ކާބުލް (29 އޮގަސްޓް 2022): އެމެރިކާގެ އަސްކަރީ ޑްރޯންތައް އަފްޣާނިސްތާނުގެ ވައިގެ ސަރަހައްދަށް ފޮނުވައިގެން އަފްޣާނިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް އެމެރިކާ އަރައިގަނެ އުދުވާނީ އަމަލުތައް ހިންގަނީ ޕާކިސްތާނުގެ އެހީތެރިކަމާއެކުގައި ކަމަށް އަފްޣާނިސްތާނުން ތުހުމަތުކޮށްފިއެވެ.

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ދިފާއީ ވަޒީރު މުޙައްމަދު ޔައުގޫބު ވިދާޅުވީ އެމެރިކާގެ އަސްކަރީ ޑްރޯންތައް އަފްޣާން ވައިގެ ސަރަހައްދަށް ތަކުރާރުކޮށް ވަންނަމުންދާ ކަމަށާއި އެެމެރިކާގެ ޑްރޯންތައް ވަންނަނީ ޕާކިސްތާނުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ކަމަށެވެ. ޕާކިސްތާނުގެ އެހީތެރިކަމާއި މަދަދު އެމެރިކާއަށް ނުލިބޭނަމަ އެމެރިކާގެ އަސްކަރީ ޑްރޯންތަކަށް އަފްޣާނިސްތާނުގެ ވައިގެ ސަރަހައްދަށް ގަވައިދާ ޚިލާފަށް ވަދެ އުދުވާނީ އަމަލުތައް ނުހިންގޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މުޙައްމަދު ޔައުގޫބު ވިދާޅުވި ގޮތުގައި އެމެރިކާ އަފްޣާނިސްތާނާ ދެކޮޅަށް ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކާއި އުދުވާނީ ކަންކަމަށް ވާގިވެރި ނުވުމަށް އެދި ރަސްމީ ސިފައެއްގައި ޕާކިސްތާން ސަރުކާރަށް ވާނީ ޑިޕްލޮމެޓިކް އުސޫލުން ލިޔުމުން އަންގާފައެވެ. ޔައުގޫބު ވިދާޅުވިގޮތުގައި އެމެރިކާ އަފްޣާނިސްތާނާ ދެކޮޅަށް ހިންގާ އުދުވާނީ ހަރަކާތްތަކަކީ އެމެރިކާއާއެކު ތާލިބާން ޖަމާއަތުން ގަތަރުގައި ސޮއިކުރި ސުލްހައިގެ އެއްބަސްވުމާވެސް މުޅިން ޚިލާފު ކަމެކެވެ.

ގަތަރުގައި އެމެރިކާއާއެކު ސޮއިކުރި ސުލްހައިގެ އެއްބަސްވުމާ ޚިލާފަށް އެތައް ކަމެއް އެމެރިކާ ކުރަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާއަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި 2002 ވަނަ އަހަރާއި 2012 ވަނަ އަހަރާ ދެމެދު ޕާކިސްތާނުގެ ވަޒީރުސްތާން ސަރަހައްދަށް ޑްރޯން ހަމަލާތައްދީ ޕާކިސްތާނުގެ އާންމުންގެ އެތައް ހާސްބަޔަކު މަރާފައިވާ ގައުމެކެވެ.

މިޖަރީމާތައް ތަކުރާރުކޮށް އެމެރިކާ ހިންގާފައިވާތީ މިޖަރީމާތަކުގެ ފަހަތުގައިވާ އެމެރިކާގެ ކުރީގެ ދެ ރައީސުން ކަމަށްވާ ޖޯޖް ޑަބްލިޔު ބުޝް އާއި ބަރަކް އޮބާމާގެ މައްޗަށްވަނީ ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވިފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމްއިއްޔާތަކުންނާއި ބައިނަލްއަގްވާމީ މުސްތަގިއްލު ބައެއް ގާނޫނީ ވަކީލުން ވަނީ ބުޝްއާއި އޮބާމާ އަކީ ހަނގުރާމައިގެ ދެ މުޖުރިމުންގެ ގޮތުގައި ސިފަކޮށް އެދެބޭފުޅުން ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް އެދުވަސްވަރު ގޮވާލާފައެވެ. އެދެބޭފުޅުންގެ މައްސަލަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށްވެސް ބައިނަލްއަގްވާމީ މުސްތަގިއްލު ވަކީލުން ވަރަށް މަސައްކަތް ކުރިއެވެ.

ވަޒީރުސްތާނަށް ޑްރޯން ހަމަލާތައްދީ ޕާކިސްތާނުގެ އާންމުން މެރުމުގެ ޖަރީމާތައް އެމެރިކާ ހުއްޓާލާފައިވަނީ އޮބާމާގެ ވެރިކަމުގެ އެންމެ ފަހު ދުވަސް ކޮޅުގައެވެ. އެއީ އެމެރިކާގެ ހަމަލާތަކުގައި ޕާކިސްތާނުގެ ގަބީލާތަކުގެ ނިކަމެތި އާންމުން މަރުވާލެއް ގިނަކަމުން ޕާކިސްތާނުގެ އެތެރެއިންވެސް ޕާކިސްތާން ސަރުކާރަށް ކުރިމަތިވި ފިއްތުންތަކާ ގުޅިގެންނާއި ޕާކިސްތާން އުންމީދުކުރި މާލީ އެހީތައްވެސް އެމެރިކާގެ ފަރާތުން ނުލިބުމުން ޕާކިސްތާނުގެ އެއްބާރުލުން އެންމެފަހުން އެމެރިކާއަށް ނުލިބިގެންނެވެ.

ޕާކިސްތާނުން ބުނެފައިވާ ގޮތުގައި 2002 ވަނަ އަހަރާއި 2012 ވަނަ އަހަރާ ދެމެދު އެމެރިކާ ޕާކިސްތާނުގެ ވަޒީރުސްތާނުގެ ކަންކޮޅުތަކަށް ދިން ޑްރޯން ހަމަލާތަކުގައި ޕާކިސްތާނު އާންމުންގެ 80 ހާހަށްވުރެ ގިނަ މީހުން މަރުވެ އެތައް ލައްކަ ބަޔަކު ޒަޚަމްވިއެވެ. އަދި އެނިކަމެތި އާއިލާތައް ދިރިއުޅޭ އެތައް ހާސް ޖިފުޓިތަކެއްވެސް ވަނީ އެމެރިކާގެ ހަމަލާތަކުގައި އަނދައިގެން ދިޔައެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ނަވާޒް ޝަރީފު އެ ދުވަސްވަރު ވިދާޅުވެފައިވާ ގޮތުން ޓެރަރިޒަމާ ދެކޮޅު ނަމުގައި އެމެރިކާ ހިންގި ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް ޓަކައި ޕާކިސްތާނުން އެމުއްދަތުގައި 30 ވަރަކަށް ބިލިޔަން ޑޮލަރު ޚަރަދުކުރިއެވެ. ނަމަވެސް އެމުއްދަތުގައި އަސްކަރީ އަދި މަދަނީ އެހީގެ ގޮތުގައި އެމެރިކާގެ ފަރާތުން ޕާކިސްތާނަށް ލިބިފައިވަނީ އެންމެ ފަސް ބިލިޔަން ޑޮލަރުކަމަށް ނަވާޒް ޝަރީފު ވިދާޅުވެފައިވެއެވެ.

ތާލިބާނުންގެ މައްޗަށް އަސްކަރީ ގޮތުން ކާމިޔާބު ހޯދުމަށް 20 އަހަރު އެމެރިކާ މަސައްކަތްކޮށްގެންވެސް އެކަން ކާމިޔާބު ނުވުމުން އެންމެ ފަހުން އެމެރިކާ ވަނީ ތާލިބާނުންނާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށް 2021 ވަނަ އަހަރު އަފްޣާނިސްތާނުން ވަރަށް ނިކަމެތި ގޮތަކަށް ފައިބާފައެވެ.

އަފްޣާނިސްތާނުން ފޭބުމަށްފަހު ތާލިބާނުންނަށާއި އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް ޖާސޫސު ކުރުމަށްޓަކައި އިމްރާން ޚާންގެ ވެރިކަމުގައި ޕާކިސްތާނުގެ ބިމާއި ވައިގެ ފަސޭހަތައް ހޯދަން އެމެރިކާ މަސައްކަތް ކުރިއެވެ. ނަމަވެސް އިމްރާންޚާން ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

ޕާކިސްތާނުގެ އެއްވެސް ސަރަހައްދެއް އަސްކަރީ ބޭނުމަށް އެމެރިކާއަށް ނުދޭނެކަމަށް ވިދާޅުވެ އިމްރާން ޚާންގެ ބޮޑުވަޒީރުކަމުގައި އެމެރިިކާއަށް ފާޅުގައި ފާޑު ވިދާޅުވުމުން އެމެރިކާގެ ނުރުހުން އިމްރާން ޚާންއަށް އަމާޒުވެގެން ދިޔައެވެ. އިމްރާން ޚާން ތުހުމަތު ކުރައްވާފައިވާ ގޮތުގައި ޕާކިސްތާނުގެ ޕާލަމެންޓްގެ ތެރެއިން އޭރުގެ އިދިކޮޅު ފަރާތްތަކުން މިއަހަރުގެ ކުރީކޮޅު އިމްރާންޚާންގެ ވެރިކަން ވައްޓާލުމުގެ ފަހަތުގައި ވަނީވެސް އެމެރިކާއެވެ. ނަމަވެސް އެމެރިކާ މިކަން ދޮގު ކުރެއެވެ.

މިދިޔަ ޖުލައި މަހުގެ އެމެރިކާ ވަނީ އަފްޣާނިސްތާނުގެ ހުއްދައަކާ ނުލައި އެގައުމަށް އަސްކަރީ ޑްރޯންތައް ފޮނުވައިގެން އަލް ޤައިދާގެ ލީޑަރު ޑރ. އައިމަން އަލްޒަވާހިރީ މަރާލިކަމަށް ބުނެފައެވެ. ޑރ. ޒަވާހިރީއަށް ހަމަލާދިންކަމަށް ބުނާ ޑްރޯންވެސް އަފްޣާން ވައިގެ ސަރަހައްދަށް ވަދެފައިވަނީ ޕާކިސްތާނުގެ މަގުންކަމަށް ތާލިބާނުން ބުނެފައިވެއެވެ.

ނަމަވެސް ޒަވާހިރީ މަރާލުމަށް އެމެރިކާ އަފްޣާނިސްތާނަށް ފޮނުވި ޑްރޯންއާބެހޭ އެއްވެސް މައުލޫމާތެއް އެނގިފައި ނުވާކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ. ތާލިބާން ސަރުކާރު ބުނާގޮތުން ދައުލަތުގެ ފެންވަރުގައި އެމެރިކާގެ އަސްކަރިއްޔާއިން ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކަށް ޕާކިސްތާން ގެންދަނީ އެހީތެރިވަމުންނެވެ. ތާލިބާނުންގެ މިވާހަކަތަކާ ގުޅިގެން އަފްޣާނިސްތާނާއި ޕާކިސްތާނުގެ ގުޅުންތައްވަނީ ގޯސްވެފައެވެ.