29 Aug 2022, 20:49
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން އެސޯސިއޭޝަން ފޯ ސޯޝަލް ބެނިފިޓްސް އެންޑް އެއިޑް (އަސްބާ)އިން "މެންޓަލް ފިޓްނެސް ފޯ ހައި ޕާފޯމާސް" ގެ ނަމުގައި ހޮނިހިރު ދުވަހުގެ ހަވީރު ބޭއްވި ވޯކްޝޮޕް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
ޕެރަޑައިސް އައިލެންޑް ރިޒޯޓުގައި ކުރިއަށް ގެންދިޔަ ވޯޝޮޕަށް ހޫނު ތަރުހީބެއް ލިބިފައިވެއެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 90 ބޭފުޅަކު ވަނީ އެ ވޯކްޝޮޕްގައި ބައިވެރިވެފައެވެ. ދެ ސެޝަންގައި ވެސް، އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދީފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް ދިމާވާ ގޮންޖެހުންތައް ހިއްސާކޮށް، އެކަންތައްތަކާއި ކުރިމަތިލެވޭނެ އެކި ގޮތްގޮތާ ބެހޭގޮތުން މައުލޫމާތު ދިނުމަށެވެ.
ނަރުހުންނާއި ޑޮކްޓަރުން ވަނީ އެ ބޭފުޅުންނަށް މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކުގެ އިތުރުން އެންމެ ބޮޑަށް ވިސްނާ ފިކުރު ކުރާ ކަންތައްތަކުގެ ވާހަކަތައް އެ ވޯކްޝޮޕްގައި ހިއްސާކޮށްފައެވެ. ބައިވެރިންގެ ޝުއޫރުތަކަށް ފަހު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އަސްބާގެ ފައުންޑާ އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ހުރިހާ ބައިވެރިންނަށް ޝުކުރު އަދާކުރައްވައި، ބައިވެރިންގެ އެދިލެއްވުމާ އެއްގޮތަށް އެ ޖަމިއްޔާއިން ކުރިއަށް އޮތްތަނުގައި އިތުރު ކަންތައްތައް އިންތިޒާމުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން، މިނިސްޓަރު ވިދާޅުވީ، ޖަމިއްޔާއެއްގެ ގޮތުގައި 2018 ވަނަ އަހަރު ރަޖިސްޓާ ކުރި ކަމުގައި ވިޔަސް، އޭގެ ކުރިން ވެސް ތަފާތު އެކި ނަންނަމުގައި މުޖްތަމައުގައި ހުރި މައްސަލަ ހައްލުކޮށްދެއްވުމަށް މަސައްކަތްކުރި ކަމަށެވެ.
މާޒީއަށް ނަޒަރު ހިންގައި މިނިސްޓަރު ވަނީ، މުޖްތަމައަށް ފައިދާ ހުރި ކަންކަން ކޮށްދިނުމަކީ އަބަދުވެސް ދެކޭ ހުވަފެނެއްކަން ފާހަގަކުރައްވައި، އަސްބާގެ ހިންގެވުމުގައި އެންމެ ކައިރިން މަސައްކަތް ކޮށްދޭ އަސްބާގެ ކޯފައުންޑާ އަދި މަންމާފުޅު، ޚަދީޖާ އިބްރާހީމްއަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި، އަސްބާގެ މަސައްކަތްތައް ފުޅާކޮށް، ކުރިއަށް އޮތްތަނުގައި އިތުރު ކަންތައްތައް އިންތިޒާމުކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

"މެންޓަލް ފިޓްނެސް ފޯ ހައި ޕާފޯމާސް" ވޯކލްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހުރިހާ ބައިވެރިން ވެސް ވަނީ، ސިއްހީ ޚިދުމަތްތެރިންނަށް ޚާއްސަކޮށް މިފަދަ ވޯކްޝޮޕެއް ބޭއްވީތީ އަސްބާއަށް ޚާއްސަ ޝުކުރު އަދާކޮށްފައެވެ. މި ވޯކްޝޮޕްގައި އަސްބާއާ އެކު ރޯލް ޕްލަސް އިން ވަނީ ބައިވެރިވެފައެވެ. އަސްބާއިން އިންތިޒާމުކުރި މި އިވެންޓްގެ ސެޝަންތައް ނަންގަވައިދެއްވީ ރޯލް ޕްލަސްއިންނެވެ.