29 Aug 2022, 00:55
އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނަށް އަލަށް ޕްރޮމޯޓުވި ނޮޓިންހަމް ފޮރެސްޓް އަތުން ޓޮޓެންހަމް މޮޅުވެއްޖެއެވެ.
ނޮޓިންހަމް ފޮރެސްޓް އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗުގައި ދެ ޓީމުށް ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.
އެގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި ޓޮޓެންހަމްއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ޑެޖާން ކުލުސެވްސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހެރީ ކޭން ހިފައިގެން އޭނާ ޖެހި ގޯލެކެވެ.
މެޗުގެ 81 ވަނަ މިނެޓުގައި ޓޮޓެންހަމްއިން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. ރިޗާލިސަން ނަގައިދިން ހުރަހަކުން ބޮލުން އެ ގޯލު ޖެހީ ފުރަތަމަ ގޯލުޖެހި ކޭން އެވެ.
މީގެއިތުރުން ކޭންއަށް ވަނީ މެޗުގައި ހެޓްރިކް ހެދުމުގެ ފުރުސަތު ލިބި ބޭކާރުވެފައެވެ. ކޭން މެޗުގެ 53 ވަނަ މިނެޓުގައި ޖެހި ޕެނަލްޓީ ނޮޓިންހަމް ފޮރެސްޓްގެ ކީޕަރު ޑީން ހެންޑަސަން ވަނީ މަތަކޮށްފައެވެ.
އެ ނަތީޖާއާއެކު ޓޮޓެންހަމް ވަނީ އެ ޓީމު ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. އަދި މެޗުން ބަލިވި ނޮޓިންހަމް ފޮރެސްޓް ތާވަލުގެ 14 ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ.