29 Aug 2022, 13:28
މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކަށް ގާނޫނީ އިންޒާރު ދީފައި ނުވާތީ އޭނާގެ މުއްދަތު އިތުރު ނުކޮށް ކޯޓުން ދޫކޮށްލައިފިއެވެ.
އއ. ބޮޑުފުޅަދޫއަށް ނިސްބަތްވާ 31 އަހަރުގެ އެ މީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
ހައްޔަރުކުރި އިރު ދޭންޖެހޭ ގާނޫނީ އިންޒާރު ނުދޭ ކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ. އަދި އޭނާއަށް ގާނޫނީ އިންޒާރުދިންކަން އެނގެން ނެތުމުން ހައްޔަރު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތާ އެއްގޮތަށްކަމަށް ބެލެވެން ނެތް ކަމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ ވިދާޅުވެފައެވެ.
އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ދިނުމަށް ފުލުހުން އެދުނު ނަމަވެސް ގާޒީ ވަނީ ތުހުމަތުކުރެވޭ މީހާ ދޫކޮށްލުމަށް އަމުރުކުރައްވާފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން, ކޯޓު އަމުރަކާއެކު ނުވަތަ ކޯޓު އަމުރެއް ނެތި ނަމަވެސް މީހަކު ހައްޔަރު ކުރާއިރު އޭނާއަށް ގާނޫނީ އިންޒާރު ދޭން ޖެހޭނެއެވެ.
ގާނޫނީ އިންޒާރުގައި ހިމެނެންޖެހޭ ކަންކަން:
- ހައްޔަރު ކުރާ ކަމާއި ހައްޔަރު ކުރަނީ ކޮން ގާނޫނެއްގެ ބަޔާންކުރާ ކުށަކާ ގުޅިގެންކަން
- އޭނާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު ލިބިގެންވާކަން
- ސުވާލަށް ޖަވާބު ނުދިނުމަކީ އޭނާއަށް ލިބިގެންވާ ހައްގެއްކަން
- ދޭ ޖަވާބަކީ އޭނާއާ ދެކޮޅަށް ކޯޓުގައި ބޭނުންކުރެވިދާނެ އެއްޗެއްކަން
- ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު އޮތްކަން
މީގެ ކުރިން ބޮޑެތި މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކުރި ބައެއް މީހުންނަށް ވެސް ފުލުހުން ގާނޫނީ އިންޒާރު ދީފައި ނެތުމުން ކޯޓުން އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލާފައިވެއެވެ.