ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ދައުރުގެ ދެން ބާކީ އޮތް އެއް އަހަރުގެ ތެރޭގައި އޮންނާނީ ތަންތަން ހުޅުވުން ކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މ. ވޭވަށު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު އަސްލަމް ވިދާޅުވީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި މާލޭގައި މަޑުކުރައްވައިގެން ހުންނަވާނެ ފުރުސަތު ރައީސަށް ލިބިވަޑައިނުގަންނަވާނެ ކަމަށާއި ކޮންމެ ވެސް ތަނެއް ހުޅުވުމަށް އަބަދު ވެސް އުޅުއްވަން ޖެހޭނީ ރާއްޖޭގެ ރަށްރަށުގައި ކަމަށެވެ.

"ރައީސް، މި އޮތް އަހަރު ދުވަސް ތެރޭގައި ރައީސަށް މާލޭގައި ހުންނަވާނެ ވަގުތުކޮޅެއް ލިބިވަޑައެއް ނުގަންނަވާނެ. ތަންތަން ހުޅުވުން އޮންނާނީ. ބަނދަރެއް ކަމަށް ވިޔަސް، ފެނާއި ނަރުދަމާއެއް ކަމަށް ވިޔަސް، ބޯޅަ ދަނޑެއް ނަމަވެސް ސުކޫލެއްގެ މަސްޓިޕާޕަސް ހޯލެއް ނަމަވެސް ހެލްތް ސެންޓަރެއް ނަމވެސް ހޮސްޕިޓަލެއް ކަމަށް ވިޔަސް، މަގެއް ކަމަށް ވިޔަސް، މި ހުރިހާ ކަމެއް ކުރައްވަން އަބަދު ވެސް އުޅުއްވަން ޖެހޭނީ މި އަހަރު ތެރޭގައި އަޅުގަނޑުމެންގެ ރަށްތަކުގައި،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ފަތުއަޑު ކިޔާފައި ކުރިއަރައިގެން މި އަންނަ ތަރައްގީ، އެ ނޫން ގޮތަކަށް ބަދަލު ކުރުމާއި އެގޮތުގައި ހިފެހެއްޓުމުގެ ބާރު މިއަދު އޮތީ ރައްޔިތުންގެ އަތުގައި ކަމަށެވެ. އަދި ވިދާޅުވީ ބާރު ސްޕީޑުގައި ކުރިއަށް ގެންދާނީތޯ، ނުވަތަ މާލެއަށް އެންމެން ޖަމާ ވާނީތޯ އެއީ ވެސް ރައްޔިތުން ނިންމަންޖެހޭ ކަމެއް ކަމަށެވެ.

ކުރީ ސަރުކާރަށް ފާޑު ވިދާޅުވަމުން އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ވިސްނުންފުޅު ގެންގުޅުއްވީ ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް މީހުން މާލޭ ސަރަހައްދަށް އެއްކުރުން ކަމަށާއި އެގޮތަށް ހަދައިފި ނަމަ އަތޮޅު ތެރޭގައި ދިރިއުޅޭނެ މީހަކު ވެސް ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ އެންމެން މި ސަރަހައްދަށް ބަދަލުވުމުން އެ ރަށްރަށުގައި ކުރާނެ ކަމެއް ވެސް ނޯންނާނެ ކަމަށެވެ.

"އެއީ ސިޔާސަތަކީ. އެ ސިޔާސަތުގެ ސަބަބުން މީގެން އެއްވެސް ރަށަކަށް އަޅާނުލެވި އެ ވަނީ. އަޅުގަނޑުމެން އެމްޑީޕީގައި އެބައޮތް ތަސައްވުރެއް. އެއީ ލާމަރުކަޒީ އުސޫލުން ހުރިހާ ރަށެއްގައި އެ ގާއިމު ކުރަންޖެހޭ އަސާސީ ޚިދުމަތްތައް ގާއިމު ކޮށްގެން މި ރާއްޖެ ލާމެހިފައިވާ ރާއްޖެއަކަށް ހަދައިގެން ހިންގުން. މުޅި ސަރަހައްދަކަށް މީހުން ޖަމާ ކުރުމެއް ނޫން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެ ދުވަސް އެބަ އަންނަ ކަމަށާއި އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކަން ވިސްނައިދޭން ބޭނުންފުޅުވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަކީ ވެސް ރަށަކަށް ނިސްބަތްވާ ބޭފުޅެއް ކަމަށާއި އެކަމަކު މިއަށްވުރެ، ވަކީން ބާރަށް ކަންކަން ހިނގަމުން އައި ޒަމާނެއް މުޅި ހަޔާތުގައި ވެސް ނުދެކެން ކަމަށެވެ.