ޑޮކްޓަރުކަމުގެ ކޯހާއި ޓީޗިން ކޯސްތައް ހިމެނޭހެން އަށް ކޯހެއް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ކަނޑައަޅައިފިއެވެ.

އެމްކިއުއޭއިން މަތީ ތައުލީމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގައިޑްލައިން މިދިޔަ ބުދަ ދުވަހު ގެޒެޓު ކުރިއިރު، އެ ގައިންޑްލައިންގައި ވަނީ އޮންލައިންކޮށް ކިޔަވައިދިނުމަށް ޝަރުތު ހަމަވާ ކޯސްތަކާއި އެ ގޮތަށް ކިޔަވައިނުދެވޭނެ ކޯސްތައް ކަނޑައަޅާފައެވެ.

އެގޮތުން އޮންލައިންކޮށް ނުގެންދެވޭނެ ކޯސްތަކުގެ ތެރޭގައި ޑޮކްޓަރުކަމުގެ ކޯހާއި ޑެންޓިސްޓްރީ ކޯހާއި މަސައްކަތްކުރުމަށް ހާއްސަ ލައިސެންސެއް ބޭނުންވާ ހެލްތު ސައިންސަސްއާ ގުޅޭ ކޯހާއި ނާސިން ކޯހާއި ގުރުއާން އަދި ގުރުއާނާ ގުޅުން ހުރި ދާއިރާތަކުގެ ކޯސް ހިމެނެއެވެ.

ހަމައެއާއެކު، ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމުގެ ކޯސްތަކާއި އިންޖިނިއަރިންގެ ކޯސްތަކާއި އާކިޓެކްޗާގެ ކޯސްތަކުގެ އިތުރުން ޓީޗިން ކޯސްތައް ވެސް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކޯސްތަކުގެ ތެރޭގައި ވަނީ ކަނޑައަޅާފައެވެ.

އެކަމާ ގުޅިގެން އެމްކިއުއޭގެ ސީއީއޯ ޑރ. އަބްދުލް ހަންނާނު ވަހީދު މިއަދު "ސަން"އަށް ވިދާޅުވީ އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކޯސްތައް ކަނޑައަޅާފައި ވަނީ ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކޯސްތަކަކީ އޮންލައިންކޮށް އެ ކޯސްތައް ގެންގޮސްގެން އޭގެ ފެންވަރު ދަށްވާނެ ކަމަށް ފެންނަ ކޯސްތައް ކަމަށެވެ.

"ބައެއް ކަހަލަ ކޯސްތަކަކީ އޮންލައިންކޮށް ގެންދަން ފަސޭހަ ކޯސްތަކެއް ނޫން. އަނެއްކާ އޮންލައިންކޮށް ކުރިއަށް ގެންދިއުމުން އުނދަގޫތައް ވެސް ކުރިމަތިވާނެ ކޯސްތައް. މިސާލަކަށް ޕްރެކްޓިކަލް ހިމެނޭ ކޯސްތައް ނުގެންދެވޭނެ ދެއްތޯ އޮންލައިން ކޮށެއް. އެއީ އަސްލު ބައިނަލްއަގުވާމީ ދުނިޔޭގައި ވެސް ކަން ކުރާ ގޮތް،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ގިނަ ބަޔަކު އޮންލައިންކޮށް ހަދަަމުން އަންނަ ޓީޗިން ކޯސް އޮންލައިންކޮށް ނުގެންދެވޭނެ ގޮތަށް ނިންމީ ތައުލީމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުގެ މަޝްވަރާގެ މަތިން ކަމަށް ޑރ. ހަންނާނު ވިދާޅުވިއެވެ.

ހަމައެއާއެކު، ގުރުއާން ކޯސްތައް އޮންލައިންކޮށް ނުގެންދެވޭނެ ކަމަށް ނިންމީ ގުރުއާނާ ބެހޭ މަރުކަޒާއި ގާރީންނާ ބައްދަލުކޮށް، މަޝްވަރާ ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެފަދަ ކައުންސިލަކުން ނުވަތަ ބޯޑަކުން، އެކަމާ ގުޅޭ ކޯހެއް އޮންލައިންކޮށް ކުރިއަށްގެންދެވޭނެ ކަމަށް ކަނޑައަޅައިފިނަމަ އެ އުސޫލުން ކިޔަވައިދެވޭނެ ކަމަށް ޑރ. ހަންނާނު ވިދާޅުވިއެވެ.

ޑރ. ހަންނާނު ވިދާޅުވީ އެމްކިއުއޭއަކީ މަތީ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް އެކަމާ ގުޅުން ހުރި ކަންކަން ހަރުދަނާ ކުރަން އުފައްދާފައިވާ އިދާރާއެއް ކަމުން މަތީ ތައުލީމުގެ ކޯސްތައް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

އެމްކިއުއޭއިން އާއްމު ކުރި ގައިޑްލައިން ގެޒެޓް ކުރި ދުވަހުން ފެށިގެން އެއަށް އަމަލުކުރަން ފެށުމުން މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތަކުން އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭ ކަންކަން ހަމަޖައްސަން ޖެހޭނީ އާ ގައިޑްލައިނާ އެއްގޮތަށް ކަމަށް އެ ގައިޑްލައިންގައިވެއެވެ.

ނަމަވެސް އޮންލައިންކޮށް ގެންދަން މީގެ ކުރިން ހުއްދަ ދީފައިވާ ޕްރޮގްރާމްތަކަށް ވެސް ބަދަލުތައް ގެނެސް، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި އެ ގައިޑްލައިނަށް ފައްތަން ޖެހޭނެ ކަމަށް ވެސް އެ ގައިޑްލައިންގައިވެއެވެ.

އެއާ ހިލާފަށް ކުރިއަށްގެންދާނަމަ ފުރަތަމަ ފަހަރު ލިޔުމުން ނޯޓިސް ދިނުމަށްފަހު އެކަން ތަކުރާރުވާނަމަ 10،000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް އެ ގައިޑްލައިންގައިވެއެވެ.

އެމްކިއުއޭގެ އެ ގައިޑްލައިނާ ހިލާފަށް ކިޔަވައިދޭކަން ތިން ވަނަ ފަހަރު އެނގިއްޖެ ނަމަ އެ ކޯހަކަށް ދީފައިވާ ހުއްދަ ބާތިލްކުރާނެ ކަމަށް ވެސް މިހާރު އެމްކިއުއޭއިން އާއްމުކޮށްފައިވާ ގައިޑްލައިންގައިވެއެވެ.