29 Aug 2022, 09:15
މެންޗެސްޓާ ޔުނައިޓެޑަށް ދެން އިތުރު ފޯވާޑެއް ގެންނަން ބޭނުންނުވާކަމަށާއި، ބޭނުންވަނީ އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމުގައި މަޑުކުރަން ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހެގް ބުނެފިއެވެ.
ޓެން ހެގް ބުނީ ޔުނައިޓެޑުގެ ޕްލޭންގައި ރޮނާލްޑޯ ހިމެނޭކަމަށާއި، އޭނާ ޓީމުގައި މަޑުކުރުމުން ޓީމަށް ފައިދާ ވާނެކަމަށެވެ.
މިހާރު ޓީމުގައި ތިބި ފޯވާޑުންކަމަށްވާ އެންތޮނީ މާޝިއާލްއާއި ރޮނާލްޑޯގެ އިތުރުން މާކޮސް ރަޝްފޯޑަކީ މިހާރު ވެސް ޓީމަށް ބޭނުންތެރި މުހިންމު ކުޅުންތެރިންތަކެއް ކަމަށް ޓެން ހެގް ބުންޏެވެ.
އެހެންކަމުން މި ޓްރާންސްފާ މާކެޓުގައި އިތުރު ފޯވާޑެއް ގެނައުމަށް ނުވިސްނާކަމަށް ޓެންހަގް ބުންޏެވެ.
ރޮނާލްޑޯ ޓީމުގައި މަޑުކުރަން ބޭނުންވާކަމަށް ޓެން ހެގް ބުނާއިރު އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުގައި އޭނާ މެޗު ފަށަން ޖެހުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ ފަހު ވަގުތު ކޮޅުގައެވެ.
ރޮނާލްޑޯގެ ބަދަލުގައި ޓެން ހެގް ބެނުންކުރާ ރަޝްފޯޑްގެ ކުޅުން ރަނގަޅުކަމަށް ޓެން ހެގް ވަނީ ބުނެފައެވެ. އޭނާ ބުނީ އެންމެ ފަހުން ސައުތުއެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ރަޝްފޯޑުގެ މޮޅު ކުޅުން ފެނުނު ކަމަށެވެ.
"އޭނާގެ ބޭނުން ޓީމުން ވަނީ ހިފައިފައި. ޚާއްސަކޮށް ދެވަނަ ހާފު ފަށައިގެން ފުރަތަމަ 15 މިނެޓު،" ޓެން ހެގް ބުންޏެވެ.
ޓެން ހެގް ބުނީ ރަޝްފޯޑްއަކީ އެޓޭކުތައް ރާވައި ގޯލުޖެހުމަށް މަސައްކަތްކުރާ ކުޅުުންތެރިއެއްކަމަށެވެ.