28 Aug 2022, 12:04
އެމްޓީސީސީން މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާ، އެރަށަށް ދިމާވެފައިވާ އުދަ އެރުމުގެ މައްސަލައަށް ހައްލެއް ހޯދައިދީފިއެވެ.
ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތު އިއްޔެ އެ ރަށުގައި ވަނީ ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ބައެއް މިނިސްޓަރުންނާއި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން އަދި އެ ރަށު ކައުންސިލް މެންބަރުންގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ ދިއްގަރު ބިންހިއްކުމުގެ މަސައްކަތް ވެސް އެމްޓީސީސީއިން މިހާރު ކުރިއަށްގެންދާކަން ފާހަގަކުރައްވައި، އެ މަޝްރޫއު ނިމޭއިރު އެ ރަށް 38 ހެކްޓަރަށް ބޮޑުވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ޖަހާފައިވާ ހިލަތޮށިން ލިބެނީ ކިހާވަރެއްގެ ހިމާޔަތެއްތޯ ބަލަމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިއަށް މިއޮތް ދެތިން އަހަރުގައި މިލެވުނު ހިލަތޮށިން ލިބެނީ ކިހާވަރެއްގެ ހިމާޔަތެއްތޯ ބަލައި، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ސަރުކާރުން ކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމުން ފާހަގަކުރުމުގެ ގޮތުން، އެ ރަށުގެ ތްރީ-ޑީ މޮޑެލްއެއް ވެސް ދިއްގަރު ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ.
ދިއްގަރަކީ ކޮންމެ އަހަރެއްގެ އިރުވައި މޫސުން ފެށުމާއެކު ހަޅައިގެ އުނދަގޫ ދިމާވާ ރަށެކެވެ. އިރުވައިގެ ހަޅަޖަހަން ފެށުމާއެކު ދިއްގަރުގެ ރަށުތެރޭގައި ލޮނުގަނޑު ބޮޑުވެ، ރައްޔިތުންނަށް ވަރަށްބޮޑު ތަކުލީފަކަށް އެކަން ވެގެންދެއެވެ. އަދި ހަޅަ ނިމޭއިރު ރަށުގެ ގޮނޑުދޮށުން ބޮޑުބައެއް ގިރައިގެން ދެއެވެ.
ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާއިރު، އެމަޝްރޫގެ ދަށުން ދިއްގަރަށް އެންމެ ބޮޑަށް އުދައަރާ، ސަރަހައްދުގެ 701 މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި ވަނީ ބޮޑުހިލައިން ތޮށިލާފައެވެ.
ދިއްގަރުގައި ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހިނގަމުންދާއިރު މިހާރު ވަނީ 17 ހެކްޓަރުގެ ބިން ހިއްކާ ނިމިފައެވެ. އެ ދެ މަޝްރޫއުގެ އަގަކީ، 121.1 މިލިޔަން ރުފިޔާއެވެ.