29 Aug 2022, 15:27
ގޭތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އަންހެނަކު ފިރިހެނެއްގެ ކަރަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ރޭ ދަންވަރު ފިރިހެނަކު ވަނީ ކަރަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދާފައި ކަމަށް އެ ހޮސްޕިޓަލުން މިއަދު ވަނީ ބުނެފައެވެ.
އެމަޖެންސީގައި ފަރުވާ ހޯދުމަށްފަހު ވޯޑަށް ބަދަލުކުރި ފަހުން އާއިލާއިން އެދިގެން އެ ފިރިހެން މީހާ ގެއަށް ދޫކޮށްލާފައިވާ ކަމަށް ވެސް އޭޑީކޭއިން ވަނީ ބުނެފައެވެ.
އެނގިފައިވާ ގޮތުގައި އެ ފިރިހެން މީހާއަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ ގޭތެރޭގައި ހިނގި ޒުވާބެއްގައެވެ. ނަމަވެސް ހަމަލާ ދިނީ އޭނާއާ ކޮން ގުޅުމެއް އޮތް އަންހެނެއްކަން އަދި ވަނީ ކަށަވަރު ނުވެފައެވެ.
ފުލުހުން ބުނީ އެފަދަ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
ގޭތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ފިރިހެނަކު ޒަހަމްކޮށްލާފައިވާއިރު ދާދި ފަހުން މާލޭގެ ގެއެއްގެ ތެރޭގައި ވަނީ 22 އަހަރުގެ އަންހެނަކު މަރާލާއި، ހަށިގަނޑުގެ ބައެއް ގުނަވަންތައް ވަކިކޮށްފައެވެ.