ފީފާއިންް އިންޑިއާ ސަސްޕެންޑު ކުރުމާގުޅިގެން އޭއެފްސީ ވުމެންސް ކުލަބް ޗެމެޕިއަންޝިޕް އެ ގައުމުގެ ގޯކުލަމް ކެރެލާ އެފްސީއަށް ގެއްލިއްޖެއެވެ.

ފީފާއިން އިންޑިއާ ސަސްޕެންޑު ކޮށްފައިމިވަނީ މިދިޔަ މޭ މަހުގެ ތެރޭގައި އެ ގައުމުގެ ސުޕްރީމް ކޯޓުން އިންޑިއަން ފުޓުބޯޅަ ފެޑްރޭޝަންގެ ރައީސް ޕްރަފުލް ޕަޓޭލް އާއި އޭނާގެ ހިންގާ ކޮމެޓީގެ ބާރު ކަނޑުވާލައި، އެ ގައުމުގެ އެފްއޭއެ ހިންގުމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ކޮމިޓީއަކާ ހަވާލުކުރުމުންނެވެ.

އިންޑިއާ ސަސްޕެންޑު ކުރިކަން އެންގުމަށް ފީފާއިން ނެރުނު ބާޔާނުގައި ބުނެފައިވަނީ އެ ސަސްޕެންޝަން އުވާލާނީ އެ ގައުމުގެ ފުޓުބޯޅަ ފެޑްރޭޝަންގެ ބާރުތައް އަލުން އެ ފެޑްރޭޝަނަށް ދިނުމުންކަމަށެވެ.

އެހެންކަމުން މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ފުޓުބޯޅަ ފެޑްރޭޝަންގެ ކަންކަން ކުރުމަށް އިސްކޮށްފައިވާ ކޮމެޓީ އުވާލައި، އެ ގައުމުގެ ފުޓުބޯޅައިގެ ހުރިހާ ބާރެއް ފުޓުބޯޅަ ފެޑްރޭޝަނަން ދިނުމަށް އެއްބަސްވެފައެވެ.

އެހެންކަމުން 11 ދުވަހު އެ ގައުމު ސަސްޕެންޑުކޮށްފައި ބޭއްވުމަށްފަހު ފީފާއިން ވަނީ ސަސްޕެންޝަން އުވާލައިފައެެވެ.

ނަމަވެސް ސަސްޕެންޝަން އުވާލިލެއް ލަސްވުމުމުގެ ސަބަބުން ގޯކުލަމް ކެރަލާ އެފްސީއަށް އޭފްސީ ވުމެންސް ކުލަބް ޗެމްޕިއަންޝިޕްގައި ބައިވެރިވެވޭގޮތެއް ނުވިއެވެ.

މިމަހުގެ 23 އަދި 26 ވަނަ ދުވަހު ގޯކުލަމްއިން އޭފްސީ ޗެމްޕިއަންޝިޕްގައި ކުޅެންޖެހޭއިރު ސަސްޕެންޝަންގެ ސަބަބުން އެ މެޗުތައް އެ ޓީމު އަތުން ވަނީ ގެއްލިފައެވެ.

ފީފާއިން އިންޑިއާ ސަސްޕެންޑު ކޮށްފައިވަނީ އިންޑިއަން ވިމެންސް ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ވުމެންސް ޗެމްޕިއަންޝިޕަށް ކޮލިފައިވި ގޯކުލަމް ޓީމު އެ މުބާރާތަށް އުޒްބަކިސްތާނަށް ވެސް ދިޔަ ފަހުންނެވެ. ސަސްޕެންޝަންގެ ސަބަބުން އެ ޓީމު ވަނީ މުބާރާތް ނުކުޅެ އެނބުރި ގައުމަށް ގައުމަށް އައިސްފައެވެ.

ދެމަސް ކުރިން އެ މުބާރާތަށް ތައްޔާރުވާން ފެށި ގޯކުލަމް ޓީމުން ވަނީ އެ މުބާރާތުގައި ބައިވެރިނުވެވުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.