މ. މުލީ ރީޖަނަލް ހޮސްޕިޓަލުން ދެވޭ ޚިދުމަތުގެ ފެންވަރު މަތި ކުރުމަށް ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް، މިހެން ވިދާޅުވީ، މުލީ ރައްޔިތުންނާއި އެރަށުގައި މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު މ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ.

މި ބައްދަލުވުމުގެ ކުރިން، މ. އަތޮޅު ކައުންސިލާއި، މުލީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި، ބައްދަލުކުރައްވައި ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާއި އަދި ކުރަން ބޭނުންވާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެ ބައްދަލުވުންތަކުގެ ބޭނުންފުޅަކީ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ ތެރެއިން އެންމެ އަވަހަށް ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ބައްލަވައި ތަރުތީބުކުރެއްވުން ކަމަށެވެ. އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީ ވެސް، ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބައްލަވައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުން ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މުލީގެ ރައްޔިތުންގެ ފަރާތުން ވަނީ، އެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައްޔިތުންނާއި އެ ގޮތަށް ބައްދަލު ކުރެއްވި ފުރަތަމަ ރައީސަކީ، ރައީސް، ޞާލިޙް ކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާ ކޮށްފައެވެ.

ރައްޔިތުންނާ އެކު ބޭއްވި މި ބައްދަލުވުމުގައި، ރައްޔިތުން ވެސް ވަނީ ރަށުގެ ބަނދަރު މަރާމާތު ކުރަންޖެހިފައިވުމާއި، ގަވާއިދުން ފެރީގެ ޚިދުމަތް ލިބެމުން ނުދިޔުމާއި، އެއާޕޯޓުގެ މަސައްކަތާއި ކޯޒުވޭ އާއި ހޮސްޕިޓަލާއި އަތޮޅުތައުލީމީ މަރުކަޒުގެ ތަރައްޤީއަށް ކުރަން ބޭނުންވެފައިވާ މަސައްކަތްތައް ފާހަގަކޮށްފައެވެ.

ރައީސް ވިދާޅުވީ ރާއްޖެ، ޓްރާސްޕޯޓް ލިންކްގެ ހައިސްޕީޑް ފެރީގެ ޚިދުމަތް އެ އަތޮޅުގައި ފެށުމުގެ ކުރިން ވެސް، މ. އަތޮޅުގެ ފެރީގެ ޚިދުމަތަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެއް އޮތް ބަނދަރުގެ މައްސަލަ ހައްލުކުރުމަށް ޓަކައި، ބަނދަރުގެ ޑިޒައިނާއި ކުރެހުން މިހާރު ނިންމާފައިވާ ކަމަށެވެ.

މ. އަތޮޅުގެ ފަސް ރަށަކަށް ރައީސް ފެށްޓެވި ދަތުރުފުޅުގައި އެންމެ ފަހުން ވަޑައިގެންނެވީ، މ. މުއްޔަށެވެ. ރައީސްގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ.