ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށްގެން ހިންގި ޑޭޓާ ލިޓްރަސީ ޕްރޮގްރާމް "ގާލްސް އިން ޑޭޓާ" ނިންމާލައިފިއެވެ.

މި ޕްރޮގްރާމަކީ މިއަދުގެ ޑޭޓާ އިންޓެންސިވް ދުނިޔޭގައި ޑޭޓާގެ މުހިންމުކަން އަންހެން ކުދިންނަށް ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މިހަފްލާގައި ޕްރޮގްރާމްގެ ބައިވެރިން ވަނީ އެކުދިން ޕްރޮގްރާމްގައި ދަސްކުރި ހުނަރުތައް ބޭނުންކޮށްގެން ތައްޔާރުކުރި ޕްރޮޖެކްޓްތައް ހުށަހަޅާފައެވެ. 10 އަހަރާއި 13 އަހަރާ ދެމެދުގެ 25 ކުދިން މިޕްރޮގްރާމް ފުރިހަމަ ކުރިއެވެ.

"ގާލްސް އިން ޑޭޓާ"ގެ ބައިވެރިން

މެއި 28ވަނަ ދުވަހުން ފެށިގެން ދޮޅު މަސް ދުވަހަށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޑޭޓާ އެއްކުރުމާއި، އޭގެން މާނަ ދޭހަކުރުމާއި، ޑޭޓާ ބޭނުންކޮށްގެން މުހިއްމު ނިންމުންތައް ނިންމާނެ ގޮތްތައް އެކުދިންނަށް ދަސްކޮށްދިނެވެ. އެކި އެކި މައްސަލަތައް ހައްލުކުރުމަށް ޑޭޓާ ހޯދާނެގޮތާއި ޑޭޓާ އެއްކުރުމުގެ އަމަލީ މަސައްކަތްތަކެއް ވެސް އެކުދިންނަށް ދަސްކޮށްދިނެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ލައިބްރަރީއަށް ޒިޔާރަތްކޮށް ޑޭޓާ އެއްކުރުމުގެ އަމަލީ މަސައްކަތްތަކެއް ވެސް ބައިވެރިން ފުރިހަމަކުރިއެވެ.

ހޮނިހިރު ދުވަހު ހަވީރު ބޭއްވި މިހަފްލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ، ކުދިންގެ ޅަ އުމުރުގައިވެސް މިފަދަ ދާއިރާއަކަށް ލޯ ހުޅުވި، މިއީ ކުރެވިދާނެ ކަމެއްކަން އަމިއްލައަށް ގަބޫލުކުރެވި، އަމިއްލަ ނަފުސަށް އިތުބާރު ކުރެވުމަކީ މި ޕްރޮގްރާމުގެ އެންމެ މުހިންމު އެއް މަގުސަދުކަމަށެވެ.

"ގާލްސް އިން ޑޭޓާ"ގެ ބައިވެރިން

އަދި މުސްތަގުބަލުގައި ކޮންމެ ދާއިރާއަކުން ކުރިއަށް ދިއުމަށް އަޒުމް ކަނޑައެޅިކަމުގައި ވީނަމަވެސް ޑޭޓާ ސައިންސް އަދި ޑޭޓާ އެނެލެޓިކްސް އަކީ މިހާރު ވަރަށް މުހިންމު ހުނަރެއްކަމަށް އޭނާ ވިދާޅުވިއެވެ. ޕްރޮގްރާމްގެ ޒަރީއާއިން ބައިވެރިންނަށް އައު ކަންތައްތަކެއް ދަސްކުރުމުގެ ފުރުސަތު ލިބުނު ކަމަށާއި ޑޭޓާ ސައިންސްގެ ދާއިރާއަށް ޝައުގުވެރިކަން އުފެދިގެން ދިޔަކަމަށް އުންމީދުކުރާކަމަށް ވިމެން އިން ޓެކްގެ ނާއިބު ރައީސާ މަރިޔަމް އަސްނާ ވިދާޅުވިއެވެ. އަދި ޕްރޮގްރާމްގައި ދަސްވި މައުލޫމާތާއި ދަސްވި ކަންތައްތަކުގެ އެހީގައި މިދާއިރާއިން ކުރިއަށް ދިޔުމަށް އޭނާ ގޮވާލެއްވިއެެވެ.

މިޕްރޮގްރާމްގެ ސަބަބުން ޑޭޓާ ސައިންސްގެ ދާއިރާއަށް ލޯހުޅުވި މިދާއިރާއިން މުސްތަގްބަލުގައި ކާމިޔާބުކަމާއެކު ކުރިއަށް ދެވިދާނެކަމަށް ޕްރޮގްރާމްގެ ބައިވެރިން ހިޔާލުފާޅުކުރިއެވެ. ޕްރޮގްރާމްގައި ޑޭޓާ ޕްރޮސެސިންގެ މުހިއްމުކަން ދަސްވެގެން ދިޔަކަމަށާއި އެކަމަށް ބޭނުންކުރާ އެކިއެކި ޓޫލްތަކުގެ މައުލޫމާތު ލިބުނު ކަމަށް ބައިވެރިން ބުނެއެވެ. އަދި ގާލްސް އިން ޑޭޓާ ޕްރޮގްރާމްގެ މަގުސަދަކީ، ޑޭޓާ ދާއިރާ މިއީ އަންހެން ކުދިންނަށް ވެސް ރަނގަޅު ދާއިރާއެއްކަން އަންގައިދިން ޕްލެޓްފޯމެއްކަމަށް އެއް ބައިވެރިއަކު ފާހަގަކުރިއެވެ.

މިއީ އަންހެން ކުދިންނަށް އަމާޒުކޮށްގެން ޑޭޓާ ލިޓަރެސީ ޕްރޮގްރާމެއް ރާއްޖޭގައި ކުރިއަށް ގެންދެވުނު ފުރަތަމަ ފަހަރެވެ. މިސީރީސްގެ އިތުރު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައިއެވެ. 2019 އިން ފެށިގެން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް ޓެކްނޮލޮޖީ ގެ ދާއިރާގައި ބާރުވެރިކުރުމަށް، ކޯޑިން ދަސްކޮށްދިނުމުގެ މަގްސަދުގައި ގާލްސް ޓު ކޯޑްގެ ނަމުގައި އަހަރީ ޕްރޮގްރާމެއް ދަނީ ހިންގަމުންނެވެ.