28 Aug 2022, 16:29
ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ބަންގްލަދޭޝްގެ އަލަމްގީރްގެ ޝަރީއަތް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުން ޝެޑިއުލް ކޮށްފިއެވެ.
މާދަމާ ހަވީރު 4:00ގައި ބާއްވާ އެ ޝަރީއަތުގައި އެއްޖިންސުން ގުޅުން ހިންގިކަމުގެ ތިން ދައުވާއެއް އަލަމްގީރްގެ މައްޗަށް ކުރަން ވަނީ ޝެޑިއުލްކޮށްފައެވެ. އެ ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައިވަނީ އާއްމުންނަށް ނުވަދެވޭނެހެން ސިއްރުންނެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. ކޯޓު އަމުރެއްގެ ދަށުން އަލަމްގީރް ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅުނު ގެސްޓްހައުސް ތެރެއިންނެވެ.
އަލަމްގީރް ހައްޔަރު ކުރުމުގެ ކުރިން އޭނާ ވަނީ އެއްޖިންސުން ގުޅުން ހިންގި ކަމަށް އެއްބަސްވެ، ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދި ވީޑިއޯ މެސެޖެއް ދީފައެވެ.
އަލަމްގީރް ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ އެތައް ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު ހިމެނެއެވެ. ތަހުގީގަށް ފަހު ބަންދުން އެ މީހުން ދޫކޮށްލާފައިވާއިރު އެ މީހުންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.