29 Aug 2022, 16:59
ރާއްޖޭގެ ގައުމީ ކްރިކެޓު ޓީމުގައި ހިމެނޭ ބާރު ބޯލަރު ހަސަން އިބްރާހީމް އޮސްޓްރޭލިއާގެ ޓީމަކާ ގުޅިއްޖެއެވެ.
އޭނާ ގުޅިފައިވަނީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގެ ކުލަބެއް ކަމަށްވާ ވެސްޓާން ސަބްއާބްސް ޑިސްޓްރިކްޓް ކްރިކެޓު ކުލަބާއެވެ.
އެ ޓީމަކީ އޮސްޓްރޭލިއާގެ ތިންވަނަ ފަންތީގެ މުބާރާތްތަކުގައި ވާދަކުރާ ޓީމެކެވެ.
މީގެކުރިން ހަސަން ވަނީ މެލޭޝިއާގެ ކުލަބަކަށް ވެސް ކުޅެފައެެވެ. 2017 ވަނަ އަހަރުގެ ތެރޭގައި މެލޭޝިއާ ސްޓޭޓް ލީގުގެ ޕެނާންގަށް އޭނާ ވަނީ ކުޅެފައެވެ.
އެ ޓީމަށް ކުޅުނިއިރު ހަސަންގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި އޮސްޓްރޭލިއާގެ ޑީން ވުޑްފޯޑް އޭނާއަށް ހޯދައިދިން ފުރުސަތެއްގައި އޭނާ ވަނީ 2017 ވަނަ އަހަރުގެ ފަހުކޮޅު އޮސްޓްރޭލިއާގެ މެލްބަން ރެނެގޭޑާއެކު ހަސަން ވަނީ ތަމްރީނެއް ފުރިހަމަކޮށްފައެވެ.
ހަސަނަކީ އޭނާގެ އުމުރުން އެންމެ 15 އަހަރުގައި ރާއްޖޭގެ ކްރިކެޓު ޓީމުން ޖާގަ ހޯދައިފައިވާ ހުނަރުން ފުރިގެންވާ ކުޅުންތެރިއެކެވެ.
އޭނާ ވަނީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްއާއި އެ އަހަރުގެ އޭޝިއަން ގޭމްސްގައި ކުޅެފައެވެ. އަދި 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ވެސް ހަސަން ވަނީ ގައުމު ތަމްސީލުކޮށްފައެވެ.