28 Aug 2022, 21:09
މުޅި ރާއްޖެ ދަތުރުފަތުރުުން ގުޅާލުމަށް ސަރުކާރުން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް(އާރުޓީއެލް)ގެ ޚިދުމަތް ށ. އަތޮޅުގައި ފެށުމަށް ބޭނުންވާ ފެރީތައް މިއަދު އެ އަތޮޅަށް ފޮނުވައިފިއެވެ.
އާރުޓީއެލްގެ ޚިދުމަތްދޭ ކުންފުނި، އެމްޓީސީސީން ބުނީ އެ އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ދޭން ފެށުމަށް މިއަދު ހަތަރު ފެރީ ފޮނުވާފައިވާކަމަށެވެ. އަދި ށ. އަތޮޅުގައި ރަސްމީކޮށް ފެރީގެ ދަތުރުތައް ފަށާނީ އަންނަ އަަންގާރަ ދުވަހު ކަމަށާއި އެ އަތޮޅުގައި ފެރީ ދަތުރުތައް ކުރަން ނިންމާފައި ވަނީ ހަތް ރޫޓަކުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އާރުޓީއެލް ފެރީގެ ނިޒާމު ށ. އަތޮޅުގައި ފެށުމަށް ފޮނުވި ފެރީއެއް --- ސަން ފޮޓޯ/ ނާއިލް ހުސައިން
އާރުޓީއެލް ފެރީގެ ޚިދުމަތް މިހާރު ފަށާފައި ވަނީ ހއ. އަތޮޅާއި ހދ. އަތޮޅުގައެވެ. ށ. އަތޮޅަކީ މި ޚިދުމަތް ދޭންފަށާ ތިންވަނަ އަތޮޅެވެ.
ދަތުރުތައް ފެށުމަށް ފަހު ހަފްތާއެއް ވަންދެން ޓްރަޔަލް ދަތުރުތަކެއް ކުރާނެއެވެ. މި ދަތުރުތަކަކީ މުޅިން ހިލޭ ކުރާ ދަތުރުތަކެކެވެ. އަދި ޓްރަޔަލް ދަތުރުތަކަށް ރިޒަވޭޝަން ހައްދާނީ ރަށު ކައުންސިލްތަކުންނެވެ.
އާރުޓީއެލް ފެރީގެ ޚިދުމަތް ފެށީ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ރައީސް ވެވަޑައިގެންނެވި ވައުދާ ގުޅިގެންނެވެ.