ވޮޝިންގޓަން (މާޗް 30): ޔޫރަޕްގައި ބިނާކުރި ފަދަ މިސައިލް އައްޑަނައިގެ ނިޒާމެއް މެދުއިރުމައްޗާއި އޭޝިޔާ ޕެސިފިކްގައި ވެސް ޤާއިމްކުރަން ގަސްދުކުރާކަން އެމެރިކާ ހާމަކޮށްފި އެވެ.

އެމެރިކާގެ ދިފާޢީ ވަޒީރުގެ ސްޓްރެޓީޖިކް ކަންތައްތަކާ ބެހޭ އެހީތެރިޔާ މެޑްލިން ކްރެއިޑްން ވިދާޅުވީ ޔޫރަޕްގައި ބިނާކުރި ފަދަ މިސައިލް އައްޑަނައިގެ ނިޒާމެއް މެދުއިރުމައްޗާއި އޭޝިޔާ ޕެސިފިކްގައި ޤާއިމްކުރުމާ ބެހޭ ގޮތުން ޖަޕާން، ދެކުނު ކޮރެޔާ އަދި އޮސްޓްރޭލިޔާ އާއެކު ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ކަމުގައެވެ. މިއީ ވެސް އީރާނާއި އުތުރުކޮރެޔާ އިން ކުރިމަތިވެދާނެ މިސައިލް ޙަމަލާތަކަކުން ދިފާޢުވުމަށް ބިނާކުރަން ގަސްދުކުރާ މިސައިލް އައްޑަނައިގެ ނިޒާމެއް ކަމަށް މެޑްލިން ވިދާޅުވި އެވެ.

އެމެރިކާ އިން ޔޫރަޕްގައި މިސައިލް އައްޑަނައިގެ ނިޒާމެއް ޤާއިމްކުރީ ވެސް އީރާނާއި އުތުރުކޮރެޔާ އިން ކުރިމަތިވެދާނެ މިސައިލް ޙަމަލާތަކަކުން ދިފާޢުވުމަށް ކަމަށް ބުނެފަ އެވެ. ނަމަވެސް ރަޝިޔާއިން ވަނީ ޔޫރަޕްގައި އެމެރިކާ ބިނާކުރި މިސައިލް އައްޑަނައިގެ ނިޒާމުގެ ޙަޤީޤީ އަމާޒަކީ ރަޝިޔާ ކަމަށް ތުހުމަތުކޮށް އެކަމުގެ ރައްދުގައި ރަޝިޔާގެ ކެލިންގްރާޑްގައި ނިއުކްލިޔާ މިސައިލް ރުކުރުވާލުމުގެ ޕްލޭނެއް އިޢްލާންކޮށްފަ އެވެ.

މީގެއިތުރުން ރަޝިޔާ ވަނީ އެމެރިކާގެ މިސައިލް އައްޑަނައިގެ ނިޒާމް ފުނޑުފުނޑުކޮށްލަންޖެހިއްޖެ ނަމަ އެކަންކުރަން ފަސްނުޖެހޭނެ ކަމުގެ އިންޒާރުދީ ރަޝިޔާގެ ސްޓްރެޓީޖިކް ހަތިޔާރުތައް ޒަމާނީ ކުރުމުގެ ޕްރޮގްރާމެއް ފަށައިފަ އެވެ. ޔޫރަޕްގައި އެމެރިކާ ބިނާކޮށްފައިވާ މިސައިލް އައްޑަނައިގެ ބެޓްރީތަކާއި ރާޑަރު ސްޓޭޝަންތައް ބޭސްކޮށްފައި ވަނީ ތުރުކީ، ޕޮލެންޑް އަދި ރުމޭނިޔާގަ އެވެ.

ޔޫރަޕްގައި ބިނާކުރި ފަދަ މިސައިލް އައްޑަނައިގެ ނިޒާމެއް މެދުއިރުމައްޗާއި އޭޝިޔާ ޕެސިފިކްގައި ބިނާކުރުމުގެ ޙަޤީޤީ އަމާޒަކީ ޗައިނާ ކަމަށް ވެދާނެ ކަމަށް ދިފާޢީ ތަޙްލީލީ ރިޕޯޓްތައް ބުނެ އެވެ. މި މިސައިލް އައްޑަނައިގާ ހިމެނޭ މެދުއިރުމަތީގެ ބައި ބިނާވެގެންދާނީ ގަލްފުގެ ޢަރަބި ޤައުމުތަކާއި އެމެރިކާއާ ދެމެދު ޤާއިމްކުރާ މަޢްލޫމާތު ބަދަލުކުރުމުގެ މެކޭނިޒަމެއްގެ މައްޗަށް ކަމަށް އެމެރިކާގެ މަސްއޫލުވެރިޔާ މެޑްލިން ކްރެއިޑްން ވިދާޅުވި އެވެ.

ޗައިނާ ޢަސްކަރީ ގޮތުން ބާރުގަދަކުރަމުންދާތީ އޭޝިޔާ ޕެސިފިކްގައި އެމެރިކާ މިހާރު އަދާކުރަމުން ގެންދާ ބާރާއި ނުފޫޒާއި ރޯލް ކުރިޔަށްއޮތް ހައެއްކަ އަހަރުތެރޭގައި ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމުގެ އިޙްސާސްއެމެރިކާ ކުރަމުން ގެންދާކަން އެޤައުމުގެ މަސްއޫލުވެރިންގެ ބަޔާންތަކުން ހާމަވެ އެވެ. އަދި އެމެރިކާ އަށް ކުރިމަތިވެފައިވާ އިޤްތިސާދީ ހީނަރުކަމާގުޅިގެން ޢަސްކަރީ ޚަރަދުތައް ކުޑަކުރަން އެމެރިކާއަށް ޖެހިފައިވުމަކީ ވެސް އޭޝިޔާ ޕެސިފިކްގައި އެމެރިކާގެ ޢަސްކަރީ ބާރު ކުޑަވެގެންދާނެ ސަބަބެއް ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.

އޭޝިޔާ ޕެސިފިކްގައި މިސައިލް އައްޑަނައިގެ ނިޒާމެއް ޤާއިމްކުރުމުގައި އެމެރިކާގެ ސްޓްރެޓީޖިކް އެއް ބޭނުމަކީ މިއީކަމަށް ވެދާނެ ކަމަށް މިފަރާތްތަކުން ދެކެ އެވެ. (ނޫސްއެޖެންސީތައް)