30 Aug 2022, 08:48
ކޮޓަރީގެ ދޮރު ހުޅުވައިލި އަޑު އިވުނެވެ. ފިލަން ވަންނާނެ އިތުރު ތަނެއް ނެތުމުން ވަދެވުނީ އަލަމާރި ތެރެއަށެވެ. ދޮރު ޖެހުމުން، މުޅި ތަން އަނދިރިވިއެވެ. އަހަރެން އިނީ ދޮރުފަތުގައި ބާރަށް ހިފަހައްޓައިގެންނެވެ.
"ރުއާ..." ޔާނިޝްގެ އަޑު އިވުނެވެ.
********
ދެވަނަ ފަހަރަށް ޔާނިޝްގެ އަޑު އިވުނީ އަލަމާރި ކައިރިންނެވެ. އަހަރެން އިނީ ރުޅި އައިސް ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލައިގެންނެވެ. ޔާނިޝް އެ ވީ އަހަރެން ހީކުރި ވަރަށްވުރެވެސް ނުބައި މީހަކަށެވެ. ބޭރުފުށުން މާ އޯގާތެރިކަން ދައްކައިގެން އުޅުނަސް، ޔާނިޝް ގެންގުޅެނީ ގޮތް ނޭނގޭ އެޖެންޑާ އެކެވެ. އަހަރެން އެތައް ދުވަހަކު ރައްކާތެރިކޮށްގެން ގެންގުޅުނު ހަށިގަނޑު، އެނގުމަކާއި ނުލައި ފޭރިގަނެފިއެވެ. ލިބުނު ފުރުސަތުގެ ބޭނުން އޭނާ ހިފީ އަހަންނަށް ވެދާނެ ގޮތަކާއިމެދު ވިސްނައިލުމެއް ނެތިއެވެ. ރަނގަޅު އިންސާނަކު އެފަދައިން ކަންތައް ނުކުރާނެކަން ޔަގީނެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި ޔާނިޝްއަށް އަހަރެންގެ ގައިގައި އަތްލެވޭނީ އަހަރެންގެ ރުހުން ލިބިގެންނެވެ.
ޔާނިޝް އޮޅުވައިލީ ހަމައެކަނި އަހަންނަކަށް ނޫނެވެ. މަންމައަށްވެސް އޮޅުވައިލީއެވެ. އެފަދަ މީހަކަށް އަހަރެން އިހުތިރާމު ކުރަންވީ ކީއްކުރަން ހެއްޔެވެ؟ ބިރާއި ރުޅިވެރިކަން އެކުވުމުން އަހަންނަށް ލިބުނީ އާދަޔާ ހިލާފު ހިތްވަރެކެވެ. އަހަންނަށް އޮތީ އެންމެ ގޮތެކެވެ. ކެރިގެން ޔާނިޝް އާއި ކުރިމަތިލުމެވެ. ބޮޑު ވަރަކަށްވެސް އަހަރެން ވާނީ މަރެވެ. ޔާނިޝްގެ އަތްދަށުވެ، ވޭނީ ދިރިއުޅުމެއް އުޅުމަށްވުރެ އެގޮތްވެސް މާ ރަނގަޅެވެ.
"ކާއެއްޗެހި އެހުރީ މޭޒުމަތީ ބަހައްޓާފަ..." ޔާނިޝް ވާހަކަ ދެއްކީ މަޑުމައިތިރި ރާގަކަށެވެ. "ސައިނުބޮއެ އެހާ ގިނައިރު ވެއްޖެއްޔާ، ވައި ހެދިދާނެ..."
"ނުކާނަން..." އަހަރެން ފާޅުގައި ދެކޮޅު ހެދީމެވެ. "ބޭނުންވި ކަންތައް ވެއްޖެއެއްނު... މިހާރު ދެން ކީއްކުރަން އަހަންނާ ދޭތެރޭ ވިސްނަންވީ؟..."
"ސައިބޮއެގެން ތައްޔާރުވެލާ، ގެއަށް ދާން..." އަހަރެން ބުނި އެއްޗެއްގެ އަޑު ނީވޭ ފަދައިން ޔާނިޝް ބުނެލިއެވެ.
އަހަރެންގެ ލޭ ކެކިގަތެވެ. ޔާނިޝް އުޅެނީ ކިހިނެތް ވެގެން ހެއްޔެވެ؟ ކުރެވުނުވަރު އަދިވެސް ކުޑައީ ހެއްޔެވެ؟ މިހާރު އަހަރެން އެ ގެއަށް ގެންދިޔުމުގެ ބޭނުމެއް ނެތެވެ. ޔާނިޝްގެ މަގުސަދަކީ، މަންމައަށް ހަގީގަތް ފަޅާއެރުމުގެ ކުރިން މަތިޖަހައި ފޮރުވުންކަން ޔަގީނެވެ. ޔާނިޝް އަހަރެން ދައްކާ ވާހަކަ އަޑު ނޭހީ ކީއްވެކަން އަހަންނަށް އެނގެއެވެ. ކުއްލިއަކަށް އަލަމާރީގެ ދޮރު ހުޅުވާފައި ނުކުތީމެވެ.
ޔާނިޝް ފެންނާކަށް ނެތެވެ. ދޮރު ލައްޕައިލި ތަން ފެނުނެވެ. މޭޒުމަތީގައި ކާއެއްޗެހި ހުރިނަމަވެސް، އެއިން އެއްޗެއް އަހަރެންގެ އަރުތެރެއަށް ދިރޭނީ ކިހިނެތް ހެއްޔެވެ؟
ފެންވަރަށް ހުރިއިރު އައު އަޒުމެއް ކަނޑައެޅީމެވެ. ޔާނިޝް ބޭނުންހާ ގޮތެއް ހަދަން އަހަރެން ފުރުސަތެއް ނުދޭނަމެވެ. ބަދަލުގައި އަހަރެން ވާނީ ޔާނިޝްގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލާ މީހަކަށެވެ. އަހަންނަކީ ކުޅޭކުޅޭ ބުދެއް ނޫނެވެ. ހިއްސުތައް ހަމައަށް ހުރި އިންސާނަކީމެވެ. ބޭނުންހާގޮތެއް ނުހެދޭނެއެވެ. ޔާނިޝް އަހަރެންގެ ދިރުއުޅުމާއި ކުޅެލި ފަދައިން އަހަރެންވެސް އޭނާގެ ދިރިއުޅުން އަޅިއަށް ހަދާލާނީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ.
އަހަރެން އެނދުގައި އޮށޯވެލައިގެން އޮއްވައި ކޮޓަރީގެ ދޮރު ހުޅުވައިލި އަޑު އިވުނެވެ. ދޮރުމަތީގައި ހުރި ޔާނިޝް ފެނި އަހަރެންގެ އެތެރެހަށި އަނދައިގަތެވެ. ޔާނިޝް އަހަންނަށް ބަލަން އިރުކޮޅަކު ހުއްޓެވެ.
"ކާރު އައިއްސި..." ޔާނިޝް އެތެރެއަށް ވަދެ، ދޮރު ލައްޕައިލިއެވެ. "ފޮށި ތައްޔާރު..."
ޔާނިޝް ވާހަކަ ދައްކަ ދައްކާ ހުއްޓައި، އަތް ދަބަސް ހިފައިގެން ނުކުތީމެވެ. ފޮށިތައް ހިފައިގެން ޔާނިޝް އައިއިރު އަހަރެން ހުރީ ދޮރުމައްޗަށް ނުކުމެއެވެ. ޔާނިޝް އެއްވެސް ޝަކުވާ އެއް ނުކުރެއެވެ. ކާރަށް ފޮށިތައް އަރުވާފައި، އަހަރެން އެރުމަށް ކާރުގެ ދޮރު ހުޅުވާލަދިނެވެ.
މަގުތަކުގައި އޮތީ ފެންބޮޑުވެފައެވެ. ރޭގައި ކުރި ވިއްސާރަ އަދިވެސް އަލިނުވެއެވެ. އުޑުމަތި އޮތީ ބަނަކޮށެވެ. މަންޒިލާއި ހަމައަށް ދެވެންދެންވެސް ތުނިކޮށް ވެހެމުންދިޔަ ވާރޭއަށް ހުއްޓުމެއް ނައެވެ. ބިއްލޫރިތަކުގައި ކޭއްތިލާފައި ތިރިއަށް ފައިބަމުންދިޔަ ފެންތިކިތަކަށް ބަލަން އިނދެވުނެވެ. އަހަންނަށް ހޭވެރިކަންވީ ޔާނިޝް ކާރުގެ ދޮރު ހުޅުވައިލުމުންނެވެ.
ޔާނިޝް ހުރީ ކުޑައެއް ހިފައިގެންނެވެ. އަހަންނަށް ހިޔާވާނޭހެން ކުޑަ ދިއްކޮށްލައިގެން ހުރިއިރު، ވާރޭގެ ތިކިތަކުން ޔާނިޝް ތެމެމުން ދިޔައެވެ. އޭނާގެ ފަން އިސްތަށިގަނޑުގައި ހަރުލަމުންދިޔަ ފެންތިކިތައް އެ މޫނުގައި ބީހިލާފައި ތިރިއަށް ފައިބަމުން ދިޔައެވެ. އަހަރެން އަވަސް އަވަހަށް އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލީމެވެ.
"ކުޑައެއް ހެޔޮ..." އަހަރެން ދެކޮޅު ހެދީމެވެ.
ޑްރައިވަރު ކަރު ކެހިލިއެވެ. މަގުގައި ކާރޫބާރު ބޮޑެވެ. ފަހަތުން ދުއްވާ އެއްޗެހި ބަރުގޮނު އަޅަން ފެށިއެވެ.
"އާދޭ އަވަހަށް... ވާރޭ ބޯކޮށްލަން އެ އުޅެނީ..." ޔާނިޝް ބުންޏެވެ.
އަހަރެން ނުކުތުމުން ޔާނިޝް އަހަރެންގެ އަތަށް ކުޑަ ދިނެވެ. އެއަށްފަހު ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް، ގެއެއްގެ އަސްކަނީގެ ހިޔަލުގައި މަޑުކޮށްލިއެވެ. ތެމިފައި ހުރިއިރު، ޔާނިޝްގެ ފިރިހެންވަންތަ ހަށިގަނޑުގެ ވަނާތައް ރީތިކޮށް އެނގެމުން ދިޔައެވެ. އަންހެން ކުއްޖަކު އެންމެ ހިތް އެދޭނޭ ސިފަތައް ޔާނިޝްއަށް ލިބިފައިވިއެވެ. އެއިން ސިފައެއްގެ އަވާގައި ޖެހޭކަށް އަހަރެން ބޭނުމެއް ނޫނެވެ.
"މީ ގެ..." އަހަރެން އަރާ ހަމަވުމުން، ޔާނިޝް ބުނެލިއެވެ.
ދެ ފަންގިފިލާއަށް ހަދާފައިވާ އާދައިގެ ގެއެކެވެ. ބޭރުން ވަކި ހާއްސަކަމެއް ފެންނާކަށް ނެތެވެ. ޔާނިޝް ދޮރާށި ހުޅުވައިލުމަށްފަހު އެތެރެ ބަލައިލިއެވެ. ގެއަށް ވަންނަން ހަނި ގޯޅިއެއް ހަދާފައިވާއިރު، ދެފަރާތުގައި ބަގީޗާ ގަސް ހައްދާފައި ހުއްޓެވެ. އެކި ކުލަކުލައިގެ މާތަކުން ތަނަށް ދިރުން ގެނެސްދީފައިވިއެވެ.
"ތިއްތި ދައްތާ..." ގޭތެރެއިން ނުކުމެގެން އައި އަންހެން ކުއްޖަކު ވަރަށް ބާރަށް ގޮވައިލިއެވެ. "މަންމާ... ތިއްތިމެން އައިއްސި..."
ގޭތެރެއިން އެންމެން ނުކުންނަން ފެށީ، ހިނި ހޮރަކުން ހިނިތަކެއް ނުކުންނަ ފަދައިންނެވެ. ކޮންމެ މީހެއްގެ އަތުގައި ކޮންމެވެސް އެއްޗެއް އޮތެވެ. އެއްބަޔަކު އަހަރެންގެ ކަރުގައި މާފަތި އެޅުވިއިރު، އަނެއްބަޔަކު ހަދިޔާތަކުން އަހަރެންގެ ދެއަތް ފުރާލިއެވެ. އެ ހުރިހާ މީހުންނަކީ ޔާނިޝްގެ ގޭގައި އުޅޭ މީހުން ބާއޭ ހިތަށް އެރިއެވެ. އަމިއްލަ ގޭގައި މަންމަ އާއި ބައްޕަ އާއި އެކުގައި އުޅެފައި، ގިނަ މީހުން ވަށައިލުމުން، އަހަރެން ހުރީ ނޭވާ ހާސްވާގޮތް ވެފައެވެ.
"ދަރިފުޅު ނުވެސް ބުނަމެއްނު މިގަޑީއޭ އަންނަނީ... މަންމަ ހީކުރީ ވިއްސާރަވީމަ މެންދުރުފަހުން ކަމަށް އަންނާނީ..." ޔާނިޝްގެ މަންމަ ޝަކުވާކުރިއެވެ. "ކުރުނބާވެސް ރެޑީނުވެ އަދި..."
އެންމެން އަހަރެން ވަށާލައިގެން އުޅެންފެށި ގޮތުން ހީވީ މާ ހާއްސަ މީހަކު އައިސް އުޅޭ ހެންނެވެ. ގޭތެރެއަށް ވަދެފައި ވަށައިގެން ނަޒަރު ހިންގައިލީމެވެ. އާދައިގެ ގޮތަކަށް ހަދާފައިވާ ގެއެކެވެ. ކުޑަ ސިޓިންގްރޫމަކާއި ބަދިގެއެއް ހުރިއިރު، އެބައިގައި ހަތަރު ކޮޓަރި ހުއްޓެވެ. ދެވަނަ ފަންގިފިލާއަށް އަރާ ސިޑި ހުރީ ގޭގެ އެއްފަރާތުގައެވެ.
"އާނާ ކޮބާ؟..." ޔާނިޝް ސުވާލުކުރިއެވެ.
އަހަރެންގެ ސަމާލުކަމަށް އެކަން އައެވެ. ޔާނިޝްގެ ކޮއްކޮ އަހަންނާއި ވާހަކަ ދައްކަން ހުރި ނަމަވެސް، އަހަރެންގެ ކަންފަތަށް ހަމައެކަނި އިވޭ އަޑަކީ އާނާ އާއި ބެހޭގޮތުން ޔާނިޝް އާއި އޭނާގެ މަންމަ ދައްކަމުންދިޔަ ވާހަކައެވެ.
"ރުޅި އައިސްގެން ކޮޓަރީގަ އެބައިން..." ޔާނިޝްގެ މަންމަގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ.
"ކީއްވެ ރުޅިއައީ؟..." ޔާނިޝް ހާސްވެފައި ސުވާލުކުރިއެވެ.
"އެހެން މަންމައެއް ބޭނުމެއް ނޫނޯ... މިއަދު އިރު އެރީއްސުރެ ހަމަ އެހެން ކިޔާ ދުވަހެއް... އެއްވެސް މީހަކަށް ގުޑާނުލާ..." ޔާނިޝްގެ މަންމަ ދެފަރާތަށް ބޯ ހޫރައިލިއެވެ.
"އެބަ އަންނަން ވާހަކަ ދައްކާލާފަ..." ޔާނިޝް ހިނގައިގަތީ ސިޑި އާއި ދިމާއަށެވެ.
"ތިއްތި ދައްތާ!..." ޔާނިޝްގެ ކޮއްކޮ ފިޒާގެ އަޑަށް އަހަރެން ކުޑަކޮށް ސިހުނެވެ. "އެގޮތް ކިހިނެތް ވާނެހޭ މި އަހަނީ؟..."
"ކޮންގޮތެއް؟..." ފިޒާ ދެއްކި ވާހަކަ ފަހުމް ނުވެގެން އަހަންނަށް އަހައިލެވުނެވެ.
"ކިހިނެތް އެހެން މީހުން ދައްކާ ވާހަކަ އެނގޭނީ... ތިއްތި ދައްތަ ތި އިންނަނީ ތިއްތި ނޫން މީހަކާ ދިމާއަށް ބަލަންވެސް ނޭނގިފަ..." ފިޒާ ހީގަތެވެ.
"އެއީ... އެއީ އޮގޮތަކަށް ނޫނޭ... އަސްލު ނުބަލަމޭ...." އަމިއްލަ ދިފާއުގައި އަހަންނަށް ބުނެވުނެވެ.
"ހޫމްމްމްމް... އެއީ މައްސަލައެއް ނޫނޭ... އޯކޭ ހަމަ ބަލާނެ ވަރަކަށް ބަލަންވީއޭ މިހާރު... އެއީ ތިއްތި ދައްތަގެ ފިރިމީހާއެއްނު..." ފިޒާ ދިމާކުރިއެވެ.
"ދަރިފުޅާ، ދެން ދައްތަ ކޮޅަށްތަ ތި ބަހައްޓަނީ؟..." ޔާނިޝްގެ މަންމަ ބުނި އަޑު އިވުނެވެ.
ފިޒާ އަހަރެން ގެންގޮސް ސޯފާގައި ބޭންދިއެވެ. ފުރަތަމަ ދުވަހުވެސް ފިޒާގެ އެކުވެރިކަމާއި ހިތްހެޔޮކަން އަހަންނަށް ފާހަގަވިއެވެ. ފިޒާއަކީ ޔާނިޝްގެ ކޮއްކޮ ހެން ހީވެސް ނުވާހައި އޭނަ ރަނގަޅެވެ. އަނގަގަދަކަމުން ނުދައްކަންވާ ކަހަލަ ވާހަކަ ވެސް ބައެއް ފަހަރު ދެއްކެއެވެ.
"ތިއްތިގެ ސީކްރެޓެއް ބުނަންތަ؟..." ފިޒާ ދެކޮޅު ހޯދައި ބަލައިލިއެވެ. "ތިއްތި ކައިރީ ނުބުނައްޗޭ ފިޒާއޭ ބުނީ..."
އަހަރެން އަވަސް އަވަހަށް ބޯ ޖަހައިލީމެވެ. ހިތް ތެޅިގަތީ ކީއްވެ ކަމެއް ނޭނގުނެވެ. އެ ވާހަކައެއް އެނގޭހިތުން ކެތްމަދުވިއެވެ.
"އަނައްކޮ އެއީ..." ފިޒާއަށް ބުނެވުނީ އެހިސާބަށެވެ.
ޔާނިޝްގެ ދައްތަ އެދިމާއަށް އަންނަ ތަން ފެނުމުން ފިޒާ ބުނަން އުޅުނު ވާހަކަ ހުއްޓައިލިއެވެ. އަވަހަށް އެހެން ވާހަކައެއް ފެށިއެވެ. ވީ ފޫއްސަކުން އަހަރެންގެ ތަބީއަތު ހަރާބުވިއެވެ.
"ރައުފައްތަ އެއަންނަނީ މިތަނަށް.... ވަރަށް ކޫސަނި ވާނެ..." ފިޒާގެ މޫނުން ފެނުނީ ފޫހިކަމެވެ.
ކޮޓަރި ދައްކާނަން އާދޭ..." ޔާނިޝްގެ ދައްތަ ރައުފާ އައިސް ބުނެލިއެވެ.
ފިޒާ އާއި ރައުފާ ތަފާތެވެ. ރައުފާ ހުންނަނީ މަޑުންނެވެ. ވާހަކަ ދައްކާއިރު މާ ގާތްގޮތެއް ނުހުރެއެވެ. ހީވަނީ އަހަންނަކީ ދުވަސްކޮޅަކަށް ގެއަށް އައިސް ހުރި މެހެމާނެއް ހެންނެވެ. އަހަރެންގެ ކޮޓަރި ހުރީ ދެވަނަ ފަންގިފިލާގައެވެ. އެބައި ތަނަވަހެވެ. ކޮޓަރިތައް ބޮޑެވެ. ސިޓިންގްރޫމެއް ހުރި ނަމަވެސް އެބައިގައި ބަދިގެއެއް ނެތެވެ. އަހަންނަށް ހަމަޖައްސާފައި ހުރީ ބެލްކަންޏަށް ނުކުމެވޭގޮތަށް ހުރި ކޮޓަރިއެކެވެ.
"ތައްޔާރުވެލައިގެން އެއްޗެއް ކާން އާދޭ..." ކޮޓަރިން ނުކުމެ، ދޮރު ލައްޕައިލަމުން ރައުފާ ބުނެލިއެވެ.
އަހަރެންގެ ޖަވާބަކަށް އޭނާ މަޑެއް ނުކުރެއެވެ. އަހަރެން އެހާ އަވަހަށް ކޮޓަރީގެ ދޮރު ހުޅުވައިލިއިރު، ރައުފާ ފެންނަންވެސް ނެތެވެ. ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އަހަރެން ނުކުތީ ބޭރަށެވެ. ޖެހިގެން ހުރީ، އާނާގެ ކޮޓަރިހެން ހީވެގެން އެދިމާއަށް ދިޔައީމެވެ. ދޮރު ހުރީ ކުޑަކޮށް ހުޅުވާފައެވެ. ކޮޓަރީގައި އޭސީ ޖައްސާފައި ހުރުމުން، ދޮރު ކައިރި ފުދޭ ވަރަކަށް ފިންޏެވެ. ކޮޓަރި ތެރެއިން އިވުނީ ޓީވީގެ އަޑެވެ. އެއީ އާނާގެ ކޮޓަރިކަން ޔަގީންވީ، ޓީވީއިން އަޅުވާފައި ހުރި ކާޓޫނުގެ އަޑު އިވުމުންނެވެ. ކުޑަކޮށް ގުދުވެލައި، ކޮޓަރީގެ އެތެރެ ފެނޭތޯ ހޯދައިލީމެވެ. ކުޑަކުޑަ އާނާ އެދުމަތީގައި އޮށޯވެލައިގެން އޮތެވެ. އާނާގެ ކައިރީގައި އެހެން ކުއްޖަކު އިށީނދެލައިގެން އިނެވެ. ޔާނިޝް ފެންނާކަށް ނެތެވެ.
"މިތާ ކީއްކުރަނީ؟....." ޔާނިޝްގެ އަޑު އައީ އަހަރެންގެ ފަހަތުންނެވެ.
(ނުނިމޭ)