ބާސެލޯނާއަށް ރޮބަޓް ލެވަންޑޯސްކީ ލިބުމަކީ ނަސީބެއްކަމަށާއި، އޭނާއަކީ ތަފާތު މޮޅު ކުޅުންތެރިއެއްކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހަނާންޑޭޒް ބުނެފިއެވެ.

ލެވަންޑޯސްކީގެ ދެ ގޯލާ އެކު 4-0 އިން ރެއާލް ވަލޮޑޮލިޑް އަތުން ބާސެލޯނާ މޮޅުވި މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން ޒަވީ ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

އޭނާ ބުނީ ލެވަންޑޯސްކީ އަކީ ދަނޑުމަތީގަ އާއި ދަނޑުން ބޭރުގައި ވެސް ލީޑަރެއް ކަމަށާއި، އޭނާ އަކީ އެހެން ކުޅުންތެރިންނަށް ނަމޫނާއެއްކަމަށެވެ.

"ލެވަންޑޯސްކީގެ ކިބައިން އިންސާނިއްޔަތު ވެސް އެބަ ފެނޭ. އަދި ޓީމަށް މަސައްކަތްކޮށްދޭ ކުޅުންތެރިއެއް އެއީ، ކޯޗުންނަށް ވެސް އޭނާގެ އެހީތެރިކަން ލިބޭ،" ޒަވީ ބުންޏެވެ.

ލެވަންޑޯސްކީ އައިފަހުން ޓީމުން ތަފާތުތަކެއް ފެންނަކަމަށާއި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނާއެކު ވަގުތު ހޭދަކޮށް އެ ކުޅުންތެރިންނަށް އޭނާގެ އެހީތެރިކަން ލިބޭކަމަށް ވެސް ޒަވީ ބުންޏެވެ.

ޒަވީ ހަނާންޑޭޒް---

ސްޕެނިޝް ލަލީގާއި ރެއާލް ވަލޮޑޮލިޑް އާ ދެކޮޅަށް ބާސާ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ 24 ވަނަ މިނެޓުގައި ބާސާއިން ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފައެވެ. އެ ގޯލަކީ ރަފީނިއާ ނެގި ހުރަހަކުން ލެވަންޑޯސްކީ ޖެހި ގޯލެކެވެ.

މެޗުގެ 43 ވަނަ މިނެޓުގައި ބާސާއިން ވަނީ އަނެއްކާ ގޯލެއްޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އޮސްމާން ޑެމްބެެލޭގެ އެހީތެރިކަމާއެކު އެ ގޯލު ޖަހައިފައިވަނީ ޕެޑްރީ ގޮންޒާލޭޒްއެވެ. އަދި ޑެމްބެލޭގެ އެހީތެރިކަމާއެކު މެޗުގެ 65 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ މެޗުގެ ތިންވަނަ ގޯލު ޖަހައިފައެވެ.

މެޗުގެ އިތުރު ވަގުތުގައި ލެވަންޑޯސްކީ ހެޓްރިކް ހެދުމަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި އެ ބޯޅަ ދަނޑީގައި ޖެހިފައި އެނބުރި ކުޅުމަށް އައުމުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސާޖިއޯ ރޮބާޓޯ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައި މެޗުގެ ހަތަރު ވަނަ ގޯލު ޖަހައިފައެވެ.

އެ ނަތީޖާއާއެކު ބާސެލޯނާ ތާވަލުގެ ތިންވަަނައިގައި އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުގައެވެ. އަދި މެޗުން ބަލިވި ރެއާލް ވަލޮޑޮލިޑް ކުޅުނު ތިން މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 19 ވަނައިގައެވެ.