މީގެ އެއް އަހަރު ދުވަސް ކުރިން މަރުވެފައިވާ މީހަކު ތަހުގީގަށް ހާޒިރުވާން އަންގައި އިއުލާން ކުރެވުނީތީ ފުލުހުން މިއަދު މާފަށް އެދިއްޖެއެވެ.

ތަހުގީގަށް ހާޒިރުވުމަށް އެދި ފޮޓޯއާއެކު ފުލުހުން މިއަދު ހޯދަން އިއުލާނުކުރީ އދ. ދަނގެތި/ ފެހިވިލާ, ޝަކްލުالله އަލީ (43އ) އެވެ.

ޝަކްލުاللهގެ ފޮޓޯ ފުލުހުން މިއަދު އާންމުކުރިއިރު އޭނާ ވަނީ މިދިޔަ އަހަރުގެ ޖޫން 19 ވަނަ ދުވަހު މަރުވެފައެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވިއެވެ.

ފުލުހުން ބުނީ އެ އިއުލާން ކުރެވުނީ އިދާރީ އޮޅުމަކުން ކަމަށެވެ. އެކަމަށްޓަކައި މަރުވެފައިވާ މީހާގެ އާއިލާއާއި އާންމުންގެ ފަރާތުން ފުލުހުން ވަނީ މާފަށް އެދިފައެވެ.

އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މިފަދަ ކަންކަމުގައި އަމަލުކުރަމުންގެންދާ އުސޫލްތަކަށް ގެންނަ ޖެހޭ ބަދަލުތައް އެ މުއައްސަސާއިން ގެންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ފުލުހުން ބުންޏެވެ.