28 Aug 2022, 12:36
މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހާރު މ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވޭވަށަށް ވަޑައިގެން އެ ރަށު ބަނދަރު ރަސްމީގޮތުން ވަނީ ހުޅުވައިދެއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ރާއްޖޭގެ 115 ރަށެއްގައި ހިނގަމުންދާ ކަމަށެވެ. އޭގެ ތެރެއިން 38 ރަށެއްގެ މަސައްކަތް ނިމި އިތުރު ރަށްރަށުގެ މަސައްކަތްތައް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވޭވަށަކީ މަސްގަނެ މަސްކައްކާ ވިއްކުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުންދާ ރަށެއް ނަމަވެސް މިހާތަނަށް އައިއިރު އެ މަސައްކަތަށް ފަހިވާގޮތަށް ބަނދަރެއް ހެދިފައި ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.

މ. ވޭވަށުގެ ބަނދަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ ރައީސް އޮފީސް
ރައީސް ވިދާޅުވީ އާބާދީ ކުދި ރަށްރަށަށް ކުރިމަތިވާ ގޮންޖެހުންތައް ވޭވަށަށް ވެސް ކުރިމަތިވާކަމަށެވެ.
"ނަމަވެސް މި ސަރުކާރުގެ ސިޔާސަތަކީ އާބާދީގެ ކުޑަބޮޑުމިނަށް ނުބަލައި ދިވެހި ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ސަރުކާރުން ގާއިމުކޮށްދޭންޖެހޭ އަދި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ތަފާތުކުރުމެއްނެތި ފޯރުކޮށްދިނުން،" އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވޭވަށުގައި މިހާރު ކުރިއަށްދާ ތަރައްގީގެ މުހިންމު ބައެއް މަޝްރޫއުތައް ފާހަގަކުރައްވައި ވިދާޅުވީ، ފެނާއިނަރުދަމާގެ ޚިދުމަތްވިޔަސް ރައްޔިތުން ބޭނުންވާ ތަރައްގީގެ ކަންކަން ސަރުކާރުގެ ޕްލޭނާއެކު ކުރިއަށް ގެންދަވާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވޭތުވެދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ވޭވަށުގެ ތަރައްގީއަށް ޚަރަދުކުރީ ގާތްގަޑަކަށް ދެ މިލިއަން ރުފިޔާކަން ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެކަނިވެސް ވޭވަށުގެ ތަރައްގީގެ މަޝްރޫއުތަކަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މ. ވޭވަށުގެ ބަނދަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ ރައީސް އޮފީސް
ހަމައެއާއެކު މި ސަރުކާރުން ވަކި އަތޮޅެއް ވަކި ރަށެއް އަދި ވަކި ވިސްނުމެއްގެ ބަޔަކު ބާކީ ނުކޮށް ތަރައްގީގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ވޭވަށު ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 294 މީޓަރުގެ އެއްގަމުތޮށި އަދި ބޮޑު ހިލަޖަހައިގެން 374 މީޓަރުގެ ބޭރުތޮށިލުމާއި 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއެވެ.
އެ މަޝްރޫއަކީ 48.4 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
މ. އަތޮޅުގެ ފަސް ރަށަކަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.