ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ރޭ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް އެއާޕޯޓުން ދެ މީހަކު އެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި އެއީ ބިދޭސީ ދެ މީހުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށްފަހު އެ ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އުމުރުން 26 އަހަރާއި 41 އަހަރުގެ އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް އިތުރު ކޮށްދީފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި އިންޑިއާގެ އެ ދެ މީހުނަށް ކުރަނީ ޖާސޫސް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ. ސްޕައި ކެމެރާ ހަރުކޮށްގެން އެއާޕޯޓު ތެރޭގައި ޖާސޫސް ކުރަން އުޅުނު ކަމަށް ވެސް ވަނީ ތުހުމަތު ކުރެވިފައެވެ.

ނަމަވެސް އެ މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.