30 Mar 2012, 13:07
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހޯމް މިިިނިސްޓަރުކަމާއި ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ މުހައްމަދު ޝިހާބާއި ހޯމް މިނިސްޓަރުކަން ކުރެއްވި ހަސަން އަފީފުގެ އިތުރުން ޔޫތު މިނިސްޓަރުކަން ކުރެއްވި ހަސަން ލަތީފު މަގުމަތިން ވަޑައިގެންނަވަނިކޮށް ރޭ ބަޔަކު އެބޭފުޅުންނާ ދިމާކޮށް، ހަމަލާދީފި ކަމަށް ބުނެފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ އެމްޑީޕީ އިން ކާނިވަލްގައި ރޭ ބޭއްވި އެ ޕާޓީގެ އެއްވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ރޭ ދަންވަރު އެ ތިން ބޭފުޅުން ވެސް ގެއަށް ވަޑައިގެންނަވަނިކޮށް، ހެންވާރުގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބާއި އޭނާގެ އަނބިކަނބަލުން މަގުމަތިން ވަޑައިގެންނަވަނިކޮށް، ބަޔަކު މީހުން އެދެބޭފުޅުންނާ ދިމާކޮށް، ޝިހާބްގެ އަނގަމަތީގައި ޖައި އަނގަމަތި ފަޅާލި މައްސަލައެއް ފުލުހުން ތަހުގީގް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަތީފު ވިދާޅުވީ ކާނިވަލުގައި ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު، އޭނާގެ އަނބިކަނބަލުންނާ އެކީ ހިންގަވާފައި ވަޑައިގެންނަވަނިކޮށް ބަޔަކު މީހުން އެދެބޭފުޅުންނާ ދިމާކޮށް، ވަރަށް ބާރަށް ބުރަކަށީގައި ޖެހި ކަމަށެވެ. އެމީހުން ޖެހީ އަތުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ހަމަލާދިނީ އަންހެނުންނާ އެކު ހިނގާފައި މަގުމަތިން ދަނިކޮށް، އަޅުގަނޑުމެން ތިން މީހުންނަށް ވެސް ބަޔަކު ވަނީ ހަމަލާދީފައި. އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ އަފީފަށް ވެސް ހަމަލާއެއް ދިން ކަމަށް. ނަމަވެސް ލިބިފައި ވަނީ ކިހާވަރެއްގެ ހަމަލާއެއް ކަމެއް، އަޅުގަނޑުމެން ދިޔައީ ވަކިވަކިން،" ލަތީފު ވިދާޅުވި އެވެ.
ނަމަވެސް މިހާދިސާއާ ގުޅިގެން އަދި ޝިހާބާއި އަފީފުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރައީސް ނަޝީދުގެ ސަރުކާރުގެ ކުރީގެ ތިން މިނިސްޓަރަކަށް ބަޔަކު ހަމަލާދިން ހާދިސާ ހިނގާފައި މިވަނީ ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ސަލީމް ]މާޒު ސަލީމް[ގެ ގެއަށް ރޭ ބަޔަކު ވަދެ އޭނާ އަށް ހަމަލާދީ ގޭގެ ބައެއް ތަކެއްޗަށް ގެއްލުންދިންތާ ދޮޅުގަޑިއެއްހާ އިރު ފަހުންނެވެ.