30 Mar 2012, 11:56
ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވި ދުވަހު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުކުރި އެއްވެސް އަންހެނަކަށް އަނިޔާކޮށް ޖިންސީ ގޯނާ ކޮށްފައިނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 19 ގައި މާލޭގައި ހިނގި މުޒާހަރާތައް ފުލުހުން ކޮންޓްރޯލްކުރުމަށް ހަރަކާތްތެރިވަމުން ދިޔަ އިރު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ބައެއް އަންހުނުންނަށް އަނިޔާކޮށް، ޖިންސީ ގޯނާކޮށްފައިވާ ކަމަށް އެފަރާތްތަކާ ހަވާލާދީ އެމްނެސްޓީ އިންޓަނޭޝަނަލް އިން ހާމަކޮށްފައިވަނީ ހަގީގާތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭފަދަ ގޮތަކަށް އެމްނެސްޓީ އެފަދަ ބަޔާނެއް ނެރެފައިވާތީ އެކަން ކުށްވެރިކުރާ ކަމަށްވެސް ބުނެފައިވެ އެވެ.
" އެމްނެސްޓީން އެދުވަހު ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ބަޔާނެއް ނެރެފައިވަނީ އެދުވަހުގެ ކަންތައްތައް ހިނގާދިޔަ ބެލެވިގެން، ވަކިފަރާތަކަށް ނުޖެހި އިންސާފުވެރިކޮށް ކަމަށް ފުލުހުން ނުދެކެން،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނިގޮތުގައި މުޒާހަރާއަކާ ގުޅިގެން ނުވަތަ އެނޫން ވެސް ހާލަތަކާ ގުޅިގެން ހައްޔަރުކުރާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގަ އާއި އެމީހަކު ބަލައި ފާސްކުރުމުގައި ފުލުހުން އަމަލުކުރާނީ ގާނޫނު އަސާސީއާއި ފުލުހުންގެ ގާނޫނާއި ފުލުހުންގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު ތަކުގައިވާ ގޮތަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެންދިއުމުގައި ފުލުހުން ބާރުގެ ބޭނުން ކުރާނީ ހެދިފައިވާ ގަވާއިދު ތަކުގައިވާ ގޮތުގެ މަތިން އެންމެ ކުޑަ މިންވަރެއްގެ ބާރުގެ ބެނުން ކޮށްގެންނެވެ.
އެދުވަހު މާލޭގައި ކުރި މުޒާހަރާތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ހުރިހާ މީހުންވެސް ގެންގޮސްފައި ވާނީ ހިއުމަންރައިޓްސް ކޮމިޝަނާއި އާއްމު މީޑިއާ އާއި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކުގެ ކުރިމަތީ އެމީހުންގެ ހާޒިރުގައި ކަމަށާއި އެދުވަހު ހައްޔަރުކުރި މީހުންނަށް އަނިޔާކޮށްފައިވާނަމަ އެކަން އެފަރާތްތަކަށް ފެނިފައިވާނެ ކަމަށް ބުނެފައިވެ އެވެ.
ފުލުހުން ބުނީ މީހަކު ބަލައި ފާސް ކުރަން ޖެހޭ ކޮންމެ ގޮތަކަށްވެސް އެހާލަތެއްގައި ފުލުހުން ބަލާ ފާސްކުރާނެ ކަމަށާއި ހައްޔަރުކުރާ މީހުން ބަލާ ފާސްކުރި ނަމަވެސް އެކަން ކުރާނީ ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކާއި ހަމަތަކުގެ މަތިން ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.