްގެ ބާބާޢަމްރު އަވަށުގެ ޢާންމުންނާ ދެކޮޅަށް މިމަހުގެ ކުރީކޮޅު ސޫރިޔާގެ ސަލާމަތީ ބާރުތަކުން ހިންގި ޤަތްލުއާންމު ޢަރަބި ލީޑަރުން ވަރަށް ބޮޑަށް ކުށްވެރިކޮށް މިއީ އިންސާނިއްޔަތާ އިދިކޮޅު ބޮޑުޖަރީމާއެއް ކަމަށް ސިފަކޮށްފައިވެ އެވެ.
ބަޣްދާދުގެ ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި ޢަރަބިން ބޭނުން ވަނީ ސޫރިޔާގެ މައްސަލަ ސުލްޙަވެރިކަމާ އެކު ޙައްލުކުރުންކަން ހާމަކުރަމުން ސޫރިޔާގެ މައްސަލަ ޙައްލުކުރުމަށްޓަކައި އދ.ގެ މަންދޫބު ކޯފީ އަނާން ހުށަހެޅުއްވި ޕްލޭނަށް އަރަބިން ތާއީދުކުރާ ކަމަށް ބުނެ މިޕްލޭނަށް ޢަމަލުކުރަން ފެށުމަށް ސޫރިޔާ ސަރުކާރަށް ގޮވާލާފައިވެ އެވެ.
ބަޣްދާދުގައި ރޭ ނިމުނު ޢަރަބި ޤައުމުތަކުގެ އިސްވެރިންގެ 23 ވަނަ ސަމިޓްގައި އެންމެ އިސްކަމެއް ދިނީ ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމާ ބެހޭ ގޮތުންނެވެ. މިސަމިޓްގައި ތޫނިސްގެ ރައީސް މުންސިފް އަލްމަރްޒޫޤީއާއި ލީބިޔާގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލް، ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށާއި އޭނާގެވެރިކަމުގެ ނިޒާމަށް ބަހުގެ ވަރަށްހޫނު ޙަމަލާތައް ރައްދުކުރެއްވި އެވެ.
ސޫރިޔާގެ މައްސަލައިގެ އިތުރުން ފަލަސްތީނުގެ މައްސަލައާއި ސޮމާލިޔާގެ މައްސަލައާއި ނިއުކްލިޔަރހަތިޔާރުނެތް ސަރަޙައްދަކަށް މެދުއިރުމަތިހެދުމާއި ޢަރަބި ޤައުމުތަކުގެ މެދުގައި އިޤްތިސާދީ ގުޅުންތައް ބަދަހިކުރުމާއި ޢަރަބި ލީގުގެ އޮނިގަނޑު އަލުން އިސްލާޙް ކުރުން ފަދަ މައްސަލަތަކާ ބެހޭ ގޮތުން ވެސް ޢަރަބި ސަމިޓްގައި މަޝްވަރާކޮށްފައިވެ އެވެ.
މިސަމިޓަށް ޙާޒިވީ ޢަރަބި 22 ލީޑަރުންގެ ތެރެއިން 10 ލީޑަރެކެވެ. ލީޑަރުން ޙާޒިރުނުވާ ޤައުމުތައް ތަމްސީލްކުރެއްވީ އެޤައުމުތަކުގެ ޚާރިޖީ ވަޒީރުން ނޫނީ ބޮޑުވަޒީރުންނެވެ. (އަލްޖަޒީރާ)